އިންޑޮނޭޝިޔާގެ އެތައްހާސް ބަޔަކު، ވެރިރަށް ޖަކާޓާގައި ހުންނަ ފަރަންސޭސި އެމްބަސީ ކުރިމަތީގައި ވަރުގަދަ މުޒާހަރާއެއް ކުރަމުން އެބަގެންދެއެވެ.

މުޒާހަރާ ކުރަމުންދާ މީހުން ތިބީ، "އަސްލު ޓެރަރިސްޓް" އަކީ ފަރަންސޭސި ރައީސް އިމެނުއެލް މެކޯން ކަމަށް ލިޔެފައިވާ ބެނާތައް ހިފައިގެންނެވެ.

އަދި މުޒާހަރާކުރާ މީހުން ގެންދަނީ، އިންޑޮނޭޝިޔާގައި ހުންނަ ފަރަންސޭސި އެމްބަސެޑަރ ވަގުތުން ގައުމުން ބޭރުކުރުމަށްވެސް ގޮވާލަމުންނެވެ. އަދި ފަރަންސޭސި އުފެއްދުންތައް ބޮއިކޮޓް ކުރުމަށްވެސް ގެންދަނީ ގޮވާލަމުންނެވެ.

އިންޑޮނޭޝިޔާ ރައްޔިތުން ފަރަންސޭސިވިލާތާ ދެކޮޅަށް މުޒާހަރާ ކުރަމުން މިގެންދަނީ، އިސްލާމްދީނާ ގުޅޭގޮތުން ފަރަންސޭސި ރައީސް ދެއްކެވި ވާހަކަތަކަށް ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

އިންޑޮނޭޝިޔާގެ އެކި ހިސާބުތަކުގައި މެދުނުކެނޑި ގެންދަނީ ފަރަންސޭސި ރައީސާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

އިންޑޮނޭޝިޔާގެ އިތުރުން، އިސްލާމީ އެތައް ގައުމެއްގައިވެސް ގެންދަނީ ފަރަންސޭސި ރައީސާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

އިންޑޮނޭޝިޔާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ގައުމެވެ.

މުޒާހަރާގެ ބައިވެރިންވަނީ، އިސްލާމްދީނާއި މުސްލިމުންނާ ގުޅޭގޮތުން ފަރަންސޭސި ރައީސް މެކޯން ދެއްކެވި ވާހަކަތައް އަނބުރާ ގެންގޮސް، ދުނިޔޭގެ ހުރިހާ މުސްލިމުންގެ ކިބައިން މައާފަށް އެދުމަށް ގޮވާލަމުންނެވެ.

އިންޑޮނޭޝިޔާގެ ރައީސް ޖޮކޮ ވިޑޯޑޯ ކުރިންވަނީ، ފަރަންސޭސިވިލާތުގައި ދެމުންގެންދާ ހަމަލާތަކާއި އަދި އިސްލާމްދީނާ ގުޅޭގޮތުން ފަރަންސޭސި ރައީސް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވީ، ފަރަންސޭސި ރައީސްގެ ވާހަކަތަކަކީ، އިސްލާމްދީނަށް ފުރައްސާރަވާ ވާހަކަތަކެއް ކަމަށާއި، އަދި އެ ވާހަކަތަކުގެ ސަބަބުން ދުނިޔޭގެ މުސްލިމުންނަށް ހިތްދަތިކަން ލިބިފައިވާ ކަމަށެވެ.

ފަރަންސޭސި ރައީސް އިމެނުއެލް މެކޯން އިސްލާމްދީނާއި، މުސްލިމުންނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އިންޑޮނެޝިޔާ ސަރުކާރުންވަނީ، އެގައުމުގައި ހުންނަވާ ފަރަންސޭސި އެމްބަސެޑަރ ޚާރިޖިއްޔާއަށް ހާޟިރުކޮށް ސުވާލުކޮށްފައެވެ.