މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ސްކޮޓްލޭންޑްގެ ގްލާސްގޯގައި ކުރިއަށްގެންދާ ކްލައިމެޓް ސަމިޓް "ކޮޕް 26" ގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރާނެ ގޮތްތަކާއި އެކަމަށް ބޭނުންވާނެ ވަސީލަތްތައް މިހާރު އެބަހުރި ކަމަށާއި ނަމަވެސް ގަބޫލުކުރަން ޖެހޭ ހިތި ހަގީގަތަކީ، އެކަން ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަން ކަމަށެވެ.

"މި ހާލަތު ބަދަލު ކުރެވޭނެ. ހަގީގީ މަސައްކަތްތަކެއް ކޮށްގެން ހާލަތު ބަދަލުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ވަރަށް ގިނައިން އަޑުއިވޭ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ގައުމުތަކުގެ ސަމާލުކަން ހޯދަން، މިދިޔަ އަންގާރަ ދުވަހު އދ. ގެ އާއްމު މަޖިލީހުގައި ބައްދަލުވުންތަކެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވެސް ދެއްކެވީ ހަމަ އެއްވާހަކައެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެގޮތުން އެބޭފުޅުންވެސް ދެއްކެވީ، ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގައި ބެހެއްޓުމުގެ ވާހަކަ. ނާޒުކު އާބާދީތަކަށް އެހީތެރިވުން އަވަސް ކުރަން ޖެހޭ ވާހަކައާއި ޓެކްނޮލޮޖީއަށް އެކަށީގެެންވާ ހަރަދެއް ކުރަން ޖެހޭ ވާހަކަ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މޫސުމަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށާއި އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށެވެ.