ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ކެއުމަށް މަހަކު 4 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ ކަމަށް ޖެންޑަރ މިނިސްޓްރީންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން "ހަލި ނިއުސް" އާ ހިއްސާކޮށްފައިވާ މައުލޫމާތުގައި ވާގޮތުގައި އެ މަރުކަޒުގައި 199 ބަލި މީހުން ބަލަހައްޓައެވެ. އެއިން ކޮންމެ މީހެއްގެ ކެއުމަށް ދުވާލަކަށް އެވްރެޖުކޮށް 80 ރުފިޔާ ޚަރަދުވެއެވެ. އެއީ މަހެއްގެ މައްޗަށް ބޮލަކަށް 2400 ރުފިޔާ އެވެ. އެއީ 199 މީހުންނަށް މަހެއްގެ މައްޗަށް 477,600 ރުފިޔާ އެވެ.

އެހެނިހެން ޚަރަދުތަކަށް ބަލާއިރު ދެން އެންމެ ބޮޑު ޚަރަދެއް ކުރަން ޖެހެނީ ކެއްކުމަށާއި، ފެންވެރުމުގެ އިތުރުން ބުއިމަށް ބޭނުން ކުރާ ފެނަށެވެ. އެގޮތުން މަހަކު އެވްރެޖުކޮށް ބޮލަކަށް 1090 ރުފިޔާ ޚަރަދުވެއެވެ. އެއީ 199 މީހުންނަށް ބަލާނަމަ 216,910 ރުފިޔާއެވެ.

ދެން ހުރި އެހެން ޚަރަދުތަކަށް ބަލާނަމަ މެޑިކަލް ސަޕްލައިޒްސް (އާސަންދަ ކަވަރ ނުވާ ޚިދުމަތް ތަކުގެ އިތުރުން އަންގި، ފޭސް މާސްކް ހިމަނައިގެން) ބޮލަކަށް މަހެއްގެ މައްޗަށް 210 ރުފިޔާ ޚަރަދުވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެހެނިހެން ގޮތްގޮތުން ބަލިމީހުންނަށް ހޯދާތަކެތި (ނެޕީ، އަންނައުނު، ރީތިވާ ސާމާނު، ފެންވަރަން ބޭނުންވާ ތަކެތި، ބެޑްޝީޑް، ބާލީސް، ބާލީސް އުރަ) ފަދަ ތަކެއްޗަށް މަހަކު 476 ރުފިޔާ ބޮލަކަށް ޚަރަދުކުރެއެވެ. މީގެ އިތުރުން ދޮވެއިސްތިރި ކުރުމަށް ހޯދޭ ތަކެއްޗަށް މަހަކު 86 ރުފިޔާ ޚަރަދު ވެއެވެ. ކަރަންޓަށް 983 ރުފިޔާ ޚަރަދުވެއެވެ.

ދަތުރު ޚަރަދު (މާލެއަށް އަދި މާފުށްޓަށް ޑޮކްޓަރަށް ދެއްކުމަށް ގެންދާ ޕޭޝަންޓުން އަދި އެޕޭޝަންޓުން ގޮވައިގެން ދަތުރު ކުރާ މުވައްޒަފުންނަށް ހިނގާ ޚަރަދު)ގެ ގޮތުގައި މަހަކު 448 ރުފިޔާ ޚަރަދުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަދަދުތައް ބަލާފައިވަނީ 2021 ވަނައަހަރުގެ ސެޕްޓެމްބަރގެ ނިޔަލަށް ކޮށްފައިވާ ޚަރަދުންނެވެ.