މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްމަޖައްލާތަކުގެ މައުލޫމާތު އަދާހަމަ ކުރުމުގެ ޚާއްސަ މަސައްކަތެއް ފަށްޓަވާފައިވާކަން އެމިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ ނިޝާނާ ހަސަން ވިދާޅުވީ 2020 ވަނަ އަހަރުގެ ޑިސެމްބަރ 31 ގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ މައުލޫމާތު އެއްވެސް ބަދަލެއް އައިސްފައިވާނަމަ މި ހިނގާ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 13:30 ގެ ކުރިން މައުލޫމާތަށް އައިސްފައިވާ ބަދަލު އެނގޭނެހެން ސިޓީއަކުން ހޯމް މިނިސްޓްރީއަށް ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމަށްފަހު ނޫހުގެ މަސްއޫލުވެރިޔާ، އެޑިޓަރު، އިދާރާ، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ފަދަ މައުލޫމާތަކަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެކަން ހޯމް މިނިސްޓަރީ އަށް އަންގަވައި ދެއްވުމަށް އެމިނިސްޓަރީން ވަނީ އެދިފައެވެ.

ނިޝާނާ ހަސަން ވިދާޅުވީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްމަޖައްލާގެ ދަފްތާރުގައި ވޭތުވެދިޔަ 2020 ވަނަ އަހަރުގެ ނިޔަލަށް 228 ނޫސްމަޖައްލާ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އޭގޭތެރޭގައި އެއްގޮތަކަށް ވެސް އަދާހަމަކުރަމުން ނުދާ ނޫސްތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.