ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ސުކޫލުތަކަށް އަންގަވައިފިއެވެ. އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ސޮއިކުރައްވައި ސުކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ވިދާޅުވެފައި ވަނީ ސުކޫލުގައި ދަރިވަރުން ހޭދަކުރާ ހުރިހާ ވަގުތަކީ އެކުދިން ރަނގަޅަށް ބެލެހެއްޓި އަދި އެކުދިންނަށް ޒިންމާވެވޭނެ ފަރާތެއް އަބަދުވެސް ކަނޑައެޅިފައި ހުންނަންވާނެ ވަގުތެއް ކަމަށެވެ.

މީގެ އިތުރަށް ބޭބީ ނާސަރީ، ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖުގެ (އެލްކޭޖީ އަދި ޔޫކޫޖީ) ދަރިވަރުން ސުކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައި ކުދިންނާއި ހަވާލުވެ ޒިންމާވާނެ ޓީޗަރަކު ހުރިކަން ސުކޫލުތަކުގެ ޕްރިންސިޕަލުން ކަށަވަރު ކުރަންވާނެކަމަށްވެސް މި ސާކިއުލާގައި ވެއެވެ.

މި ކުދިން ފާޚާނާއަށް ފޮނުވާ ވަގުތާއި އެހެނިހެން ޙަރަކާތްތަކުގައި އުޅޭ ވަގުތުތަކުގައި ކިލާސް ޓީޗަރު ފިޔަވާ އެހެންމީހަކު ދަރިވަރުންނާއި ހަވާލުވާނަމަ، އެއީ ކާކުކަން ކިލާސްޓީޗަރަށް އެގެން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ދާދި ފަހުން ގަލޮޅު މަދަރުސާގައި ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ، ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ކުއްލި މައްސަލައެއްގެ ގޮތުގައި ތާވަލު ކުރައްވާފަ އެވެ. މި މައްސަލާގައި ގަލޮޅު މަދަރުސާއިން ވަނީ އެސުކޫލުގައި މަސައްކަތްކުރާ ހުރިހާ އަންހެން މަސައްކަތު މީހުން، މަސައްކަތުން އެކަހެރިކޮށްފައެވެ.