ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ލ. ގަމުގެ 5 މިސްކިތަކާއި އިޖުތިމާއީ މަރުކަޒުގައި ސޯލަރ ޕީވީ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިފި އެވެ.
މިއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމާއި ނެޓްމީޓަރިންގ އުސޫލުން ސޯލަރ ޕީވީ ނިޒާމު ގާއިމު ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ލ. ގަމު 5 މިސްކިތަކާއި އިޖްތިމާއީ މަރުކަޒުގައި ޖުމްލަ 60 ކިލޯވޮޓު ޕީކްޕަވަރ ސޯލަރ ޕީވީ ހަރުކުރެވިގެން ދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވިއެވެ. މިކަމުގެ ސަބަބުން ލ. ގަމު ކައުންސިލުން ކަރަންޓަށް ކުރައްްވާ ޚަރަދު ބޮޑުތަނުން ކުޑަ ވެގެންދާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ދުވާލެއްގެ މައްޗަށް ޑީސަލް ބޭނުންކުރެވޭ އަދަދު 80 ލީޓަރު މަދުކުރެވިގެން ދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން އަންދާޒާ ކުރައްވައެވެ. މީގެ އިތުރުން މަހެއްގެ މައްޗަށް ފެނަކައަށް 2400 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވިގެންދާނެއެވެ. އޭގެއިތުރުން ޖައްވަށް ބޭރުކުރާ ވިހަ ގޭހެއް ކަމަށްވާ، ކާބަންޑައިއޮކްސައިޑްގެ މިންވަރު މަހެއްގެ މައްޗަށް 5 ޓަން މަދުވެގެންދާނެ ކަމަށްވެސް ފެނަކައިން އަންދާޒާ ކުރައްވައެވެ.
ދެމެހެއްޓެެނިވިި ގޮތެއްގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކަރަންޓުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަކީ ސަރުކާރުގެ އަމާޒުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން ސަރުކާރުގެ މި އަމާޒު ހާސިލްކުރުމަށް ފެނަކަ ކޯޕަރޭޝަނުން ދަނީ މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްމުންނެވެ.