ކައިވެނީގެ ހަފްލާ ބާއްވާ ރޭ އައިސް ޖެހުނީއެވެ. މިރެއަށް ދެފަރާތުގެ އާއިލާއިން ދިޔައީ އިންތިޒާރު ކުރަމުންނެވެ. ހަފްލާ ފެށިއްޖެއެވެ. ދަޢުވަތު ދެވިފައިވާ މީހުން އަންނަން ފަށައިފިއެވެ. ހޯލު ތެރެވަނީ އެކި ކުލައިގެ އަލިން ޒީނަތްތެރި ކޮއްފައެވެ. މި ކައިވެނީގެ ކުލައަކީ ރަތް ކުލަ ކަމުން ގިނަ މީހުން ހާޒިރުވެތިބީ ރަތްކުލައިގެ ހެދުމުގައެވެ. ވަހީދާ ހުރީ މުޅިން ރަތް ކުލައިގެ ހެދުމެއްގައެވެ. ނާއިފް ރަތް ގަމީހަކާއި ކަޅޫ ފަޓްލޫނެއްގައެވެ. ހޯލުތެރޭގައި ބޮޑުބެރާއި ލައިވް މިއުޒިކް ކުޅެމުންދެއެވެ. އެ މިއުޒިކާއި އެއްވަރަށް ހާޒިރުވެތިބި މީހުން އަތް ޖަހަމުން ދެއެވެ. އެއްބަޔަކު ކެއުމުގެ ކަންތަކާއިގެން އުޅުނެވެ. ނާއިފް އާއި ވަހީދާ އެމީހުންނަށް ތައްޔާރު ކުރެވިފައިވާ ސްޓޭޖް މަތީގައި ތިއްބެވެ. ދެމީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ހަފްލާ ނިމުނީ ބާރަ ޖަހަން ގާތްވެފައި ހުއްޓައެވެ. ކާރުގައި ނާއިފްމެން ގެއަށް ދާން ދުއްވައިލިއެވެ. މަގުމަތީގައި އެހާ ގިނަބަޔަކު ނޫޅެއެވެ. އެހެން ކަމުން ގެއަށް އަންނަން ވަރަށް ފަސޭހަވިއެވެ. ދުއްވާ ތަކެތި މަދުވުމުގެ ސަބަބުންނެވެ. ގޭތެރެވަނީ ޒީނަތްތެރި ކޮއްފައެވެ. ވަހީދާގެ މަންމަމެން އެ ހަފްލާއަށް ދިޔައީ ހަފްލާފަށަން ގާތްވެފައި ވަނިކޮށެވެ. އެހެން ކަމުން ގޭތެރޭގައި ކޮންމެވެސް ކަންތަކެއް ކޮއްފައި ހުރެދާނެކަމަށް ވަހީދާ ގަބޫލު ކުރިއެވެ. ސަޕްރައިޒެއްގެ ގޮތުގައެވެ. ނާއިފް ގޮސް ދޮރުގައި ހިފައިލިއެވެ. ވަރަށް މަޑުން އަދި އެހާމެ ވިސްނައިގެން ހުރެއެވެ. އެއީ ދޮރަށް ކޮންމެވެސް ކަމެއް ކޮއްފައި ހުރެދާނެކަމަށެވެ. ނަސީބަކުން އެކަހަލަ އެއްވެސް ކަމެއް ކޮއްފައެއް ނެތެވެ. ނާއިފް އެތެރެއަށް ވަނެވެ. ފަހަތުން ވަހީދާވެސް ވަނެއެވެ. ކޮޓަރިތެރެއޮތީ ނިއްވާލައިފައެވެ.

ވަހީދާ ގޮސް ސްވިޗް ޖައްސައިލިއެވެ. ކޮޓަރި ތެރެއިން ފެނުނީ ގަބޫލު ކުރަން ދަތި މަންޒަރެކެވެ. ކޮޓަރީގައި ކޮންމެވެސް މީހެއްގެ ފިޔަވަޅު ތައް ހުއްޓެވެ. ނާއިފް ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނާއިފް ބިރުގަތެވެ. ނާއިފް ގައިގައި ހިފަހައްޓާލައިގެން ވަހިދާވެސް ހުރީ ބިރުންނެވެ. އެނދު ދަށުގައި ލޭ ހުއްޓައި ނާއިފަށް ފެނުނެވެ. ކޮޓަރިން ނިކުމެގެން ދުއްވައިގެންފިއެވެ. ގޭތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނާއިފް މޮބައިލް ނެގިއެވެ. ފުލުހުންނަށް ގުޅާށެއެވެ. ކަންތައްވީ ވަރަށް ދެރަކޮށެވެ. ފޯނުގެ ބެޓްރީ ޗާޖް ދިޔައީއެވެ. ވަހީދާގެ ފޯނުވެސްވީ މަންމަމެން އަތުގައެވެ. ކިހާ ދެރަހެއްޔެވެ. ފުލުހުންގެ މީހަކު އަތުޖެހޭތޯ މަގުމަތީގައި ނާއިފް އާއި ވަހީދާ މަޑުކޮއްލިއެވެ. އެތައް އިރެއްވީ އިރުވެސް ފުލުހުންގެ މީހަކު އަތުނުޖެހުމުން ކާރަށް އަރައިގެން ނާއިފް މަންމަމެން ގާތަށް ދިޔައެވެ. ވަހީދާމެން ފެނުމާއިއެކު މަންމަމެންނަށް ހެވުނެވެ.

" މީ މީ މީހަކު މަރާލައިފައި އެބައޮތް ކޮޓަރީގައި " ވަހީދާއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ.

" ކާކު؟ އެކޮޓަރިއަށް އެއްވެސް މީހަކަށް ނުވަދެވޭނެ " ވަހީދާގެ މަންމަ ބުނެލިއެވެ.

އާއިލާގެ މީހުންނާއިއެކު ނާއިފްމެން ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. މާގިނަ އިރެއް ނުވަނީ ގެއަށް ދެވިއްޖެއެވެ. ގޭތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

" ތިއީ ކާކުތޯ އަހަރެން ބަލާފާނަމޭ. ނުކުރޭނެ ސަލާމަތަކުން ދާކަށް " ނާއިފް ބައްޕަ ބުނެލިއެވެ. ނާއިފް ބައްޕަ ވަނީ އެކޮޓަރިއަށެވެ. އެއްވެސް ޖެހިލުމެއްނެތިއެވެ. މާގިނަ އިރެއް ނުވަނީ ނިކުތެވެ.

" އެއްވެސް މީހަކު ފެންނާކަށް ނެތް ލޭ ވެސް ނެތް . ތީ ދަރިފުޅަށް ހީވިގޮތް " ނާއިފް ބައްޕަ ހުރީ ހެވިފައެވެ.

" ނޫނޭ އަހަރެން ދެކުނިން " ނާއިފް ހުރީ ހައިރާންވެފައެވެ.

" ތިއީ މާ ވަރުބަލި ވެފައި ހުރީމަ ހީވި ގޮތް ކަމަށް ވާނީ " ވަހީދާގެ މަންމަ ބުނެލިއެވެ.

ނާއިފްމެން ކޮޓަރިއާއި ދިމާލަށް ހިނގައިގެންފިއެވެ. ހެދުން ބަދަލުކޮއްލައިގެން ބޭރަށް ނިކުތެވެ. އާއިލާގެ މީހުންނާއި އެކީ މަޖާކޮއްލުމަށެވެ.

" ކޮބާ މި އެންމެން މަޖާކުރާއިރު މަންމަ " ނާއިފް ސުވާލު ކުރިއެވެ.

" ބައްޕަ އާއި އެކީ ދިޔަ ގޮތަށް އަދި ނާންނަނީ ދޯ " ވަހީދާ އަހާލިއެވެ.

އެމީހުން ވާހަކައިގައި ތިއްބާ ނާއިފް މަންމަ ޝަރީފާ ވަދެގެން އަންނަތަން ފެނުނެވެ. ޝަރީފާ އަންނަނީވެސް ކޮރު ޖަހަމުންނެވެ. އޭނަގެ ފައިން ލޭ ފައިބަމުންދެއެވެ.

" ދެންމެ ގެއަށް އަންނަނިކޮށް ސައިކަލަކުން ޖެހިފައި ވެއްޓުނީ " ނާއިފް މަންމަ ޝަރީފާ ބުނެލިއެވެ.

" ދެން ކީއްވެ މިހާ ލަސްވީ. މިގޭގައި މިއުޅެނީ މާ ބޮޑު ކަންތަކެއް ހިނގައިގެން " ނާއިފް ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

" ގޭގައި އުޅެފައި މިދިޔައީ " ޝަރީފާ ބުނެލިއެވެ.

އެންމެން ވަނީ ގޭތެރެއަށެވެ. ގޭތެރެވެސް ވަނީ ޒީނަތްތެރި ކޮއްފައެވެ. ނާއިފް ހުރީ ވަރަށް ވަރުބަލިވެސް ވެފައެވެ. އަދި ވަކިން މިރޭ ދިމާވި ކަންތަކުގެ ސަބަބުންނެވެ. ނާއިފް ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ވަހީދާވެސް އައިސް އޮށޯތެވެ. ވަހީދާ ސިއްސައިގެންދިޔައީ ގަޑި އެލާމް ވާ އަޑަށެވެ. ވަހިދާ އެނދުން ތެދުވެ ވަށައިގެން ހޯދައިލިއެވެ. އެއްވެސް ދިމާލަކުން ގަޑިއެއް ފެންނާކަށް ނެތެވެ.

" ނާއިފް އެގަޑި ހޯދަބަލަ. ކޮންމެވެސް ބަޔަކު އެހެރީ އަހަރެމެންނަށް ނިދިޔަނުދޭންވެގެން ކޮޓަރިއަށްގަޑިއެއް ލާފައި " ވަހީދާ ނާއިފްއަށް ގޮވާލިއެވެ. އެވަރުންވެސް ނާއިފް އަށް ހޭލެވޭ ވަރެއް ނުވިއެވެ. އަނެއްކާވެސް ވަހީދާ ކޮޓަރިތެރެ ހޯދަން ފަށއިފިއެވެ. އެންމެފަހުން އެނދު ދަށުން ގަޑި ފެނުނެވެ. ވަހީދާ ހަމަޖެހުމުގެ ނެވާއެއްލިއެވެ. ގަޑި ހިފައިގެން ގޮސް މޭޒުމަތީގައި ބެހައްޓާފައި އައިސް އޮށޯވެލިއެވެ.

ނާއިފްއަށް ހޭލެވުނީ އަށެއް ޖަހާވެސް ބޮޑުވި ފަހުންނެވެ. ފެންވަރާއިލައިގެން ބޭރަށް ނިކުތް އިރު ވަހީދާ ސައި ތައްޔާރު ކުރުމުގައި އުޅުނެވެ. ނާއިފް ހޭލަންވާއިރަށެވެ.

" ވަހީދާތަ ސައިހެދީ " ނާއިފް ސުވާލު ކުރިއެވެ.

" ދެން ކާކު. ފިރިމީހާގެ ކަންތައް ކުރަން ބޭނުމީ އަހަރެން އަމިއްލައަށް " ވަހީދާ ހީލިއެވެ.

އެވަގުތު ނާއިފް މަންމަ ޝަރީފާވެސް ކޮޓަރިން ނިކުމެގެން އަންނަތަން ނާއިފްއަށް ފެނުނެވެ.

" ކޮބާ އަދިވެސް ތަދުވޭތަ " ނާއިފް ސުވާލު ކުރިއެވެ.

" ނޫނޭ. ނަސީބެއް ވަހީދާގެ ބައްޕަ ހުރިކަން. އެއީ ހާދަ ރަނަގަޅު މީހެކޭ ދޯ " ޝަރީފާ ހީލިއެވެ.

އެންމެން ސައިބޮއިގެން ހިގައްޖެއެވެ. ނާއިފް އާއި ވަހީދާ ގޮސް ސިޓިންގރޫމްގައި އިށީނެވެ. ނާއިފް ޓީވީގެ ރިމޯޓް ނަގައި ޓީވީ އޮން ކޮއްލިއެވެ. ރީތި ދިވެހި ލަވައެއް އާދެއެވެ. ނާއިފް އިނީ ވަރަށް ހަމަޖެހިލައިގެން ލަވަ ބަލާށެވެ. ނާއިފް ސިއްސައިގެން ދިޔައީ ކުއްލިއަކަށް ވަހީދާ ރިމޯޓް އަތުލުމުންނެވެ. ވަހީދާ ބޭނުންވީ އެހެން ޗެނަލެއް ބަލާށެވެ. ނާއިފް އަތުން ވަހީދާ ރިމޯޓް އަތުލުމުން ނާއިފް ސޯފާގައި އޮށޯވެލިއެވެ. އެއިރު މަންމަމެން ދަތުރުގެ ކަންތަކުގައި އުޅުނެވެ. ނާއިފްމެން ގޮވައިގެން މާދަމާ ރިސޯޓަކަށް ދާށެވެ.

ފަތިހު ވަހީދާއަށް ހޭލެވުނީ ފޯން އެލާމް ވާ އަޑަށެވެ. އަވަހަށް ތެދުވެ ގަޑިބަލައިލިއެވެ. ގަޑިން ފަހެއް ޖަހަނީއެވެ. " ނާއިފް އެއޮތް ގަޑި ޖެހެނީ. ދެންވެސް އަވަހަށް ތެދުވެބަލަ " ވަހީދާ ނާއިފްއަށް ގޮވިއެވެ. ވަހީދާ ހުރީ ހިތް އަވަސްވެފައެވެ. އަވަސް ކޮއްލައިގެން ދެމީހުން ބޭރަށް ނިކުތް އިރު ގޭތެރޭގައި ސައި ހެދުމުގެ ކަންތަކުގައި މަންމަމެން އުޅެއެވެ. ސިޓިންގރޫމްގައި ފޮށިތައް ބަހައްޓާފައި ހުއްޓެވެ. ސައިބޮއި ހަދައިގެން ފުރޭވަރުވީ ހަޔެއް ވެސް ޖެހިފަހުންނެވެ. ދަތުރުމަތީގައި މާގިނައިރެއް ނުނެގިއެވެ. ލޯންޗު އައިސް އެ ހިތްގައިމު ފަޅުތެރެއަށް މަޑުކޮއްލިއެވެ. ނާއިފްމެން ލޯންޗުން ފައިބައިގެން އެމީހުންނަށް ހަމަޖެހިފައިވާ ކޮޓަރިތަކަށް ގޮސްފިއެވެ. ނާއިފް އާއި ވަހިދާއަށް ވަނީ ވަކިން ޚާއްސަ ކޮޓަރިއެއް ހަމަޖައްސައިފައެވެ. އެއީ ހަނީމޫނަށް އަންނަ ފަތުރުވެރިންނަށް ޚާއްސަ ކޮޓަރި ތަކެވެ. ވަރަށް ހިތްގައިމެވެ. ވަށައިގެންވާ ގުދުރަތީ ރީތިކަމުން މުޅި ހިސާބުވަނީ ޒީނަތްތެރި ކޮއްފައެވެ.

ނާއިފް ގޮސް ކޮޓަރި ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. މިއީ ނާއިފް ރިސޯޓަކަށް އައި ފުރަތަމަ ފަހަރެވެ. ވަށައިގެންވަނީ ހަމަހިމޭން ކަމެވެ. އަބަދު މިކަހަލަ މާހައުލެއްގައި އުޅެން ލިބޭނެ ނަމަ ކިހާ ރަނގަޅުހޭ ނާއިފް ހިތަށް އެރިއެވެ. ނަމަވެސް މިހާރު މި ލިބުނު ތަނަވަސްކަމުން ނާއިފް ހުރީ ވަރަށް އުފަލުންނެވެ. ނާއިފް ގޮނޑިން ތެދުވެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ނާއިފް ހުއްޓުން އެރީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. ގަބޫލުކުރަން އުނދަގޫ މަންޒަރެކެވެ. ނާއިފް މަންމަ އާއި ވަހީދާގެ ބައްޕަ އާއި ދެމީހުން އަތިރިމަތީން ހިނގައިފައި ދަނީއެވެ. ނާއިފް މަންމަ ޝަރީފާގެ އަތްވަނީ ވަހީދާގެ ބައްޕަގެ އުނަގަނޑުގައި ހިފަހައްޓާލައިފައެވެ. ނާއިފް ގާތަށް ރުޅިއައެވެ. ހާދަ ގޮއި ކުޑަ ދެމީހުންނޭ ހިތަށް އެރިއެވެ. އެކަމަކު އެމީހުންގެ ކުރިމަތީގައި އެއްޗެއް ބުނާކަށް ނާއިފްއަކަށް ނުކެރޭނެއެވެ. އެއްކޮޅުން ނާއިފްގެ މަންމައެވެ. އަނެއްކޮޅުން ވަހީދާގެ ބައްޕައެވެ. މިކަންތަށް ވަހީދާއަށް އެނގިއްޖެއްޔާ އޭނަ ކިހާ ރުޅިގަދަވާނެހެއްޔެވެ. ވަގުތުން ނާއިފް ގާތުން ވަރިވާނެއެވެ. މިކަހަލަ ޚިޔާލެއްގައި ހުރެ ގޮސް ކޮޓަރިއަށް ވަނެވެ. ވަހީދާ ފެންވަރައިގެން ރީތިވާން އިނެވެ.

" ކޮންތާކުތަ ތި އުޅެނީ. ދޮން ބިޓުން ބަލާފައި ދޯ ތިއައީ " ވަހީދާ ހިނިތުންވެލިއެވެ.

" އާނ ވަރަށް ސަޅި ބިޓުން ފެނުނު. އެބިޓުން އުޅުނު ގޮތުން ބަލާކަށްވެސް ނުކެރުނު " ނާއިފް ހުރީ ހިތްހަމަ ނުޖެހިފައެވެ.

" އާނ. އެހެންވާނެ. މިއީ ރިސޯޓެކޭ. އެއީ ފަތުރުވެރިން. އެމީހުން އުޅޭނީ އެގޮތަށް " ވަހީދާ ބުނެލިއެވެ. އެކަމަކު ނާއިފް ބުނެލި އެއްޗެއް ވަހީދާ އަކަށް ސާފްވީހެނެއް ހިއެއް ނުވެއެވެ.ވަހީދާ ނާއިފް އަތުގައި ހިފަހައްޓައިލައިގެން ސައިބޯން ބޭރަށް ނިކުންނަން ހިނގައިގެންފިއެވެ. ނާއިފް ނުދާން އުޅުނެވެ. ނާއިފް ބޭރަށް ދާން ބޭނުން ނުވި ސަބަބު ވަހީދާއަށް އަންގާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ޖެހޭނީ ދާންތާއެވެ. ސައިބޯ ގަޑިއެވެ. ނާއިފް ވެސް ހުރީ ވަރަށް ބަނޑުހައިވެފައެވެ. ރެސްޓޯރެންޓާއި ނާއިފްމެން ތިބޭ ކޮޓަރި އާއި ދުރެއް ނޫނެވެ. ނާއިފްމެން ގޮސް ރެސްޓޯރެންޓަށް ވަންއިރު މަންމަމެން ސައިބޯން ތިއްބެވެ. ނާއިފް ވަންނަ ހިތެއް ނުވިއެވެ.

" މިއަދު ސައިބޯ ހިތެއް ނުވޭ " ނާއިފް ރެސްޓޯރެންޓް ބޭރުގައި މަޑުކޮއްލިއެވެ.

" އޯ. އެއްކަލަ ކުޑަކުދިން އުޅޭ ފާޑަށް އުޅެން ފެށީ ދޯ. މަވެސް ސައި ނުބޯނަން " ވަހީދާ ނިކުންނަން ހިގައިގަތެވެ.

" އޭ ނޫނޭ. އާދޭ ސައިބޯން " ވަހީދާ ނިކުތުމުން ނާއިފް ވަހީދާ ގާތުގައި ބުނެލިއެވެ. ވަހީދާ ނުކައި ހުންނާކަށް ނާއިފް ބޭނުމެއް ނުވެއެވެ. ވަހީދާ ގޮސް ކާން ބޭނުންވާ ތަކެތި އަޅައިގެން އައިސް އިށީނެވެ.

" އޭބަލަ ބައްޕައާއި ހާދަ ގުޅޭ ދޯ ނާއިފް މަންމަ. ވަރަށް މަޖާކޮއްލާފައި އެ އުޅެނީ " ނާއިފްއަށް ވަހީދާ ދެއްކިއެވެ. އަވަހަށް ސައިބޮއިގެން ނާއިފް ބޭނުންވީ އެތަނުން ނިކުންނާށެވެ. އެމަންޒަރު ބަލާކަށް ނާއިފް ބެނުމެއް ނޫނެވެ. ނާއިފް ދިޔައީ ކޮޓަރިއަށެވެ. ވަހިދާ ދިޔައީ އާއިލާ އާއި އެކީގައެވެ. ނާއިފް އެނދުގައި އޮށޯވެލިއެވެ. ނާއިފް ސިކުނޑީގައި އެބުރެމުންދަނީ މިއަދު ފެނުނު މަންޒަރެވެ. މިކަން ފަޅާއަރާ ދުވަހަކީ ނާއިފް ޒަވާޖީ ހަޔާތްވެސް ނިމޭނެ ދުވަސްކަން ޔަގީނެވެ. ނާއިފްގެ ކޮޓަރީގައި މީހަކު ޓަކި ޖެހިއެވެ. ނާއިފް ދޮރު ހުޅުވައިލިއެވެ. ރޫމް ބޯއި އެއްކަމަށް ހީކޮށެވެ. ނަމަވެސް ދޮރުމަތީގައި ހުރީ ނާއިފްގެ މަންމަ ޝަރީފާއެވެ. ޝަރީފާ ހުރީ ވަރަށް އުފާވެފައިހެން ހީވެއެވެ.

" ކީއްވެ މިތާ އެކަނި ތި އޮންނަނީ. އެހެން މީހުން މޫދަށް ދާން އެބައުޅޭ. ދަރިފުޅު ފެންނަން ނެތީމަ މިއައީ " ޝަރީފާ ބުނެލިއެވެ.

" ކޮބާ ބައްޕަ " ނާއިފް ސުވާލު ކުރިއެވެ.

" ބައްޕަ ބަހައްޓާ. އޭނަ އުޅޭނެ އޭނަ ބޭނުންވާ ތަނެއްގައި " ޝަރީފާ ވާހަކަ ދެއްކީ ފޫހި ފާޑަކަށެވެ.

ނާއިފް މޫދަށް ދާކަށް ބޭނުމެއް ނޫނެވެ. އަދި މަންމަ ދެންމެ ވާހަކަ ދެއްކި ގޮތަކުންވެސް މިހާރު ނާއިފް ފޫހިވެއްޖެއެވެ. ނާއިފް އެހެން އޮއްވައި ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭގުނެވެ. ނާއިފް އަށް ހޭލެވުނީ ވަހީދާ އައިސް ކޮޓަރިއަށް އަޑަށެވެ. ވަހީދާ ހުރީ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައިހެން ހީވެއެވެ.

" ކިހިނެއް ވެފައި ތިހިރީ " ނާއިފް ސުވާލު ކުރިއެވެ.

" ފެންނަ މަންޒަރުން " ވަހީދާ ދިނީ ކުރު ޖަވާބެކެވެ. ނާއިފްގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. ވަހީދާއަށް މަންމަމެންގެ ކުޅިގަނޑު ފަޅާއެރީ ބާއެވެ. ކައިވެނި ކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް ރޫޅެނީ ބާއެވެ. ނާއިފް ގޮސް ފާޚާނާގެ ދޮރުގައި ޓަކި ޖަހައިލިއެވެ. ވަހީދާ އަނގައިން ނުބުންޏެވެ. ވީ ކީއްހޭ ނާއިފް އެހިއެވެ. ނަމަވެސް ވަހީދާ ޚަބަރެއް ނުވިއެވެ. ނާއިފް ގޮސް އެނދުގައި އޮށޯވެލިއެވެ. ގިނަ އިރެއް ނުވެ ވަހީދާ ފެންވަރައިލައިގެން ނިކުތެވެ. ނާއިފް ގޮސް ވަހީދާގެ އުނަގަނޑުގައި ބައްދާލިއެވެ.

" ކިހިނެއްވީ ލޯބި " ވަހިދާ ގަޔާއި ގާތް ކޮއްލަމުން ނާއިފް ބުނެލިއެވެ.

" ކަމެއްނުވޭ " ވަހީދާ ބުނެލިއެވެ.

" މަންމަގެ މަންޒަރު ފެނުނީ ދޯ " ނާއިފް އަހައިލިއެވެ.

" އާނ ފެނިއްޖެ. އެއީ ވަރަށް ރަނގަޅު މަޖާ މަންމައެއް. އެމަންޒަރު ފެނުނީ " ވަހީދާ ހިނިތުންވެލިއެވެ. ނާއިފް އަށް ހިތްހަމަ ޖެހުމެއް ލިބުނީ އަދި ކިރިޔާއެވެ.

ނާއިފްވެސް ފެންވަރައިލައިގެން ބޭރަށް ނިކުތެވެ. އެއިރު ވަހީދާ ބޭރުގައި އިށީދެލައިގެން އިނެވެ.

(ނުނިމޭ)