ނަސްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއްނެތި، ލޯބިވުމުގެ މުހިންމު ކަމް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާޏު މިހެން ވިދާޅުވީ، 1988 ނޮވެމްބަރު 3 ގައި ސްރީލަންކާގެ ޕްތޮޓް ޖަމާއަތުގެ މީހުން ރާއްޖެއަށްދިން، އުދުވާނީ ހަމަލާއިން، ސަލާމަތްވެ ރާއްޖެއަށް ނަސްރު ލިބުން ފާހަގަކުރާ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގަިއދެއްވި ހިތާބުގައެވެ.

އެެ ހިތާބުގައި ރައީސް ވިދާޅުވީ، މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު، ރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި އުދުވާނަކީ، ދިވެހި ތާރީހު ދުށް ވަރަށް އަނިޔާވެރި އަމަލުތަކެއް ކަމަށެވެ.

އެއީ ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މިބިމަށް އޮހޮރުވައި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ އަމަލުތަކެއްް ކަމަށާއި، އެދުވަހު، ދިވެހިންގެ ލޯތައް ހިތާމަޔާއި މޮޅިވެރިކަމުގެ ކަރުނައިން ފުރިގެންދިޔަ ނަމަވެސް، އެ ހިތާމަވެރި ދުވަހުގެ އިރު އޮއްސިގެން ދިޔައީ، މާތްﷲގެ ތަނަވަސް ރަހުމަތްފުޅާއި މަދަދާއެކު، ދިވެހިންނަށް ދެއްވި ނަސްރާއި ކާމިޔާބީގެ ފިނިކަމާއި ތަސައްލީން ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު، އެދުވަހުގެ ހަނދާންތައް އާކުރަނީ، އެދުވަހާ ގުޅިފައިވާ ބަތަލުންގެ މަތިވެރި ގައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުން ކަމަށާއި، އެހާދިސާއިން އިބްރަތް ހާސިލްލުކުރަމުންކަމަށްވެސް ވުދާޅުވެފްއިވެއެވެ.

ނަސްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއްނެތި، ލޯބިވުމުގެ މުހިންމު ކަން ކަމަށާއި، އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވެވަޑައިގެންނެވި، ސިފައިންގެ ބޭކަލުންނާއި އާންމު ރައްޔިތުންގެ ގުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ގައުމާ މެދު އޮންނަ ހާސިލް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ލޯތްބާއި ގަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންދާ ކަމަށާއި، ޖީލުން ޖީލަށް އެ ލޯބި ވާސިލުވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހި ގައުމުގެ ދިފާއީ އައްޑަނަ ކަމަށްވާ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ، އޭރުވެސް އަދި މިހާރުވެސް، ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ގައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެއް ކަމަށެވެ.

"ނޮވެންބަރު 3ގެ އުދުވާނީ ހަމަލާއިން، ދިވެހި ގައުމު ހިމާޔަތްކުރުމުގައި، ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކުވެސް އަޅުގަނޑުމެންގެ ހަނދާނުން ފުހެވިގެން ނުދާނެއެވެ. އަދި އެނުރައްކާތެރި ވަގުތުގައި، ދިވެހި ރައްޔިތުން އިސްކުރި، އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އާވެ އާލާވަމުން އަންނަ، ގައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެކެވެ.>

ނޮވެންބަރު 3ގެ ޢުދުވާނު ނާކާމިޔާބު ކޮށްލުމުގައި، ދިވެހި ރައްޔިތުންގެ ފަރާތުން، ދިވެހި ދައުލަތަށް ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި، އެދުވަހުގެ އެ އުދުވާނާ ދެކޮޅަށް ހަރަކާތްތެރިވި އެންމެހައި އާންމު ރައްޔިތުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެޗެ.

ހަމައެފަދައިން، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް، އަވައްޓެރި އިންޑިޔާ ސަރުކާރުން، އަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، މި ފުރުސަތުގައި ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދޅާުވިއެވެ.

"ދިވެހި އަސްކަރިއްޔާ ޒަމާނީކޮށް، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސިފައިންނާ މެދު އޮންނަ ފުރިހަމަ އިތުބާރާއި ޔަޤގީންކަން ދެމެހެއްޓެވުމަށް، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ކުރައްވާ ބުރަ މަސައްކަތްޕުޅު ފާހަގަކޮށް، އެކަމަނާއަށް ޝުކުރު ދަންނަވަމެވެ. އަދި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، ދިވެހި ގައުމީ ދިފާއީ ބާރުން ހޯދަމުން އަންނަ ކުރިއެރުމާއި ތަރައްގީ ފާހަގަކޮށް، ތަހުނިޔާ ދަންނަވަމެވެ.،"