ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކޮށްފައިތިބޭ މީހުން ބުއިމަށާއި ސާފުތާހިރުވުމަށް، ސާފުބޯފެން ލިބެން ނުހުންނަ ކަމަށްބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބަޔާން ނެރެފައި ވަނީ އެ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށް ކަމަށް ފުުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ، އެތަނުގައި ތިބޭ މީހުން ބުއިމަށާއި ސާފުތާހިރުވުމަށް ބޭނުންކުރަނީ ނަޖިސް ފެންކަމަށްބުނެ އެޗްއާރުސީއެމުން ފުލުހުންނަށް ނިންމުމާ ގުޅިގެންނެވެ.

އެޗްއާރުސީއެމް އިން ބުނެފައިވަނީ، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކޮށްފައިތިބޭ މީހުން ބުއިމަށާއި ސާފުތާހިރުވުމަށް، ސާފުބޯފެން ލިބެންނެތް މައްސަލަ ހައްލު ކުރުމަށް ފުލުުހުންނަށް އެންގި މުއްދަތު ފާއިތުވެގެން ދިޔައިރުވެސް އެކަން ހައްލު ކޮށްފައިނުވާ ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ދޫނިދޫގައި ސާފުފެން ލިއްްބައިދިނުމަށްޓަކައި އެރަށުގައި ފެން ޕްލާންޓެއް ބަހައްޓައިގެން ފެން ފޯރުކޮށްދެވެމުންދާކަމަށެވެ.

މިގޮތުން ފޯރުކޮށްދޭ ފެނަކީ ދޫނިދޫގައި ބަންދު ކުރެވޭ ގައިދީންނާއި އަދި އެތަނުގައި ޑީއުޓީކުރާ ފުލުހުންނާއި އެހެންވެސް ބޭނުންތަކުގައި ދޫނިދޫއަށް ގޮސް އައިސްވާ ހުރިހާ އެންމެންވެސް ބޭނުންކުރާ ފެނެއްކަމަށް ބުނެފައިވެއެވެ.

އެޗްއާރުސީއެމްގެ ފަރާތުން ދޫނިދޫއަށް ކުރި ޒިޔާރަތުގައި ފެން ޓެސްޓުކުރިއިރު ބައެއް ގޮޅިތަކުން ނެގުނު ފެނުގައި ކޮލިފޯމް ހުރިކަމަށް ފާހަގކޮށް، 72 ގަޑިއިރުގެ މުހުލަތެއްދީ 27 އޮކްޓޫބަރު 2020 ވަނަ ދުވަހު މި ސާވިސްއަށް ސިޓީއަކުން އެންގުމުން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިދަނީ ބަލަމުން،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

އެގޮތުން އެތަނުގެ ބައެއް ފެންހޮޅިތައް ބަދަލުކުރުމުގެ އިތުރުން ސާފުކުރުމަށް ބޭނުންކުރާ ކްލޮރިނޭޝަން ސިސްޓަމާއި އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް އިސްކަމެއް ދީގެން ކުރިއަށް ގެންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ނަމަވެސް ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި، އެއްވެސް އެސެޓެއް ގަތުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ ހުއްދަހޯދަންޖެހޭތީ އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ރެވެމުންދަނިކޮށް، ފުލުހުން މިކަން ރަނގަޅުކުރުމަށް ފިޔަވަޅު އަޅާފައި ނުވާކަމަށް ބަޔާންކޮށް އެޗް.އާރް.ސީ.އެމުން ނޫސްބަޔާނެއް ނެރެފައިވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށްކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.