ކޯޓުތަކުގެ ޤާނޫނާއި ފަނޑިޔާރުންގެ ޤާނޫނާއިއެކު 4 ޤާނޫނަކަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ބަންޑާރަ ނައިބު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

މަޖިލީހުގެ މިދައުރުގައި ސަރުކާރުން ފޮނުވާ ބިލުތައް މަދުވުމުން މަޖިލީހުގެ މަސައްކަތް މަދުވެ، ގިނަ ދުވަހުސްތަކުގެ ޖަލްސާ ވަރަށް އަވަހަށް ނިންމާލައެވެ. ސަރުކާރުން މަޖިލީހަށް މިދައުރުގައި 32 ބިލެއް ފޮނުވާނެކަމަށް ވިދާޅުވެފައިވާއިރު، މިހާތަނަށް މަޖިލީހަށް ފޮނުވާފައިވަނީ 7 ބިލު ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

ނަމަވެސް އިތުރު ބިލްތަކަކަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަފައެވެ. މިހަތަރު ބިލުގެ ތެރެއިން އެންމެ ހެއްކާއި ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެންނަމަށް ހުށަހަޅާފައިވާއިރު، މިއީ ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ޖޭއެސްސީ އިސްލާހުކޮށް ފަނޑިޔާރުންނާއި ގުޅުންހުރި ކަންކަން އިސްލާހު ކުރުމަށް ހުށަހެޅޭ އިސްލާހުތަކެއްކަމަށް ބެލެވެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ބަންޑާރަ ނައިބް އޮފީހުން ފޮނުވި 4 ބިލު:

• ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލު

• ފެނާއި ނަރުދަމާގެ ޤާނޫނަށް އިިޞްލާޙުގެނައުމުގެ ބިލު

• ކޯޓުތަކުގެ ޤާނޫނަށް އިިޞްލާޙުގެނައުމުގެ ބިލު

• ފަނޑިޔާރުންގެ ޤާނޫނަށް އިިޞްލާޙުގެނައުމުގެ ބިލު

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެވިފައި އޮތީ ވެސް ޝަރުއީ ނިޒާމު އިސްލާހު ކުރުމަށެވެ. މި ގޮތުން މިހާރު ވެސް ސުޕްރީމް ކޯޓުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ގެނެސްފައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ވެސް ވަނީ ފަހަކުން ހަތަކަށް އިތުރުކޮށްފައެވެ.