މިދިޔަ އާދިއްތަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައާ ގުޅުގެން އިތުރު ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ، 20 އަހަރުގެ މީހަކާއި 21 އަަހަރުގެ މީހަކާއި 30 އަހަރުގެ މީހެއް ކަމަށެވެ.

އެއީ ދިވެހި ފިރިހެނުން ކަމަށާއި، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އެމީހުންގެ ފޮޓޯ އާއި އެއީ ކޮންބައެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފައިސާތައް ފޭރުމުގެ މައްސަލައިގައި މީގެ ކުރިން ހައްޔަު ކުރި ހަތަރު މީހުންގެ ފޮޓޯ އާއި ނަންތައް ފުލުހުން ވަނީ އާއްމުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި އެހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، ޢަބްދުﷲ ރާޝިދު (27އ) އެވެ.

ފުލުހުން ބުނި ގޮތުގައި މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުންނެވެ.

މިހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.