ވާދަވެރި އައު ޓީމެއް ބިނާކުރަން ޖެހިފައިވާ ބާސެލޯނާއިން އެކްލަބުގެ ކޯޗް ކަމުގެ މަގާމަށް ކުރީގެ ޕްލޭމޭކަރ ޒަވީ ހެނާންޑޭޒް މިއަދު ހަމަޖައްސައިފިއެވެ.
ގަތަރުގެ އަލް-ސާދަށް އިރުޝާދު ދެމުންދިޔަ ޒަވީ،41، ބާސެލޯނާގެ ކޯޗް ކަމުގެ މަގާމަށް ހަމަޖައްސާފައި މިވަނީ މިސީޒަނުގައި ބާސެލޯނާއަށް ލިބެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނާއި އައު ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކުރަން ޖެހިފައިވާތީއެވެ. ކްލަބުގެ މާލީ ހާލަތު ދަށްކަމުން ކެޕްޓަން ލިއޮނަލް މެސީ މިސީޒަން ފެށުމުގެ ކުރިން ދޫކޮށްލަން ޖެހުނުއިރު މިސީޒަނުގައި ބާސާގެ ފޯވާޑް ލައިން ފެންނަނީ މިއިން ޒަމާނަކު ނުފެންނަހާ ދަށްކޮށެވެ.
ގަތަރުގެ މުއްސަނދި ކްލަބު އަލް-ސާދުން ޒަވީ ބާސެލޯނާއަށް ދޫކޮށްލީ ކޮންޓްރެކްޓުގައި ބާކީ އެއްއަހަރު އޮއްވައެވެ. މީޑިޔާ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ބާސާއަށްއަލް-ސާދުން ޒަވީ ދޫކޮށްލީ ޓްރާންސްފާ ފީއެއް ނުނަގައެވެ.
ބާސެލޯނާގެ ޔޫތު އެކަޑަމީން ތަމްރީން ވުމަށްފަހު ސީނިއަރ ޓީމަށް ޒަވީ ކުޅެން ފެށީ 1998 ވަނަ އަހަރުން ފެށިގެންނެވެ. ބާސެލޯނާގެ ދޫކޮށް އަލް-ސާދަށް ޒަވީ ބަދަލުވީ 2015 ވަނަ އަހަރުއެވެ. ޒަވީ ވަނީ ބާސެލޯނާއަށް 505 މެޗް ކުޅެދީ 58 ލަނޑު ޖަހައި ދިނެވެ. މެދުތެރެއިން ޓީމު ލައްވައި ކުޅުވައި ދިނުމުގެ މާސްޓަ މައިންޑެއްގެ ގޮތުގައި ސިފަކުރެވުނު ޒަވީއަކީ ސްޕެއިނުގެ ތާރިހުގައި އެގައުމުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް (2010 ގެ ވޯލްޑް ކަޕް) ކާމިޔާބު ކުރިއިރު ޓީމުގެ މެދުތެރޭގެ މައި އެއްތަނބެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ބާސެލޯނާއާއެކު ހޯދާފައިވާ ޒަވީ ކޯޗެއްގެ ގޮތުގައި ބާސެލޯނާ ގޮވައިގެން ނިކުންނަ ފުރަތަމަ މެޗަކަށް ވެގެންދާނީ މިމަމުގެ 21 ވަނަ ދުވަހުގެ ރޭ ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި އެސްޕަންޔޯލްއާ ދެކޮޅަށް ބާސެލޯނާ ކުޅެން ޖެހޭ މެޗެވެ.