އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަވެރި މެންޗެސްޓަރ ސިޓީ އަތުން ރޭ އަމިއްލަ ދަނޑުގައި 2-0 އިން ބަލިވި މެޗުގައި ޓީމުގެ ފަރާތުން ފެނުނީ އޭނާ ބޭނުންވިފަދަ ކުޅުމެއް ނޫން ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗް އޮލެގުނަ ސޯލްޝެއާ ބުނެފިއެވެ.

ސޯލްޝެއާ ބުނީ ބޯޅަ ލިބުމުން އޭނާގެ ކުޅުންތެރިންނަށް އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ކުޅެން އުނދަގޫވިކަން ފާހަގަ ކުރެވުނު ކަމަށާއި ޖުމްލަކޮށް އޭނާ ބޭނުންވި ގޮތަށް ޓީމަށް ނުކުޅެވުނު ކަމަށެވެ. "މިހާރަށްވުރެ ބޮޑަށް އަހަރެމެން ކުރިއަށް ބޯޅަ ކުޅެން ޖެހޭ. އެކަމަކު މިމެޗުގައި އަހަރެން ބޭނުންވި ގޮތަކަށް ނޫން ކުޅުން ފެނިގެންދިޔައީ" ކުރިން މެން.ޔުނައިޓެޑުގެ ފޯވާޑް ލައިނުގައި ވިދާލި ސޯލްޝެއާ،48، ބުންޏެވެ.

މެންޗެސްޓަރ ސިޓީ އަތުން އަމިއްލަ ދަނޑުގައި މެން.ޔުނައިޓެޑް ބަލިވެފައި މިވަނީ މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން އަމިއްލަ ދަނޑުގައި ވާދަވެރި ލިވަޕޫލް އަތުން 5-0 ގެ ބޮޑު ތަފާތަކުން ބަލިވެ ސޯލްޝެއާއަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައި ވަނިކޮށެވެ. ސޯލްޝެއާގެ ޓެކްޓިކްސްއާމެދު އެކްލަބުގެ ކުރީގެ މަޝްހޫރު ބައެއް ކުޅުންތެރިން ކަމުގައިވާ ޕޯލް ސްކޯލްސް އާއި ރިއޯ ފާޑިނަންޑް އަދި ރޯއީ ކީންފަދަ ކުޅުންތެރިން ގެންދަނީ ފާޑު ކިޔަމުންނެވެ. މަގާމު ގެއްލިދާނެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސޯލްޝެއާ ބުނީ ކްލަބުގެ ވެރިންނާމެދު ރަނގަޅު ގުޅުމެއް އެބައޮތް ކަމަށެވެ. "މަގާމް ގެއްލިދާނެ ކަމުގެ އިހްސާސެއް އަދި އަހަންނަށް ނުކުރެވޭ. ފާއިތުވެދިޔަ ތިން އަހަރެއްހައި ދުވަހުގެ ތެރޭގައި މިކަހަލަ ވަގުތުތަކެއް އަހަރެމެންނާ ބައްދަލުކޮށްފި. އެކަމަކު އެކަންތަކުން އަރައިގަނެ މިދިޔަ ސީޒަން އަހަރެމެން ނިންމާލީ ރަނގަޅު ޓީމެއް ބިނާ ކުރުމަށްފަހު" ކްލަބުގެ ބޯޑުގެ އިތުބާރު އޭނާއަށް އޮތްކަން ހާމަކޮށްދެމުން ސޯލްޝެއާ ބުންޏެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ލިބުނީ ހައްގު ތިން ޕޮއިންޓް ކަމަށެވެ. "މެންޗެސްޓަރ އޮތީ ނޫ ކުލައިގައި. އަހަރެމެންނަށް ލިބުނީ ހައްގު ތިން ޕޮއިންޓް. އަހަރެމެން މިތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން ނަތީޖާއާމެދު. ދެވަނަ ހާފުގައި ކުޑަ ވަގުތު ކޮޅަކަށް ނޫނީ ޔުނައިޓެޑަށް މެޗުގެ ކޮންޓްރޯލް ހޯދިފައެއް ނުވޭ" ގާޑިއޯލާ ބުންޏެވެ.

މެން.ސިޓީގެ ދެވަނަ ލަނޑު ބާނާޑޯ ސިލްވާ ކާމިޔާބު ކުރަނީ. ފޮޓޯ: ދަގާޑިއަން

މެން.ޔުނައިޓެޑް އަތުން ލިބުނު މުހިއްމު ތިން ޕޮއިންޓާއެކު މެން.ސިޓީ ވަނީ 23 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. އެއްވަނަ މަގާމުގައި ޗެލްސީ އޮތީ 26 ޕޮއިންޓާއެކުއެވެ. ރޭ ބާންލީއާ ވާދަކޮށް ޗެލްސީ 1-1 އިން އެއްވަރުވެފައިވާތީ، މިރޭ ވެސްޓްހޭމް ބަލިކޮށް ޗެލްސީއާ އެއްޕޮއިންޓް ކައިރިއަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލަށް ވަނީ ލިބިފައެވެ. ލިވަޕޫލް މިވަގުތު ތާވަލުގެ ތިންވަނަ މަގާމުގައި އޮތީ 22 ޕޮއިންޓާއެކުއެވެ. ބޮޑު ހޭދައެއް ކޮށްގެން މިސީޒަނާ ކުރިމަތިލި މެން.ޔުނައިޓެޑް އޮތީ 17 ޕޮއިންޓާއެކު ފަސްވަނައިގައެވެ. އެކަމަކު މިރޭ ވޮޓަފޯޑް އަތުން އާސެނަލް މޮޅުވެއްޖެނަމަ އާސެނަލްއަށް ތާވަލުގެ ފަސްވަނަ މަގާމަށް ކުރިއަށް ޖެހިލެވޭނެއެވެ.