އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު، އެތައް ސްޓޭޓެއްގައި ވޯޓްލާނެ ކަމަށް ބެލެވޭ މީޙުންނަށް ގޮތްނޭނގޭ ކޯލްތަކެއް ކޮންމެސް ފަރާތަކުން ކުރަމުންދާތީ، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފްބީއައި އިން އެކަން ތަހްގީގު ކުރަން ފަށައިފިއެވެ.
އިންޓަރނެޓް މެދުވެރިކޮށް ކުރަމުންދާ މި ކޯލްތަކަކީ، ވޯޓަށް ނުފޫޒު ފޯރުވަން ކޮންމެވެސް ބަޔަކު ރާވައިގެން ކުރަމުންދާ ކަމެއް ކަމަށް އެމެރިކާ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ހޯމްލެންޑް ސެކިއުރިޓީން ތުހުމަތު ކުރެއެވެ.
މީހުންނަށް އަންނަ ކޯލްތަކުގައި އެދެމުންދަނީ ވޯޓްލާން ނުނިކުމެ ގޭގައި ތިބުމަށެވެ. އަދި އޭގެ ވަރަށް ގިނަ ސަބަބުތައްވެސް ބުނެއެވެ.
އެހެންނަމަވެސް، ކުރިންވެސް ލަފާކުރެވިފައިވާ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު ނުކުމެ މިހާރުވެސް ވޯޓުލަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑިޕާޓްމަންޓް އޮފް ހޯމްލެންޑް ސެކިއުރިޓީގެ ފަރާތުން އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާ ކުރައްވާ
އެންމެ އިސް ތަރުޖަމާނު ކްރިސްޓޮފަރ ކްރެބްސް ވިދާޅުވީ، މީހުންނަށް ގުޅައި ވޯޓްލާން ނުނިކުތުމަށް އެދެމުންދަނީ ކޮން ބަޔަކުކަން އަދި ބުނަން ނޭނގޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އިންތިޚާބުގެ އިތުބާރު ގެއްލުވާލުމަށް މިޒާތުގެ އިތުރު ކަންކަންވެސް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ބޭރުގެ ބާރުތަކުން ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަން ކަންތައްތަކެއް ކޮށްފާނެކަމުގެ ކަންބޮޑުވުން އެމެރިކާގައި ކުރިންވެސް އޮތީ އުފެދިފައެވެ.
އޭގެ ސަބަބަކީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ކަން ހިނގައިދިޔަ ގޮތުންނެވެ.
އެފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ކަމަށް އެމެރިކާގެ ގިނަބަޔަކު ގަބޫލުކޮށްގެން ތިއްބައި، ވޯޓްލާން ގާތްވެފައި ވަނިކޮށް ހިލަރީ ކްލިންޓަންގެ އީމެއިލްތަކެއް ރަޝިޔާގެ ހެކަރުން ވަނީ ލީކްކޮށްލާފައެވެ.
އެއީ، ޑޮނަލްޑް ޓްރަމްޕަށް އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް މަގުފަހިކޮށް ދިނުމުގެގޮތުން ކުރިކަމެއް ކަމަށް ވެއެވެ. ނަތީޖާވެސް ނުކުތީ ފަހުން ހީކުރެވުނު ގޮތަށެވެ.
ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ޗަޑް ވޮލްފް ވިދާޅުވީ، ވޯޓަށް ހުރަސްއެޅުމަށް ނުވަތަ ނުފޫޒު ފޯރުވަން ބޭރުގެ ހެކަރުންނަށް އެއްވެސް ކަމެއް ކުރެވިފައިވާ ކަމުގެ ނިޝާނެއް ނެތް ކަމަށެވެ.
އެހެންނަމަވެސް، ގޮތްނޭނގޭ ކޯލްތައް ކުރުމާއި، އެނޫންވެސް އެޒާތުގެ ގޮތްތައް ބޭނުންކޮށްގެން ވޯޓަށް ނުފޫޒުފޯރުވަން މަސައްކަތް ކުރާކަމަށް ވިދާޅުވިއެވެ.
މިބާވަތުގެ ކޯލްތައް އެންމެ ގިނައިން އަންނަނީ، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނާނެ އެންމެ ވާދަވެރި ސްޓޭޓްތައް ކަމަށްވާ، އަޔޯވާ، ޕެންސިލްވޭނިއާ، މިޗިގަން އަދި ފްލޮރިޑާގެ ރައްޔިތުންނަށެވެ.