މިސްކިތްތަކަށް ކުޑަކަމު ގޮސް ޚަތިމަށް ކުޅު ޖެހި މީހާ ހިމާޔަތް ނުކުރުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.
ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ފިރިހެނަކު މިސްކިތްތަކަށް ކުޑަކަމުގޮސް ޚަތިމަށް ކުޅު ޖަހާ ހިންގި ޢަމަލާއި އަދި އެ ޢަމަލު ހިންގި މީހާގެ ޢަމަލުތައް ދިފާޢު ކުރުމަށް ސަރުކާރުގެ ފަރާތުން ދައްކަމުން ގެންދާ ތަފާތު ވާހަކަތަކާއި ބަހަނާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެމީހާއަކީ ނަފްސާނީ ބަލީގެ މީހެއްކަމަށް ބުނިނަމަވެސް، އެމީހާގެ ނަފްސާނީ އެއްވެސް މައްސަލައެއް ހުރި ކަމަށް ފާހަގަވެފައި ނުވާ ކަމަށް ޖެންޑަރ މިނިސްޓްރީއިން ވަނީ ބުނެފައިވާ އިރު، ދީނީ ކަންކަމަށް ހަޖޫ ޖަހާ، ދީނީ ޝިޢާރުތަކާއި ދެކޮޅަށް އަޑު އުފުލަމުން ގެންދާ އެންމެހާ ފަރާތްތަކުގެ ހިމާޔަތުގައި މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ތަކުރާރުކޮށް މިސްކިތްތަކަށް ކުޑަކަމުގޮސް ހަތިމަށް ކުޅު ޖެހި މީހާގެ ވެސް ދިފާޢުގައި ސަރުކާރުން މަސައްކަތް ކުރާކަމީ ވަރަށް ހިތާމަ ހުރި އަދި އެހާމެ ލަދުވެތި ކަމެއްގެ ގޮތުގައި އެ ކޯލިޝަނުން ފާހަގަ ކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
" އޭނާއަކީ އެއްވެސް ކަހަލަ ބައްޔެއް ހުރި މީހަކަށް ނުވާއިރު އޭނާއަކީ ނަފްސާނީ ބަލި ހުރި މީހެއްކަމުގައި ދައްކާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ހުރި ހުރުންވެސް މިކޯލިޝަނުން ބަލައެއް ނުގަންނަވަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ދީނަށް ފުރައްސާރަކޮށް މާތްﷲ ގެ ކަލާމްފުޅަށް ކުޅު ޖަހާ ހެދި މީހެއްގެ ދިފާޢުގައި ތަފާތު ވާހަކަތައް ދެއްކުމުގެ ބަދަލުގައި، އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް އެމީހާއަށް ޤާނޫނުތަކުން ކަނޑައަޅާފައިވާ އަދަބު ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.