އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވި އިރު ވައުދުވެވަޑައިގެންނެވި ފަދައިން، އެމަޖިލީހުގެ އޮނިގަނޑާއި މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ ބައެއް ކަންކަން އެމަޖިލީހުގެ ރައީސް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހުށަހަޅުއްވައިފިއެވެ.

އެގޮތުން އދގެ އާއްމު މަޖިލީހުގައި އިއްޔެ މިކަމާ ބެހޭ ގޮތުން ކުރިއަށްދިޔަ ބަހުސްގައި، މިނިސްޓަރ ޝާހިދު ވިދާޅުވީ އދގެ އާއްމު މަޖިލީހަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު މަލްޓިލޭޓަރަލް ޕްލެޓްފޯމްކަމަށާއި، މުހިއްމު އެކި ދާއިރާތަކުން އެމަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކަކީ މުޅި އިންސާނިއްޔަތަށް މުހިއްމު ނިންމުންތަކެއް ކަމަށެވެ.

އެހެންކަމުން، އާއްމު މަޖިލީހުގެ މަސައްކަތްތައް ތަރުތީބުކުރެވެނީ އިންސާނިއްޔަތާއި އިންސާނުންނައް އެވަގުތަކަށް ދިމާވެފައިވާ އެންމެ މުހިއްމު މައްސަލަތަކާއި މެދު ބަހުސްކުރެވި، އެމައްސަލަތަކަށް އަވަސް ހައްލެއް ގެނެވޭނެ އިންތިޒާމަކުން ކަން ކަށަވަރުކުރަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކަނޑައަޅާފައިވާ އާއްމު މަޖިލީހުގެ އެޑްހޮކް ވަރކިން ގްރޫޕުން ދެ ކަމަކަށް އިސްކަން ދެއްވުމަށް މިނިސްޓަރ އިރުޝާދު ދެއްވިއެވެ.

އެގޮތުން އދގެ ޗާޓަރު އެކުލަވާލިއިރު އާއްމު މަޖިލީހާއި ސަލާމަތީ މަޖިލީހުގެ ބާރުތަކަށް އެއްވަރަކަށް މުހިއްމުކަން ދިން ނަމަވެސް، މިހާރު އާއްމު މަޖިލިސް ކުރިއަށް ދާގޮތުން މުހިއްމު ކަންކަމާ މެދު މަޝްވަރާނުކުރެވި، ދިގު ބަހުސްތަކެއް ކުރިއަށް ގޮސް، ފިޔަވަޅުތައް އެޅުން ވަރަށް ބޮޑުތަކުން ދިގުދެމިގެންދާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އާއްމު މަޖިލީހަށް ލިބިފައިވާ މަޝްވަރާކޮށްގެން ހައްލު ނެރުމުގެ ބާރުގެ ބޭނުން ހިފޭނެ ގޮތަކަށް މަސައްކަތްތައް އަތުރާލުމަށް މެމްބަރު ޤައުމުތަކަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން އާއްމު މަޖިލީހުގައި ކުރެވޭ ބައެއް މަސައްކަތްތައް ތަކުރާރުކޮށް ދެވަނަ ފަހަރަށް ނުވަތަ ތިން ވަރަށް ފަހަރަށްވެސް ކުރެވޭ ތަން އަންނަކަމަށާއި، ބައެއް ޤަރާރުތައް ކޮންމެ އަހަރަކު ހުށަހެޅޭއިރު އެއަށް އެކަށީގެންވާ ބަދަލުތަކެއް ގެނެވިފައި ނުހުންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އާއްމު މަޖިލީހުގެ މަސައްކަތް ކުރިއަށްދާގޮތް މިހާރަށްވުރެ ހަރުދަނާކޮށް، ނަތީޖާ ނެރުމަށް މަސައްކަތްކުރުމަށް މިނިސްޓަރ ލަފާދެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަތަކަށް ގިނަ ޤައުމުތަކުން ތާއީދުކުރިއިރު، އެމެރިކާ އަދި ސިންގަޕޯރ ފަދަ ޤައުމުތަކުން ވަނީ މިނިސްޓަރގެ އުއްމީދުގެ ރިޔާސަތުގެ ވާހަކަ ފާހަގަކޮށް، އެޤައުމުތަކުން އެމަސައްކަތް ބަލައިގަންނަކަން އިއްޔެގެ ބަހުސްގައި ފާހަގަކޮށްފައެވެ.