" ހިނގާ ރެސްޓޯރެންޓަށް ދާން " ވަހީދާ ހިނގައިގައިގަތެވެ. ނާއިފްވެސް ފަހަތުން ހިނގައިގަތެވެ. ދެމީހުންވެސް މަޑުކޮއްލީ ވަކިން ދުރުގައި ހުރި މޭޒެއްގައެވެ. ކާން ބޭނުންވާ ތަކެއްޗަށް އޯޑަރ ދިނީ ވަހީދާއެވެ.
" ވަރަށް ބޮޑު ވާހަކެއް އެބައޮތް ބުނަން ބޭނުންވެފައި " ވަހީދާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ.
" ކިހިނެތްވީ. އަވަހަށް ބުނެބަލަ " ނާއިފް ހުރީ ހިތް އަވަސް ވެފައެވެ.
" އެއީ ނާއިފް ބިރުގަނޭތޯ ބަލާލަން ކޮއްލި ސަމާސާއެއް " ވަހީދާ ހިނިތުންވެލިއެވެ. އެހެންނަމަވެސް ނާއިފް ހުރީ ހިތް ބިރުގެންފައެވެ. އެކަމެއް ނުދައްކަން ނާއިފް ވަރަށް މަސައްކަތް ކުރިއެވެ.
މަޖާ ދަތުރަކަށްފަހު ނާއިފްމެން އެނބުރި މާލެއަށް އާދެވުނީ ހަވީރުގެ ވަގުތެއްގައެވެ. ފެންވަރައިގެން ވަހީދާ ދިޔައީ ރައްޓެއްސެއްގެ ގެއަށެވެ. ނާއިފް ވަރުބަލިވެފައިވާތީ ގޭގައި މަޑުކޮއްލީއެވެ. ގޭގެ އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭތީ އެމީހުންނަށް ވަރަށް ފަސޭހައެވެ. ނާއިފްއަށް ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. ނާއިފް ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ތެދުވެގެން ގޮސް ސިޓިންގ ރޫމް ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނާއިފް ގަޑި ބަލައިލިއެވެ. ގަޑިން ނުވައެއް ޖަހައިފިއެވެ. އަދިވެސް ވަހީދާ ގެއަކަށް ނާދެއެވެ. ނާއިފް ކޮޓަރިއަށް ވަދެ ވަހީދާއަށް ގުޅިއެވެ. ފޯނަކަށް ޖަވާބެއް ނުދެއެވެ. އަނެއްކާވެސް ގުޅިއެވެ. މިފަހަރު ފޯނު ބިޒީކޮއްލީއެވެ. ނާއިފް ގޮސް ހެދުން ބަދަލު ކޮއްލައިގެން ގޮސް އޮށޯތެވެ. މާގިނައިރެއް ނުވަނީސް ވަހީދާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ވަހީދާ ހުރީ ހިތްހަމަ ނުޖެހިފައެވެ.
" ހާދަ ލަސްކޮއްލާފައި ތިއައީ " ނާއިފް ސުވާލު ކުރިއެވެ.
" މަ މިއައީ ރައްޓެއްސެއްގެ ގެއަށް ގޮސްފައި. ވަރަށް މަޖާ. ކުރީގެ ބިޓުމެންގެ ގެއަށް. އެހެންވެ ދޯ ތި ގުޅަނީ " ވަހީދާ ބުނެލިއެވެ. ވަހީދާ ހެދުން ބަދަލުކޮއްލައިގެން އައިސް އޮށޯތެވެ. އިތުރު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަހަލައެވެ. ނާއިފް އަށް ހޭލެވުނީ ފޯނު ރިންގް ވާން އަޑަށެވެ. ނާއިފް ބަލައިލިއެވެ. ރަށުންނެވެ. ރިންގް އޮފްކޮއްލާފައި ފޯނު ބޭއްވިއެވެ. ނާއިފް ގަޑި ބަލައިލިއެވެ. ހަތެއް ޖެހީއެވެ. ތެދުވެގެން ގޮސް ފެންވަރަން ވަނެވެ. އެއިރުވެސް ވަހީދާ އޮތީ ނިދައިފައެވެ.
" ކޮބާ ހޭލަބަލަ. މިހާރު އެ އޮތް މެންދުރު ވަނީ " ފެންވަރައިގެން އައި އިރުވެސް ވަހީދާ ނުހޭލާތީ ނާއިފް ގޮވާލިއެވެ.
" ދޭ ރީތިވެގެން ކާން. މަވެސް މިދަނީއޭ " ވަހީދާ އެނދުން ތެދުވިއެވެ.
ނާއިފް ރީތިވެލައިގެން ސިޓިންގރޫމަށް ނިކުތެވެ. ނާއިފަށް ފެނުނީ ޤަބޫލު ކުރަން ދަތި މަންޒަރެކެވެ. ނާއިފް ހުއްޓުން އެރިއެވެ. ނާއިފް މަންމަ އޮތީ ވަހީދާގެ ބައްޕަގެ އުނގުގައި ބޯއަޅައިގެންނެވެ. މީހަކަށް ފެނިދާނެތީ އެމީހުން ބިރެއްވެސް ނުގަންނަ ކަހަލައެވެ. ނާއިފް ކޮޓަރިއަށް ވަނެވެ.
" ކީއްވެ މާ އަވަހަކަށް ތިއައީ " ވަހީދާ އަހައިލެވެ. ނާއިފް ހިތް ތެޅެމިން ދިޔައެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދު މިކަން ފަޅާ އަރާނެއޭ ނާއިފް ހިތަށް އެރިއެވެ. ވަހީދާ ކޮޓަރިން ނިކުންނަން ހިނގައިގެންފިއެވެ. ނާއިފް ހުއްޓުން އަރައިފައި ހުއްޓެވެ. އެމަންޒަރު ވަހިދާއަށް ވެސް ފެންނާނޭކަން ޔަގީނެވެ.
" އާދޭ ސައި ބޯން " ވަހީދާ ގޮވާލި އަޑަށް ނާއިފް ބޭރަށް ނިކުތެވެ. ވަހީދާ ފިޔަވާ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނާއިފް ގޮސް މޭޒު ދޮށުގައި އިށީނެވެ.
" އޭ މިއަދު ކޮން ޚިޔާލެއްގައި ތި ހުންނަނީ " ވަހީދާ އަހައިލިއެވެ.
" މަންމަމެން މިތާ ސިޓިންގރޫމްގައި ތިއްބާ ދެކުނިންތަ " ނާއިފް އަހަލިއެވެ.
" ނުދެކެން. މިތާގައި ނެތް އެއްވެސް މީހަކު މަ ނިކުތް އިރަކު " ވަހީދާ ހޭފެށިއެވެ. ނާއިފް ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ. ސައިބޮއިގެން ނާއިފް ގޮސް ސޯފާގައި އިށީނެވެ. ވަހީދާވެސް އައިސް ނާއިފް ކައިރީގައި އިށީނެވެ.
" މަ މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް ބުންނަން. މަ ބޭނުމެއް ނޫން އެއްވެސް މީހަކަށް " ވަހީދާ ނާއިފް އުނގުގައި ބޯ އަޅައިލިއެވެ.
" ކޮން ވާހަކައެއްތަ " ނާއިފް ހާސްވިއެވެ. ހިތް ތެޅެން ފެށިއެވެ.
" އަހަރެން ނާއިފް އާއި ކައިވެނި ކުރިއިރު ޑޮކްޓަރ ބުނި އަހަރެންގެ ލޭގައި ކެންސަރު ހުރި ކަމަށް ޝައްކު ކުރެވެޔޯ. އެކަމަކު އަހަރެން އެކަމެއް ޤަބޫލެއް ނުކުރަން " ވަހީދާ ހިތްވަރާއި އެކު ވާހަކަ ދައްކަމުން ދިޔައެވެ.
" އެއީ ހަމަ ދޮގު. އެމީހުން ލާރި ހޯދަން ކުރާ ކަމެއް " ނާއިފް އަށް މިކަމެއް ޔަގީނެއް ނުކުރެވުނެވެ. ނާއިފަށް ރޮވެން ފެށިއެވެ. " އަދި އެނގޭތަ އަހަރެން ޕްރެގް ކަން. ރޭގައި އަހަރެން ދިޔައީ ޓެސްޓް ކުރަން. އަހަރެން ބޭނުންވީ ސަޕްރައިޒެއް ދޭން. އެކަމަކު އެހެން ގޮތަކަށް ސަޕްރައިޒް މި ދެވުނީ " ވަހީދާ ގިސްލާ ރޯން ފެށިއެވެ. އެމީހުން ރޯ އަޑަށް ވަހީދާގެ މަންމަ ކޮޓަރިން ބޭރަށް ނިކުތެވެ. މަންމަ ސުވާލު ކުރިއެވެ. މިއޮތް ހުރިހާ ދުވަހަކު ވަހީދާ ސިއްރު ކޮއްގެން އުޅުނު ކަންތައް މިއަދު ހާމަ ކުރަން މަޖުބޫރުވީއެވެ. އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.
ވަހިދާގެ އާއިލާ އިން ބޭނުންވީ އަވަސް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާށެވެ. ލަސްކުރާކަށް ބޭނުމެއް ނޫނެވެ. ފްލައިޓް އިންޑިއާ ގައި ޖެއްސުމާއި އެކު އެމީހުން އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. އެންމެ ސިކުންތެއްވެސް ބޭކާރު ކުރާކަށް ބޭނުމެއް ނުވިއެވެ. ޑޮކްޓަރ އަށް ދެއްކުމުން ދިނީ ޓެސްޓް ހަދާށެވެ. ނާއިފް ބިރުގެންފައެވެ. އެމީހުން ތިބޭ ހޮޓަލަށް އާދެވުނީ ރޭގަނޑު ވަރަށް ލަސްވިފަހުންނެވެ. ވަހީދާގެ މަންމަމެން ތިބީ ވަކި ކޮޓަރިއެއްގައެވެ. ނާއިފް މަންމަމެން ވެސް ވަކިންނެވެ.
" ކީއްވެ މަށަށް އޮޅުވާލީ. މަގޭ ދިރިއުޅުން މުޅިން ބަރުބާދުވީ " ނާއިފް ވަހީދާ ގާތުގައި ޝަކުވާ ކުރަމުންދިޔައެވެ. ނާއިފް ހުރީ ފެންކަޅިވެފައެވެ. ވަހީދާ އެއަކަށް އެއްވެސް ޖަވާބެއް ނުދެއެވެ. ނާއިފް ރޯ މަންޒަރު ދެކެން ވަހީދާ އަކަށް ކުޅަދާނައެއް ނޫނެވެ.
ހެނދުނު ނާއިފްމެން ހޮސްޕިޓަލަށް ދިޔައީ މަންމަ މެންނާއި އެކުގައެވެ. ޓެސްޓް ތަކުގެ ނަތީޖާ ބަލައެވެ. ހޮސްޕިޓަލުން ލިބުނީ ހީވެސް ނުކުރާ ޖަވާބެކެވެ. ވަހީދާގެ ހަށިގަނޑުގައި ކެންސަރުގެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެމީހުން ވަރަށް އުފާވިއެވެ. ނަމަވެސް މިފަހަކަށް އައިސް އިރުއޮއްސޭ ގަޑިއަށް ވަހީދާ ވަރުބަލިވެއެވެ. ކޮޅަށް ހުންނަން އުނދަގޫވާ ފަހަރުވެސް އާދެއެވެ. ނާއިފް އަށް ހީވީ ކެންސަރު ބަލީގެ ސަބަބުން ވާ ކަމެއް ކަމަށެވެ. ޑޮކްޓަރ ލަފާގެމަތިން އެމީހުން ބޭނުންވީ އެނބުރި މާލެ އައުމަށެވެ. އެމީހުންގެ ހިތާމަ މިހާރު މުޅިން ފިލައިގެން ދިޔަކަހަލައެވެ. މިހާރު އެންމެންވެސް އިންތިޒާރު ކުރަނީ އެ އާއިލާ އަށް އަންނަން އުޅޭ މެމްބަރަށެވެ. ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައެވެ. މާލެ އައިތާ ދެވަނަ ދުވަހު އަނެއްކާވެސް ވަހީދާ ވަރަށް ބޮޑަށް ބަލިވާން ފަށައިފިއެވެ. ކޮޅަށް ހުރެވޭ ވަރެއްވެސް ނުވެއެވެ. ނަމަވެސް ހައިރާން ކުރުވަނި ކަމަކީ މާ ގިނައިރަކު މިކަން ދެމިނޯތުމެވެ. ގިނަވެގެން އެއްމެ ދުވަހަކެވެ.
" ކޮބާ ޒުވާން އުމުރުގައި ހަށިގަނޑަށް ބަލާނުލައި މަސައްކަތް ކުރީމަ ވީގޮތް ތީ " ނާއިފް ބުނެލިއެވެ. ތެދެކެވެ. ވަހީދާ އަކީ ކުޑައިރު ވަރަށް މުރާލި ކުއްޖެކެވެ.
" އޯކޭ ދެން އަހަރެން އޮވެދާނަން އެއްވެސް މަސައްކަތެއް ނުކޮށް " ވަހީދާ ހިތްހަމަ ނުޖެހިފައި ފާޑަކަށް ބުނެލިއެވެ. ނާއިފް އިނީ ޓީވީ ބަލާށެވެ. ނާއިފް ސިއްސައިގެން ދިޔައީ ވަހިދާ ވެއްޓުނު އަޑަށެވެ. ދުވެފައި ގޮސް ނާއިފް ވަހީދާ ނެގިއެވެ. އެއިރު ވަހީދާ ތުރުތުރު އަޅައެވެ. ނާއިފް ހަޅޭލަވައިގަތެވެ. އެއަޑަށް ގޭތެރެއިން އެންމެން ބޭރަށް ނިކުތެވެ. ގޭގައި އޮތް ކާރަށް ލައިގެން އަވަހަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރ ބަލާފައި ބުނީ ވަހީދާގެ ފުރާނަ ނެތް ކަމަށެވެ. މަރުވީއެވެ. ނާއިފްއަށް ރޮވިއްޖެއެވެ. ހަމަ އެކަނި ވަހީދާ ގެއްލުނީ އެއް ނޫނެވެ. ބަނޑުގައި އޮތް ދަރިފުޅުވެސްއެވެ." ދެން ނުރޮއި އެއްވެސް އިންސާނަކަށް ދެރަގޮތެއް ނުވާނެ " ނާއިފް ގައިގައި މަންމަ ފިރުމަން ފެށިއެވެ.
ވަހީދާގެ ޖަނާޒާގެ ކަންތައް ނިންމާލާފައި ނާއިފްއަށް ގެއަށް އާދެވުނީ ވަރަށް ލަސްވިފަހުންނެވެ. ގޭތެރޭގައި އެއްވެސް ދިރުމެއް ނެތް ކަހަލައެވެ. ކޮންމެ މީހަކުވެސް ގޮސް ވަނީ އެބައެއްގެ ކޮޓަރިއަށެވެ. ނާއިފް ކޮޓަރިއަށް ވަންނަ ހިތެއް ނުވިއެވެ. ނާއިފް އޮތީ ސިޓިންގރޫމްގެ ސޯފާގައެވެ.
ހެނދުނު ފެންވަރައިގެން ބޭރަށް ނިކުތް އިރު ނާއިފްގެ މަންމަ ސައި ހަދަން ހުއްޓެވެ. އެއީ އެހެންޏާ ނުފެންނަ މަންޒަރެކެވެ.
" މަންމަ ދެން އަހަރެމެން އަނެއްކާވެސް ރަށަށް ބަދަލުވާންވީ ދޯ. ހޮނިހިރު ދުވަހު ދޯނި ފުރާ ރަށަށް ދާން " ނާއިފް ބުނެލިއެވެ.
" މަ ނޫޅެން ދާކަށް. ނާއިފް ދޭ ބައްޕަ ގާތަށް " ނާއިފް މަންމަ ހުރީ ހިތްހަމަ ނުޖެހިފައެވެ.
" ދެން ބައްޕަ އެކަނި ކިހިނެއް އުޅޭނީ " ނާއިފް ސުވާލު ކުރަން ފެށިއެވެ.
" މަ މިބުނީ ނުދާނަމޭ. ކަލޭ ބައްޕަ މަރުވިޔަސް މަށަށް ހެޔޮ " ނާއިފް މަންމަ ރުޅި ގަދަ ވިއެވެ. ކޮންމެ ގޮތެއް ވިޔަސް ދެން މަންމަ ރަށަށް ނުދާނެކަން ނާއިފްއަށް ޔަގީންވިއެވެ. މަންމަ ނުދާން އުޅޭ ސަބަބުވެސް ނާއިފްއަށް އެނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ގަދަކަމުން މަންމަ ރަށަށް ނުގެންދެވޭނެތާއެވެ.
ހޮނިހިރު ދުވަހުގެ ރޭ މާލެއިން ފުރި ދޯނިން ނާއިފް ރަށަށް ދާން ފުރައިފިއެވެ. މިހާރު ނާއިފް ބޭނުންވަނީ ހަޔާތުގެ ބާކީއޮތްބައި ރަށުގައި ހޭދަ ކުރާށެވެ. ނާއިފްއަށް ލިބިފައި ފުން ހިތާމައިގެ ސަބަބުންނެވެ.
" އޭ ނާފް މަންމަ ކޮބާ؟ ދެން ރަށަށް ނުދާ ގޮތަށް ދޯ މާލެ އައިސްގެން އުޅެނީ " ނާއިފް އާއި ޖެހިގެން ދޯނީގައި އޮތް މީހަކު ބުނެލިއެވެ.
" މަންމަ ބަލިވެ އުޅޭތީ މަޑުކޮއްލީ " ނާއިފް ބުނެލިއެވެ.
" މަށަށް އެނގޭ ތިވެގެން އުޅޭ ހުރިހާ ގޮތެއް " އެމީހާ ވާހަކަ ދައްކަން ފެށިއެވެ. ނާއިފް ކުޑައިރު ދިމާވި ކަންތަކުން ފެށިގެންނެވެ. އެއީ ރަށުގެ ވަރަށް ގިނަ މީހުންގެ ލޯބި ލިބިފައި މީހެކެވެ." ކޮއްކޮގެ މަންމަ އާއި ބައްޕަ ކައިވެނި ކުރާކަށް މަންމަގެ އާއިލާގެ މީހުން ގަބޫލެއް ނޫން. އެހެން ނަމަވެސް އެމީހުންނާއި ދެކޮޅަށް އެމީހުން ކައިވެނި ކުރީ. އެވަރުންވެސް އެމީހުން ދޫކޮއްލާކަށް ބޭނުމެއް ނުވި. ދެން ކުރިކަމަކީ ފަންޑިތަ ހަދަން ފެށީ. ކޮއްކޮ ކުޑައިރުވެސް ވަރަށް ބަލިވި. ދެން ފަންޑިތަ ހަދައިގެން ރަނގަޅުވީ " އެމީހާ ވާހަކަ ކުރިއަށް ގެންދިޔައެވެ. ނާއިފްއަށް އެވާހަކަ ގަބޫލު ކުރެވުނެވެ. އެހުރިހައި ކަމެއް ނާއިފް އަށް މެދުވެރިވިއެވެ.
ދޯނި ރަށުގެ ރަށަށް ލެފުމާއި އެކު ނާއިފް އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ބައްޕަގެ ހާލު ދެކިލުމަށެވެ. ބައްޕަ މާކުރިން ވަނީ ރަށަށް އައިސްފައެވެ. ނާއިފް ގެއަށް ދިޔައިރު ބައްޕަ ގޯތިތެރޭގައި މަސައްކަތެއްގައި އުޅުނެވެ. ބައްޕަ ފެނުމާއިއެކު ނާއިފް ގޮސް ބައްޕަގެ ގައިގައި ބައްދާލިއެވެ. ބައްޕަގެ އުޅޭ އުޅޭ ހާލު ދެކިފައި ނާއިފްއަށް ރޮވިއްޖެއެވެ. މަންމަ އެއީ ހާދަ ރަހުމް ކުޑަ މީހެކޭ ނާއިފް ހިތަށް އެރިއެވެ.
" ބައްޕަ މުސްކުޅިވީމަ ދެން ކޮން މަސައްކަތެއް ތި ކުރަނީ. އަހަރެން ހުރިހާ ޚަރަދެއް ކޮއްފާނަން " ނާއިފް ބައްޕަ ގާތުގައި ބުނެލިއެވެ.
" ނޫނޭ ދަރިފުޅާ. މަސައްކަތް ކުރަންވާނެ. މަންމަވެސް ދެން ނާންނާނެ. ދަރިފުޅުގެ ބަފައިބެއާއި ކައިވެނި ކުރަންށޯ އުޅެނީ " ބައްޕަ ހުރީ ވަރަށް ދެރަވެފައެވެ. ނާއިފް އެވާހަކަ އަޑު އިވުނު ކަމަކަށް ނުހަދައެވެ. ބައްޕަ ގޮވައިގެން ގޮސްވަނީ ގޭތެރެއަށެވެ. ނާއިފް ދިޔައީ ފެންވަރާށެވެ. ބައްޕަ ގޮސް ކޮޓަރިއަށް ވަނެވެ. ނާއިފް ފެންވަރައިގެން ނިކުތް އިރު ބައްޕަ ހުރީ ސައި ހަދައިގެންގެންނެވެ. އެކަން ކުރާނެ އެހެން މީހަކު މިހާރަކު ނެތެވެ ސައިބޮއިގެން ނާއިފް ގޮސް ޖޯލީގައި އޮށޯތެވެ. އޭނާގެ މާޒީއާއި ދޭތެރޭ ވިސްނެނީއެވެ. އިރުކޮޅަކު އޮތުމަށް ފަހު ނާއިފް ގޮސް ކޮޓަރިއަށް ވަނެވެ. ދަތުރުގެ ވަރުބަލި ފިލުވައިލުމަށެވެ. ކޮޓަރީގައި އޮއްވާ ނާއިފް އަށް ނިދިއްޖެއެވެ. ނާއިފްއަށް ހޭލެވުނީ މަޢްރިބު ނަމާދަށް ބަންގި ގޮވާ އަޑަށެވެ. ނާއިފް ތެދުވެގެން ގޮސް ނަމާދަށް ދާން ތައްޔާރުވިއެވެ. އަދި ގެއިން ނިކުންނަމުން ބައްޕަވެސް ގޮވައިގެން ދާނަމޭ ހިތާ ގޮސް ކޮޓަރި ހުޅުވައިލިއެވެ. ނާއިފްއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ބައްޕަ އޮތީ އެނދު ކައިރިއަށް ވެއްޓިފައެވެ. ނާއިފް ގޮސް ބައްޕަ ނެގިއެވެ. އެއްވެސް ކަހަލަ ހަރަކާތެއް ނެތެވެ. ނާއިފް ބައްޕަ ކޮނޑަށް ލައިގެން ދުއްވައިގެންފިއެވެ. ޑޮކްޓަރ އަށް ދައްކާށެވެ. ޑޮކްޓަރ ބަލާފައި ބުނީ ބައްޕަގެ ފުރާނަ ނެތްކަމަށެވެ. ނާއިފް މޫނު މައްޗަށް އަނދިރި ވާން ފެށިއެވެ. ހޭވެރިކަން ވީ އިރު އޮތީ އެތާގެ އެނދެއްގައި ބާއްވާފައެވެ. ނާއިފް ހިތްވަރު ކޮއްލާފައި ތެދުވިއެވެ. ބައްޕަގެ ކަށުކަމާކެމީގެ ހުރިހާ ކަމެއްގައި އަމަލީ ގޮތުން ނާއިފް ބައިވެރިވިއެވެ. ބައްޕަ ވަޅުލުމަށް ފަހު ރައްޓެހިންނާއި އެކު ނާއިފް ގެއަށް ދާން ހިނގައިގެންފިއެވެ. އެވަގުތު ނާއިފްގެ ފޯނު ރިންގްވާން ފެށިއެވެ. ވަހީދާގެ މަންމައެވެ.
" ކިހިނެތްވީ. ބައްޕަ ނިޔާވެއްޖެ. ދެންމެ މިއައީ ޖަނާޒާގެ ކަންތައް ނިންމާލާފައި " ނާއިފް ބުނެލިއެވެ.
" މަ މި ގުޅީ ތިކަމާ ބޭހޭ ވާހަކަ ދައްކާކަށް ނޫން. ކަލޭގެ މަންމަ މަގޭ ފިރިމީހާ ގޮވައިގެން އޮއްވާ ފެނިގެން. ހުންނާނެ މިހާރު ދެމީހުންނަށް ވާވަރު ކޮއްލާފައި " ވަހީދާގެ މަންމަ ފައްޗަކަށް އަމުނާލިއެވެ. ނާއިފް ބުނާނެ އެއްޗެއް ނެގިފައި ހުއްޓުން އެރިއެވެ. " އާދޭ ކަލޭގެ މަންމަ ބަލާ މާލެ. މަ މިހުރީ ކަލޭގެ މަންމަ ގޮވައިގެން ހޮސްޕިޓަލުގައި " އަނެއްކާވެސް ނާއިފް ހާސްވިއެވެ. އޭގެ އަނެއްދުވަހު ދޯންޏެއް ކުއްޔަށް ހިފައިގެން މާލެ ދިޔައެވެ. ނާއިފް ހޮސްޕިޓަލަށް ދިޔައިރު ވަހީދާގެ އާއިލާގެ މީހުން ތިއްބެވެ. ނާއިފްގެ މަންމަ ވަނީ އައިސީޔޫގައެވެ. ނާއިފް ގޮސް ބޭރުގައި ހުރި ގޮނޑިބަރީގައި އިށީނެވެ. ކައިރީގައި ފުލުހުންގެ ބަޔަކުވެސް ތިއްބެވެ. އިރުކޮޅަކުން ޑޮކްޓަރ ނިކުތެވެ. ޑޮކްޓަރ ދިނީ ނާއިފް ހިތް ހުއްޓުނު ކަހަލަ ޚަބަރެކެވެ. މަންމަވެސް މިދުނިޔެ ދޫކުރީއެވެ. ބައްޕަގެ ނިކަމެތިވީމަ މޮޅު ގޮތް ހޯދަން އުޅެގެންނެވެ. މާލޭގެ ގެދޮރު ހުރި މީހަކާއި ކައިވެނި ކުރަން އުޅެގެންނެވެ. ނަމަވެސް އެނިކަމެތި ބައްޕަވެސް ދިޔަ ގޮތަށް މަންމަވެސް ދިޔައީއެވެ. އެކަމަކު މީހުން ބުނާ ގޮތުން ބައްޕަ ނިޔާވީ ބަޔަކު ހެދި ފަންޑިތައިގެ ސަބަބަންނެވެ. އެކަމަކު ނާއިފް އެކަމެއް ގަބޫލެއް ނުކުރެއެވެ. ފަންދިތަ އަކީ ނާއިފް ގަބޫލު ކުރާ އެއްޗެއް ނޫނެވެ. އެކަމަކު ގަބޫލު ކުރަން ޖެހޭ ކަމެއް އެބައޮތެވެ. މަންމަ އާއި ބައްޕަ ނިޔާވީ އިރުއޮއްސުނު ވަގުތުގައެވެ.
= ނިމުނީ =