ވަޒީފާ އަށް ދިއުމަކީ ހަމައެކަނި ފައިސާ ލިބެން އޮތް މަގުނޫންކަން ސާބިތުކަމާއެކު ދައްކަމުންދާ ކަނބަލުން ގިނައެވެ. އޭގެތެރެއިން އެކަކީ ސާރިޔާ މުޚުތާރެވެ. ރައްޓެހީން ކިޔާގޮތުންނަމަ ސާރި އެވެ. އޭނާ ރީތިކޮށް އަދި އެހާމެ މީރުކޮށް ކޭކު އަޅައެވެ. އޭގެ އިތުރުން އެހާމެ ރީއްޗަށް ހެެދުން ފަހައެވެ.

ބ. ކެންދުއަށް އުފަން ސާރިޔާ ތަޢުލީމު ޙާސިލު ކުރުމަށްފަހު އެންމެފުރަތަމަ ވަޒީފާ އަދާކުރަންފެށީ ރަށު ސުކޫލުގައެވެ. ސްކޫލުގައި ޓީޗަރަކަށް އުޅެމުން ޒަވާޖީ ހަޔާތް ފެށިއެވެ. އެއަށްފަހު ފިރިމީހާ ބޭނުންވީ ވަޒީފާއަށް ނުގޮސް ގޭގައި އިނދެގެން މަސައްކަތް ކުރާށެވެ. ސާރިޔާއަށް ވެސް އެގޮތް ކަމުދިޔައެވެ.

މަސައްކަތުގެ ފެށުން

ސާރިޔާގެ ކައިވެންޏަށްފަހު ދިރިއުޅުން މާލެ އަށް ބަދަލުކުރިއެވެ. އެއަށްފަހު ގޭގައި އިނދެގެން ކުރާނެ މަސައްކަތެއްގެ ގޮތުގައި ކޭކު އަޅަން ނިންމިއެވެ. އޭނާ ވަރަށްކުރާހިތްވާ ކަމަކަށްވާތީއެވެ.

އެންމެފަހުން ވިލްޓަންގެ ފަރާތުން ހިންގި އެޑުވާންސް ކޯހަކާއި ޑިޕްލޮމާ ކޯހެއް ފުރިހަމަކުރިއެވެ. އެއަށްފަހު ތަފާތު ބާވަތްތަކުގެ ކޭކު އަޅައި ވިއްކަން ފެށިއެވެ. ކަސްޓަމަރ ބޭނުންވާ ކޮންމެ ޑިޒައިނަކަވެސް ކޭކު އަޅައިދޭން ފެށިއެވެ. ކޭކު އެޅުމުގެ މަސައްކަތް ކުރަމުން އެދާއިރާއިން އިތުރަށް ކިޔަވާން ފެށިއެވެ. މިހާރު ސާރި ވަނީ ޕީއެމްއީ އިން ކޭކު އެޅުމުގެ މާސްޓަރ ޑިގްރީ އެއް ހާސިލް ކޮށްފައެވެ.

އެއަށްފަހު އޭނާގެ މަސައްކަތަށް އިތުރު ދިރުމެއް އައެވެ. މި މަސައްކަތުގައި ސާރިޔާ އެންމެ އިސްކަންދޭ އެއްކަމަކީ ކަސްޓަމަރު ބޭނުންވާ ދުވަހަކަށް ކޭކު ނިންމައިދިނުމެވެ. އެހެނަސް އެކަން އެގޮތަށްވާނީ ވަގުތު އޮއްވާ އޯޑަރުދީގެން ކަމަށް ސާރިޔާ ބުންޏެވެ. ކަސްޓަމަރު ބޭނުންވާ ދުވަހަކަށް، ވަގުތަކަށް ކޭކު އަޅައިދީގެން އޭނާ އެހެން މީހުން ރުހުން ހޯދިއެވެ. މިއީ ސާރިގެ ކާމިޔާބީގެ އެއް ސިއްރެވެ. އޭނާ ލައްވައި އެއްފަހަރުވެސް ކޭކެއް އަޅައިފި ކޮންމެ މީހަކުވެސް ވެގެންދަނީ އޭނާގެ ރެގިޔުލަރ ކަސްޓަމަރަކަށެވެ. އޭނާ އަޅާ ކޭކު މީރެވެ. ރީއްޗެވެ. ބަލާލަން ލޮލަށް ފަސޭހައެވެ.

އެކި ތަންތަނުން އަންނަ އޯޑަރު ތަކަށާއި ފިހާރަތަކަށް ކޭކު އަޅައި ވިއްކުމަކީ ބުރަ މަސައްކަތެކެވެ. އިންތިހާއަށް ވަގުތު ބޭނުންވާ ކަމެކެވެ. އެހެނަސް ސާރި ބުނީ ކޭކު އެޅުމުގެ މަސައްކަތުގައި ކިތަންމެ ގިނަވަގުތު ހޭދަކުރަން ޖެހުނަސް ފޫއްސެއް ނުވާކަމަށެވެ. އެއީ އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުންނެވެ.

އެހީތެރީން

ތިން ދަރީން ބަލަމުން މިފަދަ މަސައްކަތެއްގައި މުރާލި ކަމާއެކު އުޅެވޭނީ މަދު ބަޔަކަށޭ ވެސް ބުނެވިދާނެއެވެ. "ސުކޫލަށްދާ ކުޑަ 3 ދަރިން ބަލަމުން ކޭކު އެޅުމުގައި ސާބިތުވެ މި ހުރެވެނީ ކަސްޓަމަރުން ކުރާ އިތުބާރުގެ ސަބަބުން" އޭނާ ބުންޏެވެ. އޭގެ އިތުރުން އާއިލާ އާއި ރައްޓެހިންގެ ތަރުހީބާއި އެހީތެރިކަން އޭނާ ފާހަގަ ކުރިއެވެ. ޚާއްޞަކޮށް މައިންބަފައިން ކޮށްދެއްވާ ހެޔޮ ދުޢާ އަކީ ސާރި އަށް މަސައްކަތް ކުރުމުގައި ލިބޭ ހިތްވަރު ކަމުގައި އޭނާ ބުންޏެވެ. ހަމަ އެހެންމެ ސާރިގެ 3 ކުދިންގެ ބައްޕަގެ ފަރާތުން ލިބޭ ތަރުހީބު ވެސް އޭނާ ފާހަގަކުރިއެވެ.

ފެހުން

ސާރި މޮޅީ ހަމައެކަނި ކޭކު އެޅުމަކަށް ނޫނެވެ. އޭނާ އަކީ ރީތިކޮށް ހެދުން ފެހުމަށް ވެސް ކުޅަދާނަ ކަނބަލެކެވެ. ކަސްޓަމަރު ބޭނުންވާ ޑިޒައިނަކަށް ހެދުން ފަހާލުމަކީ އޭނާ ވަރަށް ފަރިތަކަމެކެވެ. އެހެނަސް އެކަން އެންމެ އެދެވޭ ގޮތުގައިވާނީ ވަގުތު އޮއްވައި ބުނެގެންނެވެ. ކޭކަށް ވެސް ވަގުތު އޮއްވައި އޯޑަރުދީފިއްޔާ އެ ބޭނުންވާ ވަގުތަކަށް ވަރަށް ފުރިހަމައަށް ނިންމައިދެއެވެ. "ﷲގެ ވާގިފުޅާއި އެކު ފެހުމުގެ ހުނަރުވެސް ލިބިފައިވޭ. އެ މަސައްކަތްވެސް ހުއްޓާނުލާ ކުރިއަށް ގެންދަން،" ސާރި ބުންޏެވެ.

ސާރި ވަނީ "saaya cakes" ގެ ނަމުގައި ފޭސް ބުކާއި، އިންސަޓަގްރާމު މެދުވެރިކޮށް ކޭކަށް އޯޑަރު ކުރެވޭނެ ޕްލެޓްފޯމެއް ގާއިމްކޮށްދީފައެވެ. އެއީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް ކޮށްފައިވާ ކަމެކެވެ.

ސާރިއަކީ ވަރަށް މުރާލި ހިތްވަރުގަދަ ކަނބަލެކެވެ. މިފަދަ މަސައްކަތްތެރީން ނަމޫނާއަކަށް ބެލިދާނެއެވެ. އެމީހުންގެ މަސައްކަތުން ހިތްވަރު ލިބިގަނެ މިފަދަ މަސައްކަތައް ފަށައިގެން ކުރިއަށްދިއުމުގެ ފުރުސަތު އެންމެހާ ކަނބަލުންނަށް އެބައޮތެވެ.