ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް ބީގައި އިންޓަމިލާން 2-3 އިން ބަލިކޮށް މުބާރާތުގައި ކުރިއަށް ދިޔުމަށް ރެއާލް މެޑްރިޑުން ރޭ މުހިއްމު މޮޅެއް ހޯދައިފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް ރެއާލްއެވެ. މެޗުގެ 25 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބު ކޮށްދިނީ ރަގަޅު ފޯމެއްގައި ހުރި ފޯވާޑް ކަރީމް ބެންޒެމާއެވެ. އޭގެ އަށްމިނެޓްފަހުން ރެއާލްއަށް ލީޑް ފުޅާކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޮސްއެވެ. ރާމޮސް ލަނޑު ޖެހިތާ ދެމިނެޓްފަހުން އިންޓައިން ފަރަގު ކުޑަ ކުރީ އާޖެންޓީނާގެ ފޯވާޑް ލައުރާރޯ މާޓިނޭޒް ކާމިޔާބު ކުރި ލަނޑުންނެވެ. އިންޓައިން ވަނީ ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކްރޭޝިޔާގެ ތަޖުރިބާކާރު މިޑްފީލްޑަރު އިވާން ޕެރިސިކް ކާމިޔާބު ކުރި ލަނޑަކުން މެޗުގެ ނަތީޖާ ހަމަހަމަވެސް ކޮށްފައެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ރެއާލްއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނިކުތް ބްރެޒިލްގެ ޒުވާން އުއްމީދީ ވިންގަރ ރޮޑްރީގޯއެވެ.
މިއީ މިފަހަރު ގްރޫޕް ސްޓޭޖުގައި ރެއާލް މޮޅުވި ފުރަތަމަ މެޗެވެ. މިހާތަނަށް ރެއާލް ތިން މެޗް ކުޅެފައިވާއިރު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ޝަކްތާ އަތުން 3-2 އިން ރެއާލް ވަނީ ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ޖަރުމަނުގެ ބްރޯޝިޔާ މޮންޗެންގްލަބަޗާ 2-2 އިން އެއްވަރުވީއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ މޮޅުވުމަށް ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށެވެ. އަދި މިއީ ހައްގު މޮޅެއް ކަމަށެވެ. "މެޗުން ތިން ޕޮއިންޓް ހޯދުމަށް އެންމެފަހު ވަގުތާ ހަމައަށް އަހަރެމެން މަސައްކަތް ކުރިން. މިއީ ހައްގު މޮޅެއް. އަހަރެމެންގެ ދެވަނަ ލަނޑަށްފަހު އިންޓައިން ވަރަށް އަވަހަށް ފަރަގު ކުޑަކުރި. އޭގެ ސަބަބުން އުނދަގޫތަކެއްވި. އަދި އިންޓައިން ދެވަނަ ހާފުގައި އެއްވަރު ކުރުމުން މޮޅުވުމަށް އަހަރެމެން އިތުރަށް މަސައްކަތް ކުރަން ޖެހުނު" ތިންފަހަރު ޗެމްޕިއަންސް ލީގް ތަށި ރެއާލްއަށް ކާމިޔާބު ކޮށްދީފައިވާ ކޯޗް ޒިދާން ބުންޏެވެ.
އިންޓަގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ ރެއާލްއިން ފައިނަލެއް ފަދަ މެޗެއް ގޮތުގައި ސިފަކޮށްފައިވާ މެޗަކުން އެޓީމް ބަލި ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. "ރެއާލްއިން ސިފަ ކޮށްފައި ވަނީ މިއީ ފައިނަލެއް ކަމަށް. އެފަދަ މެޗެއްގައި މިތަނަށް (ރެއާލް ދަނޑަށް) އައިސް އަހަރެންގެ ޓީމުން ދެއްކީ ރަގަޅު ކުޅުމެއްކަން. އެންމެނަށްވެސް އެނގޭނެ ފައިނަލްތަކުގައި ރެއާލް ބަލިވުމަކީ މަދުން ނޫނީ ނުފެންނަ ކަމެއްކަން. އެހެންވީމަ އަހަންނަށް ބުނެވިދާނެ އިންޓައިން ކުރިއެރުންތަކެއް ހޯދައިފިޔޭ" ކޮންޓޭ ބުންޏެވެ.
މިގްރޫޕުގެ އެއްވަނަ މަގާމްގައި 5 ޕޮއިންޓާއެކު އޮތީ ރޭ ޝަކްތާ އަތުން 6-0 އިން މޮޅިވި މޮންޗެންގްލަބަޗާއެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ޝަކްތާ އޮތްއިރު ރެއާލް ތިންވަނައިގައި އޮތީވެސް ހަތަރު ޕޮއިންޓާއެކުއެވެ. ގްރޫޕް ފުލުގައި ދެޕޮއިންޓާއެކު އޮތީ އިންޓައެވެ.