ހަކުރުބައްޔާމެދު މީހުން ހޭލުންތެރިކުރުމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ޑައެބެޓީސް ސެންޓަރ (އެންޑީސީ)ން ފުވައްމުލަކު ސިޓީއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ހަކުރުބަލީގެ ދުވާހާ ދިމާކޮށެވެ. ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަސް ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު މި އަހަރުގެ މި ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެ ސިޓީއަށް ދިއުމަށް ނިންމާފައިވާ ޓީމުގައި ޑޮކްޓަރުންނާ ނަރުހެއް ހިމެނޭނެއެވެ. މި ދަތުރުގައި ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އެ ސިޓީގެ ސްކޫލުގެ އިސްވެރިންނާ ގުޅިގެން ގިނަ ކަންކަން ކުރުމަށް ރޭވިފައިވާއިރު ސްކޫލުތަކުގައި މި ބައްޔަށް ދަރިވަރުންނާ މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ވެސް ހަމަޖެހިފައިވެއެވެ.

އެގޮތުން މި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ އެ ސިޓީގެ ހަތަރު ސްކޫލެއްގައެވެ. އެއީ ހާފިޒް އަހުމަދް ސްކޫލާ، އަތޮޅު އެޑިއުކޭޝަން ސެންޓަރާ، މުހައްމަދު ޖަމާލުއްދީން ސްކޫލްގެ އިތުރުން ފުވައްމުލަކު ސްކޫލެވެ. މީގެ އިތުރުން ޓެލެމެޑިސިންގެ ޚިދުމަތަށް ޚާއްސަ ކްލިނިކެއް ތައާރަފުކުރުމާ، ބައްޔަށް މީހުން ހޭލުންތެރި ކުރުވުމުގެ ސެޝަނެއް އާންމުންނަށް ހިންގުމާއެކު ދުވަހާ ގުޅިގެން ޚާއްސަ ދުވުމެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ދުވަހާ ގުޅިގެން ޚާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ރާވާފައިވާއިރު މޯލްޑިވްސް ސޮސައިޓީ އޮފް އިންޓަރނޭޝަނަލް މެޑިސިން އަދި އެންޑީސީ ގުޅިގެން ފުވައްމުލަކު ސިޓީގެ ޑޮކްޓަރުންނާ ނަރުހުންނަށް ޚާއްސަ ސިންޕޯޒިއަމްއެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އަތޮޅުތެރޭގައި މިކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ އިތުރުން ހަކުރުބައްޔާއި ބެހޭގޮތުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި އަދި ދިރާސާތައް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންޑީސީން މީގެ ކުރިންވެސް މިފަދަ އައުޓްރީޒް ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ.

ހަކުރުބައްޔަށް ފަރުވާހޯދާ މީހުން އިތުރުވުމާއި މި ބަލީގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކަށްވާއިރު ނެޝަނަލް ޑައެބެޓީސް ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާއި ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެއްސުމާއެކު މި ސެންޓަރަކީ ރައީސުލްޖުމްހޫރިއްޔާގެ އެ މެނިފެސްޓޯ ތަންފީޒު ކުރަމުންދާ ސެންޓަރެކެވެ.

މި ސެންޓަރުގެ މަގްސަދަކީ މިހާރަށްވުރެ ބޮޑަށް މީހުން ހޭލުންތެރި ކުރުވުމާއި މި ބަލީގައި ދިމާވާ ތަކުލީފުތައް ވީހާވެސް ބޮޑަށް މީހުންނަށް އިނގޭނެ ގޮތް މެދުވެރި ކޮށްދިނުމެވެ. އަދި ބަލިމީހުންނަށް ލުއިފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކުމަށް މަގުފަހިކޮށްދިނުމަކީ ވެސް މި ސެންޓަރުގެ މަގްސަދެކެވެ.

ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލު ކުރާ ފަރާތްތަކުގެ ކެއުން ބަހައްޓާނެ ގޮތާއި މެދު ޑައިޓިޝަނުންގެ ލަފާ ދިނުން ހިމެނެއެވެ.

މީގެ އިތުރުން މި ސެންޓަރަށް ދައްކާ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމަންޓަށް ފަހު އެނބުރި އަންނައިރު ފޮލޯއަޕް އެޕޮއިންޓްމަންޓް ވެސް ހަމަޖެހިގެންދާނެއެވެ.

ހަކުރުބައްޔަށް ހޭލުންތެރިކުރުވުމަށް އެންޑީސީން ދަނީ ފާހަގަކޮށްލެވޭފަދަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "އެކްސެސް ޓު ޑައެބެޓީސް ކެއަރ" އެވެ.