ޔޫއޭއީގައި މިހާރު ކުރިއަށްދާ އައިސީސީ ޓީ-ޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕް ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އިނގިރޭސިން ބަލިކޮށް ނިއުޒީލެންޑުން މުބާރާތުގެ ތާރިހުގައި ފުރަތަމަ ފަހަރަށް ފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

ޓޮސް ދިމާވުމުން ނިއުޒީލެންޑުން ގަސްދުކުރީ ބޯޅަ ހޮވުމަށެވެ. އިނގިރޭސިން ކުޅެން އަރައި 20 އޯވަރު ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 166 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ އިނގިރޭސިން 2019 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ވިދާލި މުއީން އަލީ،34، އެވެ. މުއީން ވަނީ 51 ބޯޅައިން 37 ލަނޑު ހަދާފައެވެ.

ޖަވާބުގައި ކުޅެން އަރައި ނިއުޒީލެންޑުން 19 އޯވަރު ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 167 ލަނޑު ހަދައި މެޗް ކާމިޔާބުކުރީއެވެ. ފުރަތަމަ 9 އޯވަރު ނިމުނުއިރު ނިއުޒީލެންޑަށް ހެދިފައި އޮތީ އެންމެ 50 ލަނޑު ކަމުން އިނގިރޭސިން ފައިނަލުން ޖާގަ ހޯދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. ނިއުޒީލެންޑުގެ ތަރިޔަކަށް ވެގެންދިޔައީ ނުބައި ނުވެ 47 ބޯޅައިން 72 ލަނޑު ހެދި ޑެރީލް މިޗެލްއެވެ.

ކްރިކެޓް ދުނިޔޭގެ ކަޅި މިހާރު ހުއްޓިފައި ހުރީ ސެމީފައިނަލުގެ ދެވަނަ މެޗުގައި މިރޭ ޕާކިސްތާނާއި އޮސްޓްރޭލިޔާ ބައްދަލު ކުރާ މެޗަށެވެ. މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މިރޭ 19:00 ގައެވެ.