ހުޅުމާލޭގައި ޤާއިމް ކުރެވުނު އެމް.އެން.ޑީ.އެފް ގެ "ކަލާސީން ކޮށި" މިނިސްޓްރީ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ މިއަދު ހުޅުއްވައި ދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލް އާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް އާ ޖެނެރަލް އޮފިސަރުންނާ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެ ލެއްވިއެވެ.
ކަލާސީނު ކޮށީގައި މިއަދު ހުޅުވުނު މުހިންމު ތަންތަނުގެ ތެރޭގައި، މެރިޓައިމް އެންޑް ލޮޖިސްޓިކް ބޭސް، ސްމޯލް ބޯޓް ރިޕެއަރ އެންޑްމެއިންޓެނެންސް ސެންޓަރ، ކޯސްޓްގާރޑް ސެކަންޑް ސްކޮޑްރަން، ކޯސްޓްގާރޑް ޑައިވިނގ ޔުނިޓް އަދި ޓްރާންސްޕޯރޓް ސަރވިސް ގެ ބޯޓް އޮޕަރޭޝަން ސެންޓަރ ހިމެނެއެވެ. ކަލާސީން ކޮށީގައި ހިމެނޭ ގިނަ އިމާރާތްތަކަކީ، ކޮވިޑް 91 އިގެ ޕެންޑެމިކް ތެރޭގައި، މި ސަރވިސްތަކާ ގުޅުންހުރި ޔުނިޓްތަކުގެ ސިފައިން، ރައްޔިތުންނަށް ބޭނުންވި ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދެމުން ކޮށްފައިވާ ބުރަ އަދި ބޮޑެތި މަސައްކަތްތަކެއްކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި އިމާރާތްތަކުގެ ޑިޒައިނިންގ އިން ފެށިގެން އިންޓީރިޔާގެ ހުރިހާ މަސައްކަތް ތަކަކީވެސް ސިފައިންގެ ހުނަރުވެރިކަން ދައްކައިދޭ މަސައްކަތްތަކެކެވެ. ޤައުމީ ދިފާއީ ބާރުގެ މޭންޕަވަރ، ރިސޯސަސް، ސިސްޓަމްސް އަދި އޮޕަރޭޝަނަލް ސެންޓަރސް ޤާއިމްކޮށް، ރައްޔިތުންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ ޤައުމީ ދިފާއީ ބާރަކީ ވަރުގަދަ، ޕްރޮފެޝަނަލް ބަޔަކަށް ހެދުމަކީ މިއަދު ގެ ލީޑަރޝިޕްގެ އެންމެ ބޮޑު އަދި މުހިންމު އެއް އަމާޒްކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ކަލާސީން ކޮށީގައި މި ހުޅުވިގެންދިޔަ ޚިދުމަތްދޭ ސެންޓަރ ތަކުގެ ސަބަބުން ސިފައިންގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް ފުޅާވެ އަވަސް ވެގެން ދާނެކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ކަނޑުގެ އުޅަނދު ފަހަރަށް ދިމާވާ މައްސަލަތައް އިހުނަށްވުރެ ފަސޭހަކަމާއިއެކު ހައްލުކުރެވި، ކަ ނޑުމަގުން ދެމުންދާ ޚިދުމަތްތަކަށް ބޮޑުކުރިއެރުމެއް ލިބިގެންދާނެއެވެ. މިއަދު ހުޅުމާލޭގައި މިހުޅުވުނު ކަލާސީން ކޮއްޓަކީ އެމް.އެން.ޑީ.އެފް ގެ ތާރީޚުގައި ހުޅުވާލެވުނު އައު ޞަފްހާ އެއްކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.