ޖުމްހޫރީ ޕާޓީ (ޖޭޕީ) އިތުރަށް ޕްރޮމޯޓުކޮށް ރަށްރަށުގައި އެޕާޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް އެޕާޓީގެ އަންހެނުންގެ ލީގުން ފަށައިފިއެވެ. މިހަރަކާތުގެ ތެރެއިން މާލެއަތޮޅު ދިއްފުށްޓަށް އެޕާޓީން ވަނީ މިއަދު ދަތުރެއް ކޮށްފައެވެ.

އަންހެނުންގެ ލީގުން ވިދާޅުވީ މިދަތުރުގައި އެރަށުން ޖޭޕީއަށް ވަރަށްބޮޑު ތަރުހީބެއް ލިބިގެން ދިޔަކަށެވެ. "އަޅުގަނޑުމެން ހީވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް ދިއްފުށީން ލިބުނު. ވަރަށްގިނަ މީހުންނާ ބައްދަލުވެ ޚިޔާލުބަދަލު ކުރެވުނު. އޭގެއިތުރުން ވަރަށްގިނަ އަދަދެއްގެ ބޭފުޅުން އަޅުގަނޑުމެންގެ ޕާޓީއާ އަލަށްވަނީ ގުޅިވަޑައިގެންފައި. މިއީ ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް،" އަންހެނުންގެ ލީގުގެ ފަރާތުން ވާހަކަ ދެއްކެވި ޔަޝްފާ ޢަބްދުލްޣަނީ ވިދާޅުވިއެވެ.

ޔަޝްފާ ވިދާޅުވީ ޕާޓީން މިހާރު އަމާޒު ހިފާފައިވަނީ 2023 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ކަމަށެވެ. އެކަމަށްޓަކައި ޕާޓީގެ ހަރަކާތްތައް އިތުރުކޮށް ވަރުގަދަ ކުރުމަށްޓަކައި ތަފާތު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. އޭނާ ވިދާޅުވީ މިއީ ފެށުމެއް ކަމަށެވެ. ހީވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް ދިއްފުށީން ލިބުމުން މިހަރަކާތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ވަރަށްބޮޑު ހިތްވަރެއް ޓީމުގެ ބައިވެރިންނަށްވެސް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ފެށުމެއް. މިހަރަކާތްތައް އިތުރަށް ވަރުގަދަކޮށް އެހެން ރަށްރަށާ ހަމައަށް ފުޅާކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާނަން އިރާދަކުރެއްވިއްޔާ،" އޭނާ ވިދާޅުވިއެވެ. މިދަތުރުގައި ޖޭޕީގެ ނާއިބު ރައީސް އަހުމަދު ސައުދާއި، ޕާޓީގެ ބައެއް ގޮފިތަކުގެ ވެރީން ހިމެނޭ ގޮތަށް 29 މެމްބަރަކު ބައިވެރިވެފައިވެފައިވެއެވެ. މިދަތުރުގައި އެރަށުން 70 ވަރަކަށް މީހުން ވަނީ ޖޭޕީއަށް ސޮއި ކުރައްވައިފައެވެ.