އެޓޭކިންގ މިޑްފީލްޑަރު ލޫކަސް ޕަކުއެޓާ ކާމިޔާބު ކޮށްދިން ލަނޑުން 1-0 އިން ކޮލަމްބިއާ ބަލިކޮށް އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ފުރުސަތު ހޯދި ދެކުނު އެމެރިކާގެ ފުރަތަމަ ގައުމަކަށް ބްރެޒިލް ވެއްޖެއެވެ.

ބްރެޒިލްގެ ކޮރިންތިއަންސް އެރީނާގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޕަކުއެޓާ ކާމިޔާބު ކުރީ 72 ވަނަ މިނެޓުގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ބްރެޒިލްގެ ކޯޗް ޓިޓޭ ފުރަތަމަ އެގާރައިގައި ޓީމުގެ އެޓޭކް ލީޑް ކުރަން ފުރުސަތު ދިނީ ނޭމާގެ އިތުރުން ލީޑްސް ޔުނައިޓެޑުގެ ފޯވާޑް ރަފީނިއާ އާއި މެންޗެސްޓަރ ސިޓީގެ ފޯވާޑް ގެބްރިއެލް ޖީސަސްއެވެ. މިސީޒަނުގައި ރެއާލް މެޑްރިޑުގައި މޮޅު ކުޅުމެއް ދައްކަމުން ވިނީޝިއަސް ކުޅެން އެރުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިމެޗަށް ނެގި ސްކޮޑުން ފިލިޕް ކޫޓީނިއޯއަށް ފުރުސަތު ދީފައިވީނަމަވެސް މިމެޗުގައި އޭނާގެ ބޭނުން ހިފާފައެއް ނުވެއެވެ.

މިމޮޅާއެކު ބްރެޒިލަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުވީ ބާކީ 7 މެޗް އޮއްވައެވެ. ދެކުނު އެމެރިކާ ޒޯނުގެ އެއްވަނައިގައި ބްރެޒިލް އޮތީ މިހާތަނަށް ކުޅުނު 12 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ބްރެޒިލަށްވުރެ މަދުން އެއްމެޗް ކުޅެފައިވާ އާޖެންޓީނާ ދެވަނައިގައި އޮތީ 25 ޕޮއިންޓާއެކުއެވެ. ކޮލިފައިންގައި މިރޭ ފަތިހު 4:00 ގައި އުރުގުއޭއާ ދެކޮޅަށް ނުކުންނާނެއެވެ.

ދެކުނު އެމެރިކާ ޒޯނުން ވޯލްޑް ކަޕަށް ސީދާ ޖާގަ ލިބޭނީ ކޮލިފައިން ނިމޭއިރު އެންމެ ކުރީގައި އޮންނަ ހަތަރު ގައުމަށެވެ. ފަސްވަނައަށްދާ ގައުމަށް ޕްލޭއޯފް ޖާގައެއް ލިބޭނެއެވެ.