ރޭގެ ވަގުތެއްގައި ނިޔާވި މއ. ކޮޕީގެ، މުހައްމަދު ރަޝީދުގެ ޖަނާޒާ މިއަދު ހުކުރު ނަމާދަށް ފަހު އޮންނާނެ އެެވެ.

މަރްހޫމުގެ މޫނު ދެއްކުން މިއަދު ހެނދުނު 10:30 ވަންދެން އޮންނަ އިރު، ކަށު ނަމާދު ކުރުން އޮތީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ކޮޕީ ރަޝީދު އަވަހާރަވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނެވެ.

ކޮޕީ ރަޝިދަކީ ޚާއްސަކޮށް ޅެންވެރިކަމުގެ ރޮނގުން އަގު ނުކުރެވޭ ފަދަ ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު ޅެން ހެދުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭނާއަށް ވަނީ މިދިޔަ އަހަރު ދެއްވާފަ އެވެ.

މަރްހޫމް ކޮޕީ ރަޝީދަކީ ތަމްސީލާއި ފިލް އަދި ޑްރާމާ ކުޅެ، ޑައިރެކްޓު ކުރުމުގައި ވެސް ކުޅަދާނަ ފަންނާނެކެވެ.

ކޮޕީ ރަޝީދު ވަނީ 32 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރައްވާފަ އެވެ.

އެގޮތުން އޭނާ ވަނީ ބ. އަތޮޅު އަތޮޅުވެރިކަމާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރުކަމާއި އެސިސްޓެންޓް ޑިރެކްޓަރުކަން ކުރައްވާފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފޮތް ޗާޕްކުރާ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި ޑިރެކްޓަރުކަން ވެސް ކުރައްވާފައި ވެއެވެ.

މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ވެސް ކޮޕީ ރަޝީދު ވަނީ ފުރައްވާފަ އެވެ.