ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމަކީ ރައްޔިތުންގެ ވިސްނުމާއި ޚިޔާލާ އެއްގޮތަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް އެޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ލީޑަރުގެ ވިސްނުމާ އެއްގޮތަށް ޕާޓީ ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ އުންމީދާއި ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ޕާޓީއާއި ލީޑަރޝިޕްގެ ވިސްނުމާއި އަމަލުތައް މިގޮތަށް ހުރިކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގެންޖެހޭ ކަމަށެވެ. އެހެންކަމުން އެކަން ރައްޔިތުންނަށް ހާމަކުރުމުގެ މަސައްކަތް މިހާރުވާނީ ޕާޓީން ފަށައިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެޕާޓީން ވާނީ ރަށްރަށަށް ދަތުރު ކުރުމުގެ ހަރަކާތެއް އިއްޔެ ފަށައިފައެވެ. އެޕާޓީގެ 29 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އިއްޔެވަނީ ކ. ދިއްފުށްޓަށް ދަތުރެއް ކޮށްފައެވެ. މިއީ ފެށުމެއް ކަމަށް ވެސް ޖޭޕީން ވަނީ ބުނެފައެވެ.

އެދަތުރަކީ ޖޭޕީގެ އަންހެނުންގެ ލީގުގެ ފަރާތުން އިސްނަގައިގެން ކުރި ދަތުރެކެވެ. އަންހެނުންގެ ލީގުން ބުނީ އެއީ ކާމިޔާބު ދަތުރެއް ކަމަށެވެ. ހީވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް އެރަށުން ލިބުނު ކަމަށް ލީގުން ބުންޏެވެ. ކުރިއަށްއޮތް ތަނުގައި ވެސް މިފަދަ ދަތުރުތައް އެކި ރަށްރަށަށް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑްގެ ސަބަބުން ސިޔާސީ ހަރަކާތް ހުއްޓާލުމަށްފަހު އަލުން ހަރަކާތްތައް މިފެށީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖޭޕީ ތައްޔާރުކޮށް އިތުރަށް ޕްރޮމޯޓުކޮށް މެމްބަރޝިޕް އިތުރު ކުރުމަށް ކަމަށް ވެސް އަންހެނުންގެ ލީގުން ބުންޏެވެ.