އެއްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވެސް އޭނާގެ ކުރީގެ ކްލަބު ބާސެލޯނާއާ ގުޅުމަށް އެއްބަސްވެއްޖެއެވެ.

މިވަގުތު އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓުގައި ނެތް އަލްވެސް ބާސެލޯނާއަށް ގެނައުމަށް ނިންމީ މިދިޔަ ހަފްތާގައި އެކްލަބުގެ ކޯޗް ކަމާ ހަވާލުވި ކުރީގެ ޕްލޭމޭކަރ ޒަވީ ހެނާންޑޭޒްއެވެ. ޒަވީ އާއި އަލްވެސްއަކީ މިދިޔަ އެކީގައި ބާސާއަށް ކުޅެ ގިނަ ކާމިޔާބީތަކެއް އެކްލަބަށް ހޯދައި ދީފައިވާ ދެކުޅުންތެރިންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބާސާއިން ޒަވީއާއެކު އެއްއަހަރުގެ އެއްބަސްވުމެއް ހެދިނަމަވެސް، އިތުރު އެއްހަރަށް އެއްބަސްވުން ދިގު ދަންމާލުމުގެ އިހްތިޔާރު ބާސާއަށް ލިބިދެއެވެ.

ބާސާއާ ގުޅެން އަލްވެސް އެއްބަސްވިނަމަވެސް އެކްލަބުގެ ކޮންޓްރެކްޓުގައި އޭނާއަށް ސޮއި ކުރެވޭނީ ސްޕެނިޝް ލަލީގާއިން ހުއްދަ ދިނުމުންނެވެ. މީޑިޔާ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މިމަހުގެ 21 ވަނަ ދުވަހު އެސްޕަނިޔޯލްއާ ދެކޮޅަށް ބާސާގެ ޖާޒީގައި އަލްވެސްއަށް ކުޅެވުމުގެ ފުރުސަތު ބޮޑެވެ.