ވިއްސާރަ ދުވަހެކެވެ. ވައިގަދައެވެ. ފަތިހު ހަތަރުގަޑިބައިގައި މަންމަ ގޮވުމުން ތެދުވެ ފެންވަރައިގެން ފަތިސްނަމާދު ކުރުމަށްފަހު ސުކޫލަށް ދާން ތައްޔާރުވާން ފެށީމެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުން މަންމަ ހުރީ ވަރަށް ބިރުންނެވެ. ބެލެނިވެރިއަކާ ނުލައި ދަތުރުކޮށްފައި މުއްޔަށް ދާންޖެހޭތީއެވެ. އެހެނަސް މިއަދު ނުގޮސް ވާކަށްނެތެވެ. ގްރޭޑް 10ގެ މޮކް އެގްޒާމް އޮންނާނެތީއެވެ. މިއީ ނާލާފުށިން މުއްޔަށް ދަތުރު ކުރަންޖެހޭ ކުދިންގެ އިހުސާސްތަކެވެ.

ރަށުގެ އާބާދީ މަދުވުމުން ކޮންމެ ގްރޭޑަކަށް ކުއްޖަކުވެސް ހަމަނުވާތީ ނާލާފުށީ ސުކޫލުގައި ގްރޭޑް ހަތަކުން މަށްޗަކަށް ކިޔަވައެއް ނުދެވެއެވެ. ހަތަކުން ފާސްވުމުން ދެން ކިޔަވަން ދާންޖެހެނީ މުއްޔަށެވެ. މ އަތޮޅު ތައުލީމީ މަރުކަޒަށެވެ.

މުއްޔަށް ކިޔަވަންދާ ކުދިންނަށް ސަރުކާރުން ފެރީއެއް ހަމަޖައްސައިފައި އޮވެއެވެ. ހެނދުނު6:40 ގައި ފުރާ ފެރީން ހިތާދެކޮޅަށްނަމަވެސް ދަރިފުޅު ފޮނުވަން ޖެހެއެވެ. ކިތަންމެ ވިއްސާރަޔަސް މެއެވެ. ވިއްސާރަދުވަސް ތަކުގައި ސުކޫލާ ހަމައަށް ދެވޭއިރު ގެންދާ ކުޑަ އޮންނަނީ ހަލާކުވެފައެވެ. ވަރަށް ގިނަދުވަސްތަކުގައި އެހެންކުދިން ފިލާވަޅު ނުނިންމައިގެން މަޑުކުރަން ވެސް ޖެހެއެވެ. މިއީ ނާލާފުށީން މުއްޔަށް ކިޔަވަން އަންނަ ބައެއް ކުދިންނަށް ދިމާވާ ގޮތެވެ. "އެގޮތަށް ހުރެފައި ފެރީ ފުރާއިރު ހުންނަނީ ވަރަށްބޮޑަށް ބަނޑުހައިވެފައި. އިންޓަވަލް ބުޔަސް އެހާ ދަތުރުކޮށްފަ ރަށަށްދާންޖެހޭތީ ވަރަށް ވަރުބަލިވޭއި" އެދަރިވަރު ބުންޏެވެ.

ކުދިން ތައުލީމު އުނގެނުމަށް އެހެން ރަށަކަށް ދަތުރުކޮށްފައި ދިއުމަކީ އުފުލަން ޖެހޭ ވަރަށް ބޮޑު ތަކުލީފެއްކަމުގައި މ. އަތޮޅު ތައުލީމީމަރުކަޒުގެ ޓީޗަރަކު ވިދާޅުވިއެވެ. "އެއްދުވަހަކު ނާލާފުށިން ފުރައިގެން މުއްޔަށް ދިޔައިރު ކުދިންނާއެކު ދަތުރު ކުރަންޖެހުނު. ވައިގަދަވުމުން ކުދިންތިބީ ވަރަށް ބިރުން. ވިއްސަކަށް މިނެޓުގެ ދަތުރަކަށްފަހު ކުދިން ސުކޫލަށް ދިޔައިރު ތިބީ ވަރުބަލިވެފައި،" އެ ޓީޗަރު ބުނުއްވިއެވެ.

ނަމަވެސް މި ކުދިން ވަރަށް ހިތްވަރުގަދައެވެ. ފެރީގައި ދަތުރުކޮށްފައި ދަތި ހާލުގައި ކިޔަވައިގެންވެސް ރަނގަޅު ނަތީޖާ ހޯދައެވެ. ރަށަށްގޮސް ބައިގަޑީއިރު ވެފައި އަނެއްކާ ފުރައިގެން އެކްސްޓްރާކުލާހަށް އަންނަން ޖެހުނަސް އެކުލާސްތަކުގައިވެސް ބައިވެރިވެއެވެ. މި ކުދިންގެތެރޭގައި ސާނަވީ މަރުހަލާއިން ރަނގަޅު ނަތީޖާ ހޯދައިގެން ޓޮޕްޓެންއަށް އަރާކުދިންވެސް ހިމެނެއެވެ.

މިއަހަރުވެސް ނާލާފުށިން ފެރީގައި ދަތުރުކޮށް މ. އަތޮޅު ތައުލީމީމަރުކަޒުން ކިޔަވަމުންދާ 32 ކުދިން ތިބިކަމަށް ތައުލީމީމަރުކަޒުން މައުލޫމާތު ދެއްވިއެވެ. މިއީ ގްރޭޑް 7 އިން ފެށިގެން 12 އާއި ހަމައަށް ކިޔަވަމުން އަންނަ ދަރިވަރުންނެވެ.

ރައްޔިތުންގެ މަޖިލިހުން ފާސްކުރެއްވި 2022 ވަނަ އަހަރުގެ ބަޖެޓުގައި ރަށްތައް ގުޅުވުމަށް ބަޖެޓު ކޮށްފައިވުމުން މި ދަތުރުތަކަށް ނިމުމެއް އަންނާނެކަމުގެ ފޮނި އުންމީދުތައް މި ދެރަށުގެ ރައްޔިތުން ދެކެންފަށައިފިއެވެ. ގުޅުވާ ރައްތަކުގެ ލިސްޓުގައި މުއްޔާއި ނާލާފުށިވެސް ކޯޒުވޭ އަކުން ގުޅުވާލުމަށް ބަޖެޓުކޮށްފައިވުމީ މި ދެރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ޚާއްޞަކޮށް ނާލާފުށީ ރައްޔިތުންނަށް ލިބުނު އުފާވެރިކަން ބޮޑެވެ.

ކޮންމެ ދުވަހަކު ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އަންނާނެތީއެވެ. ޚާއްޞަކޮށް ތަޢުލީމު އެނގެނުމަށް މުއްޔަށް އަންނަން ޖެހިފައިވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ލިބުނު އުފާ ދުލުން ބަޔާން ކޮށްދެވޭ ވަރަށްވުރެ ބޮޑެވެ. ބޭންކަށާއި ވަޒީފާތަކަށް ކޮންމެ ދުވަހަކު ނާލާފުށީ މީހުން އެތައް ދަތުރެއް ކުރަންޖެހެއެވެ. މުލީގައި ވަޒީފާ އަދާކުރާ ނާލާފުށީ ރައްޔިތުންވެސް ގިނައެވެ.

މި ދެރަށް ގުޅާލުމަކީ މުލީ ރައްޔިތުންނަށް ވެސް ލިބޭނެ އުފަލެކެވެ. މި ދެރަށުގެ ރައްޔިތުންގެ މެދުގައި އޮންނާނީ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުންފަދަ ގުޅުމެކެވެ. ދެރަށް ގުޅާލުމުން މި ދެރަށުގެ ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކޮށް އުޅުމަށް ފަސޭހަވެގެންދާނެއެވެ. ވިޔަފާރި ކުރުމަށް ފަސޭހަވާނެއެވެ. ދަތުރުހަދައިގެން ދޯންޏެއް ނުވަތަ ޑިނގީއެއް ހޯދައިގެން އަވައްޓެރި ނާލާފުށްޓަށް ދާ ދިޔުމަށް ނިމުމެއް އަންނާނެއެވެ.

2004 ވަނަ އަހަރު ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާ އަށް ފަހު ތަފާތު އެކި މުވައްސަސާތަކުން މި އުފާވެރި ޚަބަރު ނާލާފުށްޓާއި މުލީގެ ރައްޔިތުންނަށް ދެމުން ގެންދިޔައެވެ. ރަސްމީ ސިފައެއްގައި މިވާހަކަ ދެކެވެން ފެށީ 2008 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އޭރު މުލަކަތޮޅު އަތޮޅުވެރިޔަކަށް ހުންނެވި ބޭފުޅާ މުއްޔާއި ނާލާފުށީ ރައްޔަތުންނާއި ބައްދަލުކޮށް މި ދެރަށް ކޯޒުވޭއަކުން ގުޅާލާނެ ވާހަކަ ވިދާޅުވިއެވެ. އަދި އެކަމަށް ފައިސާ ލިބިފައިހުރިވާހަކަވެސް ވިދާޅުވިއެވެ. މިޚަބަރުވީ ނާލާފުށީ ރައްޔިތުންނަށް އުއްމީދުން ފުރިގެންވި އުފާވެރި ޚަބަރަކަށެވެ.

ނަމަވެސް މި ދެރަށްގުޅުވުމުގެ އަމަލީ މަސައްކަތް ފެށޭތަނެއް ނުފެނެއެވެ. ދެކެވެނީ ހަމަ ވާހަކައެވެ. އެއަށްފަހު 2015 ވަނަ އަހަރުގެ ޖެނުވަރީމަހުގެ ކުރީކޮޅު މުލީ ކައުންސިލާއި ނާލާފުށީ ކައުންސިލުން ދ. ކުޑަހުވަދޫ ކައުންސިލުގެ އިދާރާގައި މިކަމާއި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވިއެވެ. އެއީ މުލީގައި އެއާޕޯޓު އެޅުމަށް ހިއްކާ މަޝްރޫއު ނިމޭއިރު މުއްޔާއި ނާލާފުށްޓާ ދެމެދު ކޯޒުވޭއެއް އެޅުމަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. ނަމަވެސް މަޝްވަރާކުރުން ފިޔަވާ އިތުރު ކުރިއެރުމެއް ލިބޭތަނެއް ރައްޔިތުންނަކަށް ނުފެނުނެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުން މިމަހު ފާސްކުރެއްވި 2022 ވަނަ އަހަރުގެ ބަޖެޓުގައި މި ދެރަށް ގުޅުވައި ލުމަށް ބަޖެޓުކޮށްފައިވުމީ މި ދެރަށުގެ ރައްޔިތުންގެ އުއްމީދުތައް އާވެ އާލާވީކަމެކެވެ. ދަރިވަރުންގެ އުނދަގޫދަތުރު ތަކަށް ނިމުމެއް އަންނާނެކަމުގެ ފޮނި އުންމީދުތައް އެކުދިން އަނެއްކާވެސް ކުރަން ފަށައިފިއެވެ. ރައްޔިތުން ތިބީ މިފަހަރުވެސް ވާނެގޮތެއް ބަލަބަލައެވެ.