ދަނޑުގެ ވިނަގަނޑާމެދު ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ މިއަދު ބަންގްލަދޭޝް ބަލިކޮށް ތިން ޕޮއިންޓް ހޯދުން ކަމަށް ރާއްޖޭ ގައުމީ ޓީމުގެ ކޯޗް އިޓަލީ ގައުމީ ޓީމުގެ ކުރީގެ ވިންގަރ ފްރެންސެސްކޯ މޮރިއޭރޯ ބުނެފިއެވެ.

ބްރެޒިލްގެ މަޝްހޫރު ފޯވާޑް ރޮނާލްޑޯއާއެކު އިންޓަމިލާނަށް ކުޅެފައިވާ މޮރިއޭރޯ ބުނީ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ލަންކާގެ ރޭސްކޯސް ދަނޑަކީ ދުވެފައި ވިޔަސް އަދި ހިނގާފައި ވިޔަސް ކުޅެން އުނދަގޫ ދަނޑެއް ކަމަށާއި ދަނޑު މަތީގައި އުޅެން ޖެހޭނީ "އުނދުހިފައި" ކަމަށެވެ.

"އެކަމަކު އަހަރެން ނެތިން މިކަން ކަމުގެ ޝަކުވާކޮށްގެން ފުއްދާލައިގެން ހުންނާކަށް. އަހަރެން ބޭނުން ވަނީ ޒިންމާ ނަގައިގެން ބަންގްލަދޭޝް ބަލިކޮށް މިއަދު ތިން ޕޮއިންޓް ހޯދުން. ލަންކާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު ކުޅުންތެރިންގެ ފަރާތުން އިތުރު ހިތްވަރެއް ޕްރެކްޓިހުގައި ފެނުނު. ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި" މޮރިއޭރޯ،52، ބުންޏެވެ.

ލަންކާ މެޗުގައި އެގައުމުން ރާއްޖެއާ އެއްވަރު ކުރީ ރާއްޖެއިން ހަތަރު ލަނޑު ކާމިޔާބު ކޮށްފައި ވަނިކޮށް ފަހަތުން އަރައެވެ. ލަންކާއިން ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކުރީ އެންމެ ދިހަ މިނެޓުގެ ތެރޭގައެވެ. އެއްވަރު ކުރީ މެޗުގެ އިތުރު ވަގުތުގައެވެ.

އަލީ އަޝްފާޤް (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކޯޗް ޕްރެކްޓިހުގައި.

ބަންގްލަދޭޝްގެ ކޯޗް މާރިއޯ ލެމޯސް ބުނީ އޭނާ އެދެނީ ލަންކާ މެޗުގައި ދިވެހި ގައުމީ ޓީމަށް ލިބުނު ޝޮކް ފިލައި ނުގޮސް ހުރުން ކަމަށެވެ. "އަހަރެން އެގޮތް ބޭނުން ވިޔަސް، ގަބޫލް ކުރަނީ ރާއްޖެއިން އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް. ކުޅުންތެރިން ކައިރީގައި މިބުނަނީ ރާއްޖެ ކަހަލަ ޓީމަކާ ދެކޮޅަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ނުލިބޭނެ ކަމަށް، ލިބޭ ފުރުސަތުގެ ބޭނުން ހިފުމަށް" ލެމޯސް ބުންޏެވެ.

ލަންކާގެ ބޮޑު ވަޒީރު މަހިންދުރަ ރާޖްޕަކްސަގެ ވާދައިގެ ތައްޓަށް ކުޅޭ "ފޯނޭޝަންސް ކަޕް" ގައި ރާއްޖެ އާއި ލަންކާ އަދި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކުރަނީ ޝީސެލްސްއެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗް ފަށާނީ މިއަދު ރާއްޖޭ ގަޑިން ހަވީރު 15:30 ގައެވެ. މިރޭ ބައްދަލު ކުރާނީ ލަންކާ އާއި ޝީސެލްސްއެވެ.