ކަރަންޓް މީޓަރުން ރީޑިން ނެގުމަށްފަހު ކަރަންޓް ބިލް ފަހުން ފޮނުވުމުގެ ބަދަލުގައި ވަގުތުން ކަރަންޓްބިލް އަތައް ދޭ ހިދުމަތް ފެނަކައިން ރަސްމީކޮށް ފަށައިފި އެވެ.

ފެނަކައިން އެ ހިދުމަތް ތައާރަފް ކުރީ ގދ. ފަރެސްމާތޮޑާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފެނަކައިގެ އެމްޑީ އަހްމަދު ސައީދާއި، ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި ހައުސިން މިިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވަޑައިގެންނެވިއެވެ.

އެ ކުންފުނިން ބުނީ، އެ ހިދުމަތް ތައާރަފް ކުރެވުމާއެކު ބިލުތަކުގައި ދިމާވާ މައްސަލަތައް ދެނެގަނެވި، އެކަމަށް އަވަސް ހައްލެއް ހޯދައިދެވިގެން ދާނެ ކަމަށެވެ. އަދި ރައްޔިތު މީހާގެ ގޭގައި ބަހައްޓާފައި ހުންނަ މީޓަރުން ރީޑިންގ ނެގުމާއެކު، ހިދުމަތް ލިބިގަންނަ ފަރާތައް އެމީހާ ދައްކަން ޖެހޭ ފައިސަގެ ތަފްސީލު ވަގުތުން ލިބޭނެ ކަމަށާއި، ބިލު ވަގުތުން ލިބުމާއެކު “ފެނަކަ ބިލް ޕޭ” އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން، ބިލުގައި މައްސަލައެއް ވާނަމަ ލަސްނުކޮށް ފެނަކައިގެ މުވައްޒަފުންނަށް އެކަން އެންގުމަށް ފަސޭހަވެގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ އެ އެޕްލިކޭޝަން ތައާރަފް ކުރެވުމާއެކު، ބިލު ޕްރިންޓު ކުރުމަށް ފެނަކައިން ކުރާ ހަރަދު އެތައް ގުނައެއް ދަށް ކުރެވޭނެ ކަމަށެވެ. އެގޮތުން، ރީޑިންގ ޑިވައިސް މެދުވެރިކޮށް ނެގޭ ބިލުތަކަކީ ތާމަލް ޕްރިންޓް ކުރެވޭ ބިލުތަކެއް ކަމަށާއި، އޭގެ ސަބަބުން ޕްރިންޓު ކުރަން ހޭދަވާ ހަރަދު ކުޑަ ކުރެވޭނެ ކަމަށް ބުންޏެވެ.

އަދި އެ ކުންފުނީގެ އަމާޒަކީ ފަންނީ ގާބިލު މުވައްޒަފުންނާއެކު ހިދުމަތުގެ ފަހަތުން ރައްޔިތުމީހާ ދުވާ ދުވުން ހުއްޓުމުން ކަމަށް ފެނަކައިން ބުންޏެވެ. އަދި ފެނަކައިން ހޯދަމުންދާ ކާމިޔާބީ ގުޅިފައި ވަނީ ތަހުޒީބު މުޖުތަކައަލަށް ފެތޭ ގޮތަށް، ޓެކްނޮލިޖީއާއި ޒަމާނީ ވަސީލަތްތަލަތްތައް ބޭނުންކޮށް، މުވައްޒަފުންގެ މަސައްކަތްކަތައް އިތުރަށް ލުއި ފަސޭހަކަން ލިބި، ހިދުމަތް ފޯރުކޮށްދިނުމުގައި ހޭދަވާ ވަގުތު ސަލާމަތް ކުރުމަށް ކަމަށެވެ.