ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އަދި ވިޔަފާރިކުރަމުންދާކަމާއި މާލެއަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ނޮވެމްބަރު 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނެނީ 55 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 53 އަހަރުގެ އަންހެނަކާއި 30 އަހަރުގެ އަންހެނަކާއި 24 އަހަރުގެ އަންހެނެކެވެ.
މި އޮޕަރޭޝަނުގައި އެދެގެ ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 200 ގްރާމަށްވުރެ ގިނަ ހެރޮއިން އަދި ބަނގުރާފުޅިއެއް ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންނުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 29 އަހަރުގެ މީހާއަށާއި 33 އަހަރުގެ މިހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވެއެވެ. އަދި އަނެއް ފަސް މީހުން ވަނީ ދޫކޮށްލާފައެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.