"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް މުރާޖަޢާ ކުރެއްވުމަށްފަހު، H06 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ) ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު "ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ" އިން މިއަދު އާއްމު ކޮށްފިއެވެ.
މި ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ވެސް ވަނީ ޝާއިޢުކޮށްފައެވެ.
މިކަން ހާމަކުރައްވާ ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއިން މިއަދު ނެރުއްވާފައިވާ އިޢުލާނާއެކު H06 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ކެޓެގަރީއަށް ޝަރުޠު ހަމަވާ ފަރާތްތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ (ޝަރުޠު ހަމަނުވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބާއެކު) ވަގުތީ ލިސްޓުތައް ޝާއިޢުކުރައްވާފައިވެއެވެ. އަދި، މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ވެސް، އެ ކަމުގެ ސަބަބާއެކު ވަގުތީ ލިސްޓުގައި ހާމަކުރައްވާފައިވެއެވެ.
ހަމަ އެއާއެކު، ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނިކުރެވޭނެ ކަމުގައި ވެސް އެ ކޮމެޓީގެ އިޢުލާނުގައިވެއެވެ. ހަމަ އެހެންމެ، އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ދަރިން ބަލަމުންދާކަމަށް ބަޔާންކޮށް ދެ ފަރާތުން ވެސް ފޯމު ހުށަހަޅައި، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރޭގައި ހިމެނި ޕޮއިންޓް ލިބިފައިވާނަމަ، ފްލެޓް ހަވާލުކުރުމުގެ ކުރިން، މި ދެ ފަރާތުގެ ތެރެއިން ފްލެޓް ހަވާލުކުރެވޭނީ ދަރިން ބަލަމުންދާ ފަރާތް ކަށަވަރުކޮށް، އެ ފަރާތަކަށް ކަމުގައި ވެސް ފްކެޓްތަކުގެ މައްސަލަބަލާ ކޮމެޓީގެ އިޢުލާނުގައިވެއެވެ.
"ހިޔާ މަޝްރޫޢު" ގެ H06 ކެޓަގަރީގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، މިއަދުން ފެށިގެން 2020 ނޮވެންބަރު 16 ވަނަ ދުވަހުގެ 15:00 ނިޔަލަށް ވަނީ ހުޅުވައިލާފައެވެ. މި ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލާފައި ވަނީhttps://hcp.presidency.gov.mv/ ލިންކު މެދުވެރިކޮށެވެ. "ހިޔާ މަޝްރޫޢު" ގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެކަމަށާއި އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންވެލައްވާ ނަމަ 3010718 އަށް ގުޅުއްވުމަށް ވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން އެދިވަޑައިގަންނަވައެވެ