އެކައުންޓިންގ ދާއިރާ ހަރުދަނާވެ ފުޅާވިވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ދެފުށް ފެންނަ މިންވަރު އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެކައުންޓިންގ ދާއިރާއަކީ، ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް ކަމަށެވެ. އަދި އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ފަންނީ ޤާބިލުކަމާއި، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް، މި އިންސްޓިޓިއުޓުން އަވަސް މަސައްކަތްތަކެއް ކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް އަވަސްކުރުމަކީ، އެކައުންޓެންސީ ޕްރޮފެޝަނަށް، އިންޑަސްޓްރީގެ އިތުބާރާއި ޔަގީންކަން ހޯދުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.