އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއެކު ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބޭއވެވި މަޖާޒީ ބައްދަލުވުމުގައި ދުނިޔޭގެ ހެވާ ލާބައަށްޓަކައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ޝީ އެއްބަސްވެ ވަޑައިގެންފިއެވެ. ޝީ ވިދާޅުވީ ދެގައުމުގެ ފައިދާއަށާއި ބައިނަލްއަގްވާމީ މުޖުތަމައުގެ ސުލްހަ މަސަލަސްކަމަށް އަދި ދުނިޔޭގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ދެ ގައުމުގެ ދެމެދު ހަރުދަނާ ގުޅުމެއް ގާއިމްވެފައި އޮންނަން ޖެހެއެވެ.

ޝީ ވިދާޅުވީ ކަންކަމުގައި ދެފަރާތަށް އެއް ގޮތަކަށް ނުވިސްނުނު ކަމުގައިވިއަސް ޒަމާންވީ ރަޙުމަތްތެރިޔާ ބައިޑެންއާ ބައްދަލުވުމުން އުފާ ކުރައްވާ ކަމަށެވެ. ބައިޑެން ވަނީ ޝީގެ ހެޔޮބަސްފުޅަށް ބޯ ޖައްސަވާފައެވެ.

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުން އޮތީ މަޖާޒީ ކޮށެވެ. ޝި ގައުމުން ބޭރަށް ވަޑައި ނުގަންނަވާތާ މިހާރު ދެއަހަރު ވަނީއެވެ. އަދިވެސް އެމެރިކާ ރައީސާ ޗައިނާގެ ރައީސާއެކު ބައްދަލު ވެވިފައެއް ނުވެއެވެ.

ބައިޑެންއާއެކު މި ބައްދަލުވުމުގައި އޭނާގެ އިސް މަސްއޫލުވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައިޑެން ވިދާޅުވީ ކުރިން ޝިއާއެކު އެހާ ރަސްމީ ކޮށް ވާހަކަތައް ދައްކަވާފައި ނުވާނެ ކަމަށެވެ. އަދި ކުރިން ވަރަށް ގިނަ ވާހަކަތައް ދެ ފަރާތުން ދައްކާފައިވާނެ ކަމަށެވެ. އެކަމަކު މިހާރު ރަސްމީ ފެންވަރުގައި ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ.

ފަހުން ބައިޑެން ވިދާޅުވީ މި ބައްދަލުވުމަކީ ސަރީހަ ކޮށް ދެފަރާތުން ޚިޔާލު ބަދަލުކޮށްލުމުގެ ފުރުސަތެއް ކަމަށެވެ. އަދި ދެ ފަރާތުގެ ވާދަވެރިކަމާ ހެދި ހަމަނުޖެހުމަކަށް ވެއްޓިޔަ ދީގެން ނުވާނެ ކަމަށެވެ.