ސްރީލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ނުވަތަ ފޯ ނޭޝަންސް ކަޕުގައި މިއަދު ކުޅުނު މެޗުން ރާއްޖެ މޮޅު ނުވުމުން މުބާރާތުން ކަޓައިފި އެވެ.

ޝީސެލްސް އާ ދެކޮޅަށް ރާއްޖެ މިއަދު ނުކުތް އިރު، 4 ޓީމުން ވާދަކުރާ މި މުބާރާތުގައި މޮޅުވެގެން ނޫން ގޮތަކަށް ރާއްޖެއަށް ފައިނަލަށް ދެވެމން ނެތް އިރު، ޝީސެލްސްއަށް މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. އެއީ 2 މެޗު ކުޅެ އެއްމެޗުން މޮޅުވެ، އަނެއް މެޗު އެއްވަރުވުމުން 4 ޕޮއިންޓު ލިބިފައިވާތީ އެވެ.

ނަމަވެސް ރާއްޖެ ދެ މެޗު ކުޅުނު އިރު، އެއްމެޗުން އެއްވަރުވެ އެއްމެޗުން ބަލިވެފައިވާތީ ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ސްރީލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ ގޯލެއް ނުޖެހި، އެއްވަރުވެގެން ނެވެ.

ރާއްޖޭގެ އަސްހަދު އަލީ (އަޑޭ) އަށް ރަތްކާޑު ދެއްކީ ސީޝެލްސް ކެޕްޓަންގެ މޫނު މަތީގައި ގަސްދުގައި އުޅަނބޮށިން ޖެހުމުން ނެވެ. އޭނާ ޖަހާފައިވަނީ ކުޅުމުން ބޭރުގަ އެވެ.

މީގެ އިތުރުން 66 ވަނަ މިނެޓުގައި ސީޝެލްސްގެ މާކު މަތިއޮޓަށް ވަނީ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފަ އެވެ.

މިއަދުގެ ނަތީޖާއާއެކު ސީޝެލްސްއަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. އަދި އެޓީމަށް ވަނީ ފައިނަލް ޔަގީންވެފަ އެވެ.

ފައިނަލަށް ދާ ދެވަނަ ޓީމެއް އެނގޭނީ މިރޭ ލަންކާއާއި ބަންގުލަދޭޝް ކުޅޭ މެޗަށްފަހު އެވެ.