އިމްތިޙާނުގައި އިށީނީ ވަރަށްބޮޑަށް ތައްޔާރުވެގެނެވެ. ފިލާވަޅުތައް މުޠާލިޔާކުރީމެވެ. ރިވިޝަން ހެދީމެވެ. ނަމަވެސް ކަރުދާސް އަތަން އަންނަން ކައިރިވާވަރަކަށް ހިތް ނުތަނަވަސްވާން ފެށިއެވެ. އަންނާނީ ކޮން ސުވާލުތަކެއްތޯ އަމިއްލަނަފުސާ ސުވާލުކުރެވެން ފެށިއެވެ. އަހަރެންނަށް ސުވާލުތަކަށް ޖަވާބު ދެވޭނެކަމާމެދު ޝައްކު ވާންފެށިއެވެ. އަމިއްލަނަފުސަށް އޮތް އިތުބާރު ކުޑަވާންފެށިއެވެ. ކީއްވެގެންކަން އެނގޭހެއްޔެވެ؟ ހިތާއި ސިކުނޑިފުރާލި ނުރަނގަޅު ޚިޔާލުތަކުންނެވެ. ނުރަނގަޅު ވިސްނުން ތަކުންނެވެ. ފަނާކުރަނިވި ވިސްނުން ބިނާކުރުވަނި ސިކުނޑިއަށް ބާރު ފޯރުވީއެވެ.

މިއީ ހަމައެކަނި އަހަރެންގެ ހާލަތެއްނޫނެވެ. ވަރަށް ގިނަ އިންސާނުންގެ ޠަބިއްޔަތުގައިވާ ކަމެކެވެ. ކަންކަމާމެދު މާބޮޑަށް ފަނާކުރަނިވި ވިސްނުން ގެންގުޅެވުމެވެ. މިފަދަ ވިސްނުންމީހާ ވަށާލުމުން ރަނގަޅުވިސްނުންތަކާ ދުރުކުރެއެވެ. އިސްނަގައިކަންކަން ކުރުމަށް ޖެހިލުންވެ ފަސްޖެހޭގޮތް ވެއެވެ.

އެހެންކަމުން ސިކުޑިއަށް ވެރިވާ އިނދިކޮޅު ޚިޔާލުތަކާއި ނުރަނގަޅު، ފަނާކުރަނިވި ވިސްނުންތަކުން ދުރުވާން ޖެހެއެވެ.

ފާނާކުރުވަނި ވިސްނުންތަކުން ދުރުވެ ބިނާކުރުމުގެ ވިސްނުން ގެނެސް މީހާ ޤާބިލު މީހަކަށް ވުމަށްޓަކައި ނުރަނގަޅު ޚިޔާލުތައް އަންނަހިނދު އިށީދެފައި ތެދުވެލައި، ރަނގަޅަށް ކޮޅަށް ތެދުވެ ހަށިގަނޑު ދަމަލައި އަދި ދަތް ދޮޅިމައްޗަށް އުފުލާ ލާށެވެ. މި ކަސްރަތު ތަކަކީ މީހާ ހަމަޖައްސާލާ އަދި ރަނގަޅު ވިސްނުމަށް މަގުފަހިވާނެ 3 ކަމެވެ. ބައެއް ދިރަސާތަކުން ދައްކާ ގޮތުގައި ހަށި ސީދާ ނުކޮށް (ހަށިގަނޑު ދޫކޮށްލައިގެން) ތިބޭމީހުން މާ ފަސޭހައިން ޑިޕްރެޝަން ( ނަފުސާނީ ބަލި ) ތަހައްމަލުކުރަން ޖެހެއެވެ.

އިމްތިޙާނަކަށް ތައްޔާރު ވުމުން ނުވަތަ ކަމެއް ކުރުމަށް ތައްޔާރުވުމުން ނުރަނގަޅު ޚިޔާލުތައް އައުމުން މީހާ ކަތްނެތް ކަމާއެކު ހަށިގަނޑު އެލުވާނުލާ ހަށިގަނޑު ތެދުކޮށްލާ ރަނގަޅު ވިސްނުމަށް ފުރުޞަތު ދޭށެވެ. ކުރިމަތިވެފައިވާ ހާލަތާއި މެދު ބިނާކުރުވަނިވި ފަހި ގޮތްގޮތަށް ވިސްނާށެވެ. އަމިއްލަ ނަފުސުގެ ޤާބިލުކަން އުފައްދާށެވެ. ތިމާގެ ވިސްނުމުންނެވެ. ފިކުރާއި ޚިޔާލުންނެވެ. " މިއީ ނުވާނެކަމެއް ނޫނޭ " ހީކުރުމަކީ ފަސޭހައިން ކަންކުރުމަށް ހިތްވަރު ލިބި އެކަމެއް ކުރުމަށް މަގުފަހިވާނެ ގޮތެވެ.

އެހެންކަމުން ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރުމަށްޓަކައި ނުރަނގަޅު ޚިޔާލުތަކާއި ދުރުވާށެވެ. ކުރިމަގަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ނަފުސުގެ ޤާބިލުކަން އުފައްދާށެވެ.

ލުބުނާނަން އުފަން އެމެރިކާގެ އިންވެސްޓް މެންޓް ބޭންކަރ ފައިނޭންސިއާ އެކްޓިވެސްޓެއްކަމަށްވާ ޒައިދު ޢަބުދުއްނޫރު ވިދާޅުވެފައިވަނީ ފަނާކުރަނިވި ވިސްނުމަކުން ބިނާކުރަނިވި ދިރިއުޅުމެއް ނުފެންނާނެކަމަށެވެ.