އަފްޣާނިސްތާންގައި ގަންޖާ އުފެއްދުން ހުއްޓުވުމަށް ކުރީ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރިއެވެ. ބައިނަލްއަގްވާމީ މުޖުތަމައުންވެސް އަފްޣާނިސްތާންގައި އެދިފައި ވަނީ ގަންޖާ އުފެއްދުން މަދުކޮށް ދިނުމަށެވެ.

ތާލިބާންގެ ވެރިކަމުގައި އަފްޣާނިސްތާންގެ ހާލަތު ނާޒުކު ފައްތަރަކަށް ގޮސްފައިވުމާއެކު މީހުން އަނެއްކާވެސް ފޯރިއާއެކު ގަންޖާއުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އަފްޣާނިސްތާންގެ ކަންދަހާރުއާއި ހެލްމަންދުގައި މިއަހަރު ދިމާވެފައިވާ ހަނަފަސްކަމާއެކު މީހުން ބުނަނީ އަފިހޫންގެ ދަނޑުވެރިކަން ވަރަށް ރަނގަޅު ކަމަށެވެ. ދަނޑުވެރިން ބުނާ ގޮތުގައި އެއްވެސް މީހަކަށް އާމްދަނީ ލިބޭނެ މަސައްކަތެއް ނެތް ކަމަށެވެ. އެހެންވެ، އެންމެނަށްވެސް އެންމެ ފައިދާ ހުރި މަސައްކަތަކީ ގަންޖާ އުފެއްދުމަށް މަސައްކަތް ކުރުން ކަމަށެވެ.

ތާލިބާންގެ މަސްއޫލުވެރިން ބުނާ ގޮތުން ރައްޔިތުންނަށް ގަންޖާ އުފެއްދުން ނޫން ގޮތެއް ހޯދައި ދިނުމަށް އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަފްޣާނިސްތާނުން ބުނާ ގޮތުން އެގައުމުގައި މަސްތުވާތަކެތި އިންދަނީ ނަމަ އޭގެ ނޭދެވޭ އަސަރު އަވަށްތެރި ގައުމުތަކާއި ރަޝިޔާއަށް ކުރާނެއެވެ. އަދި މިކަމުގެ ސަބަބުން ގިނަ ޝަކުވާތައް އަންނާނެ ކަމަށާއި އަދި މިއީ ގުޅުން ގޯސްވުމަށް މަގު ފަހި ވެދާނެ ކަމެއް ކަމަށެވެ.

ބައިނަލްއަގްވާމީ އިދާރާތައް ބުނާ ގޮތުން އަފްޣާނިސްތާނަކީ، ދުނިޔޭގައި އުފައްދާ މަސްތުވާތަކެތީގެ 90 ޕަސެންޓް އުފައްދާ ގައުމެވެ.