އީމެއިލް ބޭނުން ކުރުމުގެ ތަކުރިބާ ލިބިފައިވާ ދުވަސްވީ މީހުން ހޮޓްމެއިލް ދަންނާނެއެވެ. މީހުން މުވާސަލާތު ކުރާ ގޮތް އީމެއިލަށް ބަދަލުކޮށް އާންމު މީހާއާ ހަމައަށް އީމެއިލް ގެނެސްދިން މީހަކީ ހޮޓްމެއިލްގެ ބާނީއެވެ.

އެއީ އިންޑިއާގެ ޝައްބީރު ބާޓިއާއެވެ.

ބިލިއަނަރ ޝައްބީރު ބާޓިއާގެ އެންމެ ފަހުގެ އީޖާދަކީ ވަޒީފާ ނެތް މީހުންނަށް ވަޒީފާ ހޯދައި ދިނުމަށް އޭނާ އުފައްދާފައިވާ އެޕެވެ. އޭނާ ބުނާ ގޮތުން ކޮވިޑް ވަބާގައި އޭނާގެ ދަރިފުޅު އިރުއިރުކޮޅާ ވީޑިއޯ އަޕްލޯޑް ކުރާ މަންޒަރު ފެނުމުން މި އެޕް ހެދުމުގެ ޚިޔާލު އޭނާއަށް އައީއެވެ.

ކެލިފޯނިއާއިން ވާހަކަ ދައްކަމުން އޭނާ ބުނަނީ މުސްތަގްބަލުގައި ދުނިޔޭގެ މީހުން މުވާސަލާތު ކުރުމުގައި އާންމު ވަސީލަތަކަށް ވާނީ ވީޑިއޯ ކަމަށެވެ.

ވަޒީފާ ނެތް އެއް ބިލިއަން މީހުންނަށް ވަޒީފާ ހޯދައި ދިނުމުގެ މަގްސަދުގައި އޭނާ އުފެއްދި ޝޯރީލް އެންމެ ފުރަތަމަ ކާމިޔާބު އެއްޗަކަށް ނުވިއެވެ. މިހާރު އޭނާ ވަނީ އޭގެ ހުރިހައި ފީޗާއެއް އޮޓޮމޭޓް ކޮށްފައެވެ.

ވަޒީފާއަށް އެދޭމީހާއާވެސް ސުއާލުކުރާނީ ޝައްބީރެވެ. އެކަމަކު އެއީ އޮޓޮމޭޓެޑް މަޖާޒީ ޝަޚްސިއްޔަތެކެވެ. މީހުން ޖަވާބު ދޭނީވެސް ވީޑިއޯއިންނެވެ.

ޝައްބީރު ބުނާ ގޮތުން މުސްތަގްބަލުގައި ވަޒީފާއަށް އެދޭ މީހާ ފޮނުވާނީ އޭނާގެ ވީޑިއޯއެކެވެ. ނުވަތަ އެވީޑިއޯ އޮތް ތަނަކަށް މަގު ދައްކާ ކިއުއާރު ކޯޑެކެވެ.