ފައިސާ އަތުލުމުގެ ބޭނުމުގައި ސިފައިންގެ ބޭކަލަކު ރަހީނުކޮށް، އަނިޔާކޮށްފިއެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މާލޭ މަގުމަތިން ރޭ ސިފައިންގެ މީހަކު ހިފަހައްޓައި އޭނާގެ އަތުން ފައިސާ ހޯދުމަށް ރަހީނުކޮށް، ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވެއެވެ.

ރަހީނުކޮށް، އަނިޔާ ކޮށްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ޙަސަން ފަހީމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ރޭ 11:30 އެހައިކަންހާއިރު ހިނގާފައި ދަނިކޮށެވެ.

މިކަމާއި ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ، މިފަދަ މައްސަލަތަކަކީ ފުލުހުން ބަލާ މައްސަލަތައް ކަމަށާއި، އެހެންކަމުން މިކަމުގެ މައުލޫމާތު ފޯރުކޮށްދެއްވާނީ ފުލުހުން ކަމަށެވެ.