ރޭގެ ދަންވަރުގެ ވަގުތެއްގައި ރަހީނުކޮށް އަނިޔާކުރި ސިފައިންގެ މީހާގެ ހާލު ރަނގަޅުކަމަށް އެމްއެމްޑީއެފްއިން ބުނެފި އެވެ.

އެމްއެންޑިއެފުން މިފަދައިން ބުނެފައިވަނީ، ރޭގެ ދަންވަރުގެ ވަގުތެއްގައި އެމް.އެން.ޑީ.އެފް ސްޓާފް ސާޖަންޓް ޙަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރެފައިވާ ބަޔާނެއްގައެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ރޭގެ އަނިޔާވެރި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މިފަދަ ފަރާތްތަކުން ކުރަމުންދާ އަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ އަމަލުތަކެއް ނޫންކަމަށް އެމްއެންޑިއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

"އަދި ސިފައިންނަށް ދޭ މިފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ޤައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެ ވާހަކަ ވެސް ދަންނަވަމެވެ." އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑިއެފުން ބުނެފައިވަނީ ސްޓާފް ސާޖަންޓް ޙަސަން ފަހީމްއަށް ލިބިފައިވާ ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިއަދު ގެއަށް ދޫކޮށްލާފައިވާ އިރު، އޭނާގެ ހާލަތު ލީޑަރޝިޕުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. އެގޮތުން ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޑިފެންސް މިނިސްޓަރު މާރިއާ ދީދީއާ ގުޅުއްވައި ފަހީމްގެ ހާލު ބެއްލެވި ކަމަށެވެ. އަދި މިނިސްޓަރު މާރިޔާ ސްޓާފް ސާޖަންޓް ފަހީމްގެ އަނބިކަނބަލުންނަށް ފޯނުންގުޅުއްވައި، މިކަމުގައި ވެދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގެޔަޤީންކަން ދެއްވާފައިވާކަމަށެވެ. އަދި އެމް.އެން.ޑީ.އެފްގެ ސީނިއަރ ލީޑަޝިޕުން މިއަދު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ފަހީމްގެ ހާލު ބައްލަވާ ލައްވާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.