މިއަހަރު ދެވަނަ ޓާމުގައި ރާއްޖޭގައި ސެޓެލައިޓް މަފްހޫމުގެ ދަށުން ކިވައިދޭން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އޯލެވެލް ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އިނާމް ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ޕްރޮގްރާމް ފަށާނީ ބ. ފެހެންދުއާއި، ވ. ތިނަދުއާއި، ރަކީދޫގައި ކަމަށެވެ.

"މިއަހަރުގެ ތެރޭގައިވެސް މުޅިން އައު ކަމެއް ތަޢުލީމީ ދާއިރާއަށް އެބަ ތަޢާރަފް ކުރަން. އެއީ ސެޓެލައިޓް މަފްހޫމުގެ ދަށުން ކިޔަވައިދޭން ފެށުން. ސްކޫލްގައި ކިޔަވާ އުމުރުގެ ކުދިން މަދުވުމުން، ސްކޫލް ނެތް ތިން ރަށެއްގައި، މި އަހަރުގެ 2 ވަނަ ޓާރމްގައި، މި ޕްރޮގްރާމް ފެށޭނެ. އާދެ، އެއީ ބ. އަތޮޅު ފެހެންދުއާއި، ވ. ތިނަދުއާއި، އެ އަތޮޅު ރަކީދޫ،" ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ފެށުމުން އެ ތިން ރަށުގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިޔުމަށްޓަކައި އުފުލަންޖެހޭ ބުރަ ފިލައިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ގައިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ މުހިންމު ބަދަލުތައް ތަޢުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ، ވަރަށްބޮޑު މަގުސަދެއް އޮވެގެން ކުރައްވާ ކަމެއް ކަމަށެވެ. އޭގެ ބޭނުމަކީ ގައުމު ތަރައްގީ ކުރާނެ މީހުން ބިނާކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ޕްރޮގްރާމުގެ ސަބަބުން ގައުމު ތަރައްގީ ކުރާނެ ގޮތުގެ ވިސްނުން ކުދީންގެ ސިކުނޑީގައި އުފެއްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން އިލްމީ އަދި ޖިސްމާނީ ގާބިލްކަން ދަރިންނަށް ހޯއްދަވައިދެއްވުމަކީ މީގެ މަގުސަދެއް ކަމަށް ވިދާޅުވިއެވެ.