2008 ވަނަ އަހަރުގެ ތެރޭގައި ދަރިވަރުންގެ އަދަދު މަދު 3 ސްކޫލެއްގައި ކިޔަވައި ދިނުން ހުއްޓާލިއެވެ. މި ސްކޫލްތަކުގައި ކިޔަވާއިދިނުން ހުއްޓާލީ އެ ރަށްރަށުން މި ސްކޫލްތަކުގައި ކިޔަވައިދނުމަށް ތަމްރީންވެފައިވާ ޓީޗަރުން ލިބުމުގެ ދަތިކަން އިންތިހާއަށް ދިމާވެފައިވާ ދަނޑިވަޅެއްގައެވެ.
ބަންދު ކުރެވުނީ ބ. ފެހެންދޫ، ވ. ތިނަދޫ އަދި ވ. ރަކިދޫ މި ތިންރަށުގައި ސަރުކާރުން ހިންގަމުން ގެންދިޔަ ސްކޫލްތަކެވެ. މި ސްކޫލްތައް ބަންދު ކުރެވުނު ނަމަވެސް މި ރަށްރަށުގެ ކިޔަވާ ކުދިންނަށް އެހެން ރަށަށް ގޮސްގެން ކިޔެވުމަށް ސަރުކާރުން ކޮންމެ މަހަކު -/1000 ރުފިޔާ ދޭ ގޮތަށް ހަމަޖައްސައިދިނެވެ. އަދި މިކަމާ ރައްޔިތުންވެސް ރުހުނެވެ. ނަމަވެސް އަހަރުތައް ފާއިތުވަމުންގޮސް މިރަށްރަށުގައި އެކިއެކި ޒަރޫރީ ޙާލަތްތަކުގައި ދިރިއުޅެމުން ދިޔަ ބައެއް ރައްޔިތުންނަށް ދަރިން ލިބި ސްކޫލް އުމުރުފުރާއަށް އަޅައިގަތުމުން ސްކޫލެއްގެ ވާހަކަ އަލުން ދެކެވެން ފެށުނެވެ. މި ގޮތުން ބ. ފެހެންދޫގައި ދިރިއުޅޭ އާއިލާއަކުން އެމީހުންގެ ދަރިން، ކައިރީގައި އެއްފަޅުތެރޭ އޮތް ބ.ގޮއިދޫ ސްކޫލަށް ފޮނުވަން ފެށިއެވެ. ނަމަވެސް މި ކުދިން ސްކޫލަށް ދަނީ ވަރަށް ތަފާތު ގޮތަކަށެވެ. ކޮންމެ ދުވަހަކު ހެދުނު ހެދުނާ ބ.ފެހެންދޫ އިން ޑިންގީއެއްގައި ދަތުރުކޮށްފައެވެ. އަދި ސްކޫލް ނިމުމުން ކޮންމެ ދުވަހަކުވެސް އެނބުރި ރަށަށް (ބ.ފެހެންދޫއަށް) އާދެއެވެ. އެންމެ ކުއްޖަކު އެންމެ އާއިލާއަކުން ފެށި މިދަތުރު ދުވަސް ކޮޅަކުން 5 ކުދިންނަށް ބަދަލުވިއެވެ. އަދި ބެލެނިވެރިންގެ މި ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ބ.ފެހެންދޫ އަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރު ކުޑަ ލާންޗެއް ރަށަށް ހަދިޔާކުރިއެވެ. އެގޮތުން ފެހެންދޫ ދަރިވަރުންގެ ސްކޫލް ފެރީ ނިޒާމުގެ ފެށުން މިހާހިސާބުން ރަސްމިވެ ރަށުކައުންސިލް މި ލާންޗު ދުއްވައިދޭންފެށިއެވެ. ލާންޗަށް ޚަރަދުކުރަނީ ސަރުކާރުން ދަރިވަރުންނަށް ދޭ އެލަވަންސްއިންނެވެ. ނަމަވެސް މިކަން މާކަގިނަ ދުވަހު ހިނގާ ގޮތެއްނުވިއެވެ. ލާންޗު ދުއްވައިދިން މީހާ ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއް ލިބުމުން ދަތުރުތައް ހުއްޓެންފެށިއެވެ.
2017 ވަނަ އަހަރު މިމައްސަލަ ހައްލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުޑަ ލާންޗެއް ހޯދިއެވެ. މި ލާންޗަކީ ތިލަ ފަޅުގައި ގިނަ ކުދިންގޮވައިގެން ދުއްވާގޮތަށް ފަސްރިޔާ މޯލްޑިވްސްގެ ފަރާތުން ބަނދެ ހަދިޔާ ކުރި ލާންޗެކެވެ. މި ލާންޗުގެ އިންޖީނު އެމްޓީސީސީ އިން ހަދިޔާކުރިއެވެ. ރަސްމީ ފެރީ ނިޒާމެއްގެ ތެރެއިން ބ. ގޮއިދޫ ސްކޫލުން މުވައްޒަފުން ލައިގެން ލާންޗު ދުއްވަން ފެށިއެވެ. ދުވަހެއް ދުވަހަކަށް ފެރީ ނިޒާމުގެ ތެރެއިން ދަތުރުކުރާ ކުދިން ގިނަވިއެވެ. އަދި 2017 ވަނަ އަހަރުތެރޭ ޕްރީސްކޫލް އުމުރު ފުރައިގެ ދަރިވަރުންގެ ތަޢުލީމުގެ ވާހަކަ ރަށުގެ ރައްޔިތުން ދައްކަންފެށިއެވެ. އަދި މިއަޑު ގަދަވާން ފެށިއެވެ. ބެލެނިވެރިންވެސް އަދި އެޑިޔުކޭޝަން މިނިސްޓްރި އިންވެސް ޤަބޫލުކުރި ގޮތުގައި މިހާ ތުއްތު ކުދިންތަކެއް ކޮންމެ ދުވަހަކު ދަތުރު ކުރުމަކީ އެންމެ ރައްކާތެރިގޮތް ނޫން ކަމުގައި ފެނުނެވެ. މިހެންކަމުން ބ.ފެހެންދޫގައި ސްކޫލް ހިންގި އިމާރާތުގެ އޮފީސް ހުރިބަޔާއި 01 ކިލާސްރޫމް މަރާމަތުކޮށް ޕްރީސްކޫލް އުމުރު ފުރައިގެ 04 ދަރިވަރުންނަށް ކިޔަވައިދޭން އިންތިޒާމްތައް ހަމަޖައްސަން ފެށުނެވެ. ތަކުރާރުކޮށް އިޢުލާންކޮށްވެސް ތަމްރީނުވެފައި ހުރި ޓީޗަރަކު ލިބޭ ގޮތެއް ނުވިއެވެ. މިހެންކަމުން ވަގުތީ ޓީޗަރަކާއި އެކު މިކުދިންނަށް ފެހެންދޫ ސްކޫލް ހިންގި އިމާރާތުގައި ޕްރީސްކޫލް ކްލާހެއް ފެއްޓުނެވެ. މި ކްލާހުގެ ޓީޗަރު ކޮންމެ ހަފްތާއަކު އެއްފަހަރު ކޯޑިނޭޝަން ބައްދަލުވުންތަކަށް ގޮއިދޫއަށް ދަތުރު ކުރާ ގޮތަށެވެ. މި ކުލާހަކީ ގޮއިދު ސްކޫލްގެ ކުލާހެއްގެ ގޮތުގައި ގޮއިދޫ ސްކޫލް ޕްރިންސިޕަލްގެ ބެލުމުގެ ދަށުން ހިންގާ ގޮތަށް ހަމަޖެހި ސެޓެލައިޓް ކުލާހުގެ ނަން މިކުލާހަށް ދެވުނެވެ. އަދި، ހަމަ މިދުވަސްވަރު އެޑިޔުކޭޝަނުން ވާރޗުއަލްކްލާސް ތަޢާރަފްކުރިއެވެ. މިއީވެސް ދަރިވަރުންގެ އަދަދު މަދު ސުކޫލުތަކަށެވެ. މިގޮތުން ދަރިވަރުންގެ އާބާދީ 50 އަށްވުރެ މަދު ސުކޫލުތަކުގައި ވާރޗުއަލްކޮށް ކިޔަވައިދިނުމަށް ފެއްޓުނެވެ. ވާރޗުއަލްކްލާސް ހިންގުމަށް ރޭވުނު ގޮތަކީ މަލޭގެ އިސްކަންދަރު ސުކޫލުގައި ވާރޗުއަލް ހަބް ޤާއިމްކޮށް އެސުކޫލުގެ ދަރިވަރުންނާއިއެކު މިދެންނެވި ވާރޗުއަލް ކުލާސްރޫމްގެ ދަރިވަރުން ކިޔަވަމުންދާ ނިޒާމެއްގެ ތެރެއިންނެވެ. މިއީ ރިއަލްޓައިމްގައި މާލެގައި ތިބޭ ދަރިވަރުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުން ވީޑިއޯ ކޮންފަރެންސިންގެ ނިޒާމެއްގެ ތެރެއިން ވާހަކަ ދެކެވި ފިލާވަޅުތައް ނަގާދެވުނެވެ. ވާރޗުއަލް ކްލާހަކީވެސް ދަރިވަރުން މަދު ސްކޫލްތަކުގެ ދަރިވަރުންނަށް ބޭނުންވާ އަޅާލުމާއި އުގަންނާދިނުން އެންމެ ފަހި ނިޒާމަކަށް ނުވިއެވެ. ޓީޗަރުން ދެ ވައްޓަފާޅިއަކަށް އެއްފަހާރާ ކިޔަވައިދިނުން ދަތިވިއެވެ. ދަރިވަރުންގެ އަދަދު ގިނަވުމުންނާއި ދެ ސްކޫލްގައި ހުރި ވަޞީލަތްތަކުގެ ތަފާތު ގޮންޖެހުމަކަށް ވިއެވެ. ވާރޗުއަލް ކްލާސްތަކަކީ އަދި އެންމެ ރަގަޅު ހައްލުކަމަށް ނުވިއެވެ.
ބ. ފެހެންދޫ ސްކޫލްގައި ހިންގަން ފެށުނު ސެޓެލައިޓް ކްލާހުގެ ކިޔަވައި ދިނުން އެންމެ ރަގަޅަށް ހިނގާގޮތް ނުވިއެވެ. ސަބަބަކީ އަވަސް އަވަހަށް ޓީޗަރު ބަދަލުވުމާއި ތަމްރީނުވެފައި ހުރި ޓީޗަރެއް ނެތުމެވެ. މިހެން ކަމުން 2019 ވަނަ އަހަރު ފެށުމާއި އެކު ގޮއިދޫ ސެޓެލައިޓް ކްލާސް ހުއްޓުމަކަށް އައެވެ. އަދި ފެހެންދުގައި ދިރިއުޅެމުންދާ ސްކޫލަށްދާ ހުރިހާ ދަރިވަރުން ފެރީނިޒާމުގެ ތެރެއިން ކޮންމެ ދުވަހަކު ދަތުރު ކުރަން ފެށިއެވެ. ދަރިވަރުންގެ އަދަދު ގިނަވުމާއި ގުޅިގެން ލާންޗްގެ ދަތުރުތައް ގިނަ ކުރަންޖެހުނެވެ. ދަރިވަރުން ސްކޫލަށް ދިއުމަށް ހޭދަކުރަންޖެހޭ ވަގުތާއި މޫސުން ގޯސްދުވަސްތަކުގައި ދަރިވަރުންނާއި ބެލެނިވެރިން އުފުލަންޖެހޭ ތަކުލީފު ބޮޑުވިއެވެ. މިކަމަށް ހައްލެއް، އިންޑިޔާ ސަރުކާރުގެ އެހީގައި ސަރުކާރުން ހޯދައިދިނެވެ. އެއްފަހަރާ ހުރިހާ ކުދިންނަށް ދަތުރުކުރެވޭވަރުގެ ލާންޗެއް ހަމަޖައްސައިދިނެވެ. މިހެން ކަންކަން ހަމަޖެހުނު ނަމަވެސް ބ.ފެހެންދޫ އަދި ވ.ތިނަދޫ އަދި ވ.ރަކީދޫގެ ރައްޔިތުން އެ ރަށްރަށުގައި ސްކޫލެއް ހުޅުވުމަށް އެދޭ އެދުމުގެ އަޑު ގަދަވެ އިތުރަށް ފެތުރެމުން ދިޔައެވެ. ރަށުކައުންސިލްތަކުން ސަރުކާރުގެ އެކިއެކި ފަރާތްތަކާއި ބައްދަލު ކުރަންފެށިއެވެ. މިހުރިހާ ކަމެއް ހިނަގަމުން ދިޔައިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދިޔައީ މިރަށްރަށުގެ ކުދިންނަށް ރަށުގައި ތިބެގެން ތަޢުލިމު ލިބޭނޭ އެންމެ ރަގަޅު ވައްޓަފާޅިއެއް ހޯދުމުގެ ދިރާސާތައްކުރަމުންނެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅު މުޅި ދުނިޔެއަށް ކުރިތިލާންޖެހުނު ކޯވިޑް-19 ގެ ބަލިމަޑުކަމާއިއެކު ދުނިޔޭގެ ތަޢުލީމި ނިޒާމަށް އިންގީލބެއް އައެވެ. ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވުނު މަދު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ފައިތިލަ ސާބިތުކޮށްލިއެވެ. ޓެލިކިލާސް އާއި ގޫގުލް ކްލާސްއާއި މިނޫންވެސް ޑިޖިޓަލް މަންސަތައް ބޭނުންކުރަންފެށިއެވެ. އަދި، ވަރަށް ފަރިތަކަމާއިއެކު މިމަންސަތަކަށް ޓީޗަރުން ތަމްރީނުވިއެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އޮންލައިންކޮށް އެޑިޔުކޭޝަނުން ފެށި ކްލާސްތައް ދަރިވަރުންގެ މަޤުބޫލުކަން ހޯދިއެވެ. އަދި ބެލެނިވެރިންގެ އިތުބާރު ހޯދިއެވެ.
ކޮވިޑް-19 ގެ ސަބަބުން ތަޢުލީމު ދިނުމުގެ ވައްޓަފާޅިއަށް އައި ބަދަލާއި ގުޅިގެން ޓީޗަރުން ލިބުންދަތި ދަރިވަރުންމަދު ރަށްރަށް ކަމުދާނެ މަފްހޫމެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޝްވަރާކުރަން ފެށިއެވެ. އަދި ސެޓެލައިޓް ސްކޫލްގެ މަފަހޫމު ތަޢާރަފް ކުރެވުނެވެ. ދިވެހި ސެޓެލައިޓް ސްކޫލް މަފަހޫމަކީ އޮސްޓްރޭލިގައި ވަކިވަކި ކުދިކުދި އާބާދީ ތަކުގައި ދިރިއުޅޭ ކުދިންނަށް އުގަންނާދިނުމަށް 1951 ގައި ފެށުނު "ސްކޫލް އޮފް ދަ އެއަރ" ގެ ޒަމާނާއި އެއްގޮތަށް ތަރައްގީވެ މިހާރުވެސް ކިޔަވާދެމުންގެންދާ މަފްހޫމާއި ދާދި އެއްގޮތް ނިޒާމެވެ. ސެޓެލައިޓް ސްކޫލް ނިޒާމަކީ އޮސްޓްރޭލިޔާ، އެމެރިކާ، އިންގިރޭސިވިލާތް އަދި ކެނެޑާ ފަދަ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ހިންގަމުންދާ ތަޢުލިމު ފޯރުކޮށްދޭ ވައްޓަފާޅިއެކެވެ. މި ޤައުމުތަކުގައިވެސް ސެޓެލައިޓް ސްކޫލް ނުވަތަ އެއަރ ސްކޫލް ހިނގަނީ ބެލެނިވެރި ސްކޫލެއްގެ އެހީތެރިކަމާއެކުގައެވެ. މި ޤައުމުތަކުގައި ދަރިވަރުން ކިޔަވަންދަނީ އިޖުތިމާއި މަރުކަޒުތަކުގައި އެކަމަށް ޚާއްސް ކުރެވިފައިވާ ޖަގަހައަކަށެވެ. އެހެން ޤައުމުތަކުގެ ވައްޓަފާޅިއާއި ދިވެހި ސެޓެލައިޓް ސްކޫލްގެ ވައްޓަފާޅި ކުޑަކޮށް ތަފާތެވެ. އެޑިޔުކޭޝަން މިނިސްޓްރީ އިން ނެރެފައިވާ ސެޓެލައިޓް ސުކޫލު އުޞޫލުގައި ބަޔާންކޮށްފައިވާގޮތުންނަމަ ދިވެހި ސެޓެލައިޓް ސްކޫލްތަކުގެ ކިޔަވާދިނުމުގެ ކަންކަން ރާވާހިންގާނި މަރުކަޒީ ސްކޫލުންނެވެ. އަދި ސެޓެލައިޓް ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގާ ހަރަކާތްތައް ހިންގާނީ ބެލެނިވެރި ސުކޫލުންނެވެ. ރާއްޖޭގެ ސެޓެލައިޓް ސުކޫލުތަކުގެ އެއް ގްރޭޑަކަށް ނިސްބަތްވާ ދަރިވަރުން ކިޔަވާނީ އެއް ވަގުތެއްގައި އެއް ކުލާހެއްގައެވެ. މާނައަކީ މިދަރިވަރުން ކިޔަވަނީ އޮންލައިންކޮށްކަމުގައިވުމުން އެ ގްރޭޑްގެ ހުރިހާ ދަރިވަރުން ބައިވެރިވާނީ އެއް ގޫގުލްކްލާސްރޫމްގައެވެ. ސެޓެލައިޓް ސުކޫލުތަކުގެ ދަރިވަރުން އޮންލައިންކޮށް ކިޔަވާއއިރު އެކުދިންނަށް އެހީތެރިވުމަށް އެކުދިންނިސްބަތްވާ ރަށުގައި އެކުދިންގެ އެއް ހާޒިރުގައި އެހީތެރިވެދޭނެ ޓީޗަރެއް ހުރެއެވެ. ރާއްޖޭގެ އެހެން ސުކޫލުތަކުގެ ދަރިވަރުން ބޭނުންކުރާ ޓެބްލެޓާއި ޚިލާފަށް ސެޓެލައިޓް ސުކޫލުތަކުގައި ކިޔަވާ ދަރިވަރުން ބޭނުން ކުރުމަށް ހަމަޖެހިފައިނީ ކްރޯމްބުކް ކޮމްޕިއުޓަރެވެ. ކްރޯމްބުކް ކޮމްޕިއުޓަރަކީ ދުނިޔޭގެ އޮންލައިންސުކޫލުތައް ހިންގާ ކުލާސްތަކުގައި ބޭނުންކުރުމަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ ލެޕްޓޮޕް ކޮމްޕިއުޓަރެކެވެ. އަދި ސެޓެލައިޓް ސުކޫލުތަކުގެ ކުލާސްތައް ފަރުމާކުރެވިފައި ހުރީ ކޮމްޕިއުޓްރުތައް ޗާޖުކުރަން ބޭނުންވާ ކަރަންޕޮއިންޓުތަކާއި އިންޓަނެޓް ޕޮއިންޓުތަކާއި ހައި ސްޕީޑް ވައިފައި އިންޓަރނެޓް ލިބޭނޭ ގޮތަށެވެ. މިއީ ސްޓޭޓް އޮފް ދަ އާރޓް ކްލާސްރޫމްތަކެކޭ ދެންނެވިދާނެއެވެ. އަދި މި ސުކޫލްތަކުގެ ދަރިވަރުން ކުޅެ ހެދުމަށް ބޭނުންވާ ވަޞީލަތްތައްވެސް މިސުކޫލުތަކުގައި ޤާއިމުކުރެވޭ ކަމަށް އެ ރަށްރަށުގެ ކައުންސިލުތަކުން ވިދާޅުވެއެވެ.
ސެޓެލައިޓް ސުކޫލުތަކަށް ކުދިންވަނުމުގެ ފުރުޞަތު މިހާރުވާނީ އޮކްޓޯބަރ މަހުގެ 14 ވަނަދުވަހާއި ހަމައަށް އެޑިޔުކޭޝަން މިނިސްޓްރީ ހުޅުވައިލާފައެވެ. ސެޓެލައިޓް ސުކޫލަކަށް ވަންނަންބޭނުންވާ ދަރިވަރުންގެ ޖެހެނީ އެ ސުކޫލެއް ނިސްބަތްވާ ބެލެނިވެރި ސުކޫލަކަށް ފޯމު ހުށަހަޅާށެވެ. މިގޮތުން ރަކީދޫ ސުކޫލަށް ވަންނަން އެދޭ ދަރިވަރުމް ފޯމު ހުށަހަޅަން ޖެހޭނީ ވ. ކެޔޮދޫ ސުކޫލަށެވެ. އަދި ވ. ތިނަދޫ ސްކޫލަށް ވަންނަން އެދޭ ދަރިވަރުން ފޯމު ހުށަހަޅަން ޖެހޭނީ ވ.އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. އަދި ބ.ފެހެންދޫ ސްކޫލަށް ވަންނަން އެދޭ ދަރިވަރުން ފޯމު ހުށަހަޅަން ޖެހެނީ ބ.ގޮއިދޫ ސްކޫލަށެވެ.