މިއަހަރު އޮކުޓޫބަރު 24 ގައި ހުޅުވުނު މުޙައްމަދު ގާސިމް ޕްރީސްކޫލަކީ ހުޅުމާލެ ފޭސް އެކެއްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށް މީގެ ތިން އަހަރު ކުރިން އެޗްޑީސީއާއި ހަވާލުކޮށްފައިވާ އިމާރާތެކެވެ.
2018 ވަނަ އަހަރު މި ސުކޫލު ބޭނުންކުރީ ކެންޕެއިން ޖަގަހައެއްގެ ގޮތުގައެވެ. އަދި ކޮވިޑް 19 ބަލިމަޑުކަން ފެށުމާއެކު މި ސުކޫލު އިމާރާތުގައި ފުލޫ ކުލިނިކު ހިންގިއެވެ.
ރާއްޖޭގައި ސަރުކާރުން އެންމެ ފަހުން ޕްރީސުކޫލެއް ހިންގާފައިވަނީ 1970 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. ނާސަރިއްޔާ މޮންޓެސޫރި ސުކޫލު – މިހާރުގެ އިސްކަންދަރު ސުކޫލަކީ ސަރުކާރުން ހިނގި ހަމައެކަނި ޕްރީސުކޫލެވެ. ނާސަރިއްޔާ މޮންޓެސޫރި ސުކޫލު އިސްކަންދަރު ސުކޫލަށް ބަދަލުކޮށް ގުރޭޑު ކިލާސްތައް އުފެއްދުމަށް ފަހު ސަރުކާރުންވަނީ ޕްރީސުކޫލުމަރުޙަލާ ކިޔަވާދިނުން ހުއްޓާލާފައެވެ. ސަރުކާރުން ޕްރީސުކޫލު ޚިދުމަތް އަލުން ދޭން ފަށައިފައިވަނީ 15 ޖުލައި 2015 ވަނަ އަހަރުއެވެ. އެއީ އޭރުގެ ސަރުކާރުން ލާމަރުކަޒީ ޤާނުނަށް ގެނައި އިސްލާހާއި ގުޅިގެން ސިޓީ ކައުންސިލުތަކުން ދެމުންގެންދިޔަ ބައެއް ޚިދުމަތްތައް ކަމާއި ގުޅުން ހުރި ބައެއް ވުޒާރާތަކަށް ބަދަލު ކުރުމާއި ގުޅިގެންނެވެ. އަދި ސަރުކާރުގެ 14 އަހަރުގެ ހިލޭ ތަޢުލީމުގެ ސިޔާސަތުގެ ދަށުން އަތޮޅު ތެރޭގައި ސަރުކާރުން ހިންގާ ސުކޫލުތަކުގައި 2016 ވަނަ އަހަރުން ފެށިގެން ޕްރީސުކޫލު މަރުޙަލާ ވަނީ ތަޢާރަފް ކުރެވިފައެވެ. ނަމަވެސް ފުރަ މާލޭގައި ސަރުކާރުން ހިންގާ ސުކޫލުތަކުގައި އަދިވެސް ޕްރީސުކޫލު މަރުޙަލާ ތަޢާރަފްކޮށްފައި ނުވެއެވެ. މިކަމުގެ ސަބަބެއްކަމަށް ވަނީ މާލޭގެ ސުކޫލުތަކުގެ ތޮއްޖެހުން ބޮޑުކަމެވެ. ހުޅުމާލެ އަދި މޭލެ އަތޮޅު ވިލިނގިލީގައި ސަރުކާރުން ހިންގާ ސުކޫލުތަކުގައި 2016 ވަނަ އަހަރުން ފެށިގެން ޕްރީސްކޫލް މަރުޙަލާ ވަނީ ތަޢާރަފް ކުރެވިފައެވެ.
ވިލީގިނލީގައި އަމިއްލަ ފަރާތަކަށް ދީގެން ހިންގި ޕްރީސުކޫލުވެސް މިހާރު ހިންގަނީ ސަރުކާރުކާރުން އެރަށުގައި ހިންގާ މުޙިއްދީން ސްކޫލްގެ ބައެއްގެ ގޮތުގައެވެ. 2019-2020 ވަނަ ދިރާސީ އަހަރުގެ ނިމުމާއި އެކު ވިލިންގިލީގައި ހިންގި ބަދަހި ޕްރީސްކޫލް ވަނީ ހިންގުން ހުއްޓަލާފައެވެ. އެ ސުކޫލު ހިންގައިފައިވަނީ ސަރުކާރުން ހިލޭ ދޫ ކޮށްފައިވާ އިމާރާތެއްގައެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމެން އުޅެނިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 2 ފަހަރެއްގެ މަތިން ޢިއުލާންކޮށްވެސް އެ ރަށުގައި ޕްރީސްކޫލް ހިންގާނޭ ބަޔަކު ނުވިއެވެ. އެހެންކަމުން ވިލިގީލީގައި ހުންނަ ޕްރީސްކޫލް މިހާރު ހިންގަނީ މުޙިއްދީން ސުކޫލުގެ ބައެއްގެ ގޮތުގައެވެ.
ސަރުކާރުން ވަކި ޕްރީސުކޫލު ހިންގުން ހުއްޓާލިތާ 40 އަށް އަހަރުފަހުން ހުޅުމާލޭގައި ސަރުކާރުން މިވަނީ 24 އޮކުޓޫބަރު 2021 ގައި ޕްރީސުކޫލެއް ހުޅުވާފައެވެ. ތަޢުލީމުގެ ޤާނުނު 2020/24 މިހިންގާ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ 10 ވަނަ ދުވަހު ތަންފީޒުކުރެވެންފެށުމާއި ގުޅިގެން ޕްރީސްކޫލް ތަޢުލީމަކިވެސް މަޖުބުރު ތަޢުލިމުގެގޮތުގައި ވަނީ ހެމެނިފައެވެ. އަދި ދިވެހީ ރާއްޖޭގައި ދިރިއުޅޭކޮންމެ ކުއްޖަކަށްވެސް ހިލޭ ޕްރީ ސުކޫލު ތަޢުލިމު ކަށަވަރުކޮށްދިނުން ސަރުކާރުގެ މައްޗަށް މި ޤާނޫނުން ވަނީ ލާޒިމުކޮށްފައެވެ.
މި ހުޅުވުނު މުހައްމަދު ޤާސިމް ޕްރީސުކޫލަކީ މއ. ފިތުރޯނުގެ އަލީ ފިރާގު އެނާގެ ބައްޕަގެ ހަދާނުގައި އިމާރާތްކޮށް ހިންގުމަށް ސަރުކާރަށް ހަދިޔާކޮށްފައިވާ ސުކޫލެކެވެ. "މުޙައްމަދު ޤާސިމް ޕްރީސްކޫލް" އަކީ 10 ކިލާސްރޫމާއި، ހޯލަކާއި، ކޮމްޕިއުޓަރ ރޫމަކާއި ހެލްތު ރޫމައި ކައުންސިލަރޫމާއި ސްޓާފްރޫމް އަދި އިދާރީ ހިންގުމަށް ބޭނުންވާ ޖަގަހަތައް އެކުލެވިގެންވާ ސުކޫލެކެވެ. މި ސުކޫލު އިމާރާތްކޮށް ސަރުކާރާއި ހަވާުކޮށްފައިވަނީ ސުކޫލު ހޯލު ފިޔަވައި ހުރިހާ ތަނެއްވެސް އެއަރކޮންޑިޝަންކޮށްފައެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި މުޙައްމަދު ޤާސިމް ޕްރީސްކޫލަކީ 750 ދަރިވަރުންގެ ޖާގައިގެ ސުކޫލެކެވެ. މި ސުކޫލު މިހާރު ހިންގުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަށެވެ. މި ސުކޫލު ހުޅުވިއިރު ދަރިވަރުންގެ އާބާދީ އަކީ 24 އެވެ. ނަމަވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެކޭ ގޮތުގައި އިސާހިތަކު މި ސުކޫލުގެ އާބާދީ އިތުރުވެގެން ދާނެއެވެ. މުޙައްމަދު ޤާސިމް ޕްރީސުކޫލުގެ ޕްރިންސިޕަލަކީ ހެންވެއިރު އަވަށު ޕްރީސްކޫލް "އަމީރު އަޙުމަދު ޕްރީސްކޫލް" ގެ ޕްރިންސިޕަލް ކަމުގައި މިހާތަނަށް ހުންނެވި އަލްފާޟިލާ ޚަދީޖާ ހުސެއިންނެވެ. ސުކޫލުގައި މިވަގުތު ތިއްބެވި 6 ޓީޗަރުންނަކީވެސް ޕްރީސުކޫލު ގައި ކިޔަވާދިނުމުގެ ތަޖުރިބާ ލިބި ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލުކޮށްފައިވާ ޓީޗަރުންނެވެ.
މުޙައްމަދު ޤާސިމް ޕްރީސުކޫލު ރަސްމީކޮށް ހުޅުވައިދެއްވީ ދިވެރިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި ސުކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެޑްވައިޒަރ ޑޮކްޓަރ މުސްޠަފާ ލުތުފީ، އަދި ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީގެ އިތުރުން އެމިނިސްޓްރީގެ އިސް ފަރާތައް ބައިވެރިވެ ވަޑައިގަތެވެ.