ޗައިނާއިން ޔޫއޭއީގެ ބަދަނރެއްގައި ހަދަމުން ދިޔަ ސިއްރު ޕްރޮޖެކްޓެއް އެމެރިކާއިން ހުއްޓުވައިފިއެވެ. އެމެރިކާއިން ވަނީ އެގައުމުން ހޮދާފައިވާ ޖާސުސީ މައުލޫމާތު ޔޫއޭއީއާއެކު ހިއްސާކޮށް އެތައް ބުރެއްގެ މަތިން މަސްއޫލުވެރިންނާ ވާހަކަ ދައްކާފައެވެ. އެމެރި ފަހުން ޔޫއޭއީން އެމެރިކާގެ ބަސް ގަބޫލުކޮށްގެން ޗައިނާގެ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓުވީކަމަށް ވޯލްސްޓްރީޓް ޖާނަލްއިން ބުނެއެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ޗައިނާއިން ޔޫއޭއީގައި ހިންގާ ބަނދަރެއްގައި މިލިޓަރީ މަރުކަޒެއް ބިނާ ކުރުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި މި ޕޮރޮޖެކްޓް ކުރިއަށް ގޮސްފިނަމަ، މެދުއިރުމަތީގައި އެމރިކާގެ އެންމެ ގާތް ބައިވެރިޔާގެ ގުޅުމަށް އަސަރު ކުރާނެ ކަމަށް އެމެރިކާއިން ޔޫއޭއީއަށް އެންގިއެވެ. އަދި މި ޕްރޮޖެކްޓްގައި އަސްކަރީ ބޭނުމަށް ކުރަމުންދާ މަސައްކަތްވެސް އެމެރިކާއިން ޔޫއޭއީއާއެކު ހިއްސާ ކުރިއެވެ.

ޗައިނާއަކީ އިންޑިއާ ކަނޑާއި އަދަން ކަނޑު އޮޅީގެ ސަރަހައްދުގައި މުހިންމު މަރުކަޒުތައް ގެންގުޅޭ ގައުމެކެވެ. ޕާކިސްތާޏްގެ ގަވަދާރު ޕޯޓާއި މިޔަންމާގެ އިރާވަޑީ ސަރަހައްދުގެ ބަނދަރާއި އެފްރިކާގެ މުލީގައި ޖިބޫޓީގެ އަސްކަރީ މަރުކަޒާއި ކޮލޮމްބޯ ބަނދަރާއި ލަންކާގެ ހަމްބަންޓޯޓާ ބަނދަރަކީ ޗައިނާގެ ތަންތަނެވެ.

އެމެރިކާގައި ހންނަ ޔޫއޭއީގެ އެމްބަސީން ބުނެފައި ވަނީ އެއްވެސް ފައްތަރެއްގައި އެއްވެސް ގޮތަކަށް ޗައިނާއާއެކު އަސްކަރީ މަރުކަޒެއް ޔޫއޭއީގައި ގާއިމް ކުރުމަށް ރާވައި ވާހަކަ ދައްކައި މަޝްވަރާ ކޮށްފައެއް ނުވާނެއެވެ.