ޗައިނާގެ ކިޔަވާ ކުދިންނަށް ލުޔެއް ދިނުމަށް ކަމަށް ބުނެ ސަރުކާރުން ހިންގަމުން ގެންދާ ކެމްޕޭންގެ ސަބަބުން ޗައިނާގެ އުގަންނައި ދިނުމާ ބެހޭ މަސައްކަތުގައި އުޅޭ ކުންފުނިތަކުގެ ހިއްސާގެ އަގު ވެއްޓިއްޖެއެވެ.

ޗައިނާ ސަރުކާރުގެ ކެމްޕޭންގައި ބުނަނީ ކުދިންނަށް ދޭ ހޯމް ވޯކްގެ މަސައްކަތްތައް މަދު ކުރާށެވެ. އަދި ޕްރައިވެޓް ޓިއުޝަން ދިނުން ހުއްޓާލާށެވެ. މިމައްސަލައާ ގުޅިގެން އަމިއްލައަށް މިފަދަ މަސައްކަތް ކޮށްއުޅޭ އެތައް ކުންފުންޏެއްގެ ހިއްސާގެ އަގުތައް ވަނީ ވެއްޓިގެން ގޮސްފައެވެ. އަދި އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ޗައިނާއާއި ޗައިނާއިން ބޭރުގައި ލިސްޓްކޮށްފައިވާ ޙިއްސާ ވިއްކާ އެޑިއުކޭޝަނަލް ކުންފުނިތަކުގެ ހިއްސާގެ އަގުތައް ވެއްޓުމާ ގުޅިގެން ތައުލީމީ ދާއިރާގެ 300 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އިގްތިސާދީ މާހިރުން ދަނީ ބުނަމުންނެވެ.