ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާ ފޮނުވި ޗިޓްގައިވާ ވަގުތަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ހާޒިރު ނުވުމުން އެ އޮފީސް 250 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި 12 އަހަރަށް ޖަލަށްލާން ހުކުމް ކުރި ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 9:00 އަށް އޮތީ ތާވަލު ކޮށްފައެވެ.

ނަމަވެސް އެ އަޑުއެހުން 09:20ގައި ފަށާފައި ވާއިރު ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ވަގުތަކީ ރަނަށް ވުރެ ވެސް އަގުބޮޑު އެއްޗެއް ކަން ފާހަގަކުރައްވާ ވަގުތަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ހުސްނުއްސުއޫދު ވިދާޅުވީ ކޯޓަކުން ވަކި ގަޑިއަކަށް ހާޒިރުވާން އަންގާފައި ވާނަމަ އެ ގަޑިއަކަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި ހާޒިރުވާން އަންގާ ޗިޓަކީ ވެސް ކޯޓުގެ އަމުރެއް ކަމަށާއި ކޯޓު އަމުރުތަކަށް ތަބާވުމަކީ ކޮންމެ މީހެއް އަދި ކޮންމެ މުއައްސަސާއެއްގެ މައްޗަށް ވެސް މަޖުބޫރު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަޑުއެހުމަށް 11 މިނެޓް ލަސްވުމުން އެކަމުގެ އަދަބެއްގެ ގޮތުން ޕީޖީގެ އޮފީސް 250 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވާއިރު ޖޫރިމަނާ ހަތް ދުވަސް ތެރޭ ދައްކަން ޖެހޭނެ ކަމަށް ހުސްނުއްސުއޫދު ވިދާޅުވިއެވެ.