ޕާކިސްތާންގެ ގަވަދާރުގައި ހައްގު ހޯދަން ބޮޑެތި މީހުން މުޒާހަރާ ކުރަމުން ދަނިކޮށް ކުޑަ ކުދިންވެސް އެ މުޒާހަރާގައި ބައިވެރި ވެއްޖެއެވެ. ގަވަދާރުގައި ތަނުގެ ވަޒަންވެރިންނަށް އެމީހުންގެ ހައްގުތައް ނުލިބޭ ކަމަށް ބުނެ ހިސާބުގެ މީހުން ދަނީ މަގުމަތީގައި އިށީގެން ތިބެ މުޒާހަރާ ކުރަމުންނެވެ.

މިމީހުން މުޒާހަރާ ކުރަމުން ދަނިކޮށް ކުޑަކުދިންވެސް ވަނީ ރަށުގެ އެކި ހިސާބުތަކުން ހިނގާފައި މުޒާހަރާކޮށް ގޮސް އެމީހންގެ ބެލެނިވެރިންނާ ބައިވެރިވެފައެވެ. މިކުދިން ހިފައިގެން ތިބި ބޯޑުތަކުގައި އަހަރެންގެ ބައްޕަ ހާސްވެފައި ހުންނަނީ ކީއްވެހޭ ފަދަ އިބާރާތްތައް ލިޔެފައި ވެއެވެ.

މި މުޒާހަރާ އިންތިޒާމު ކުރި ފަރާތަކީ މައުލާނާ ބަލޯޗެވެ. އޭނާ ބުނާ ގޮތުން ގަވަދާރު މީހުންނަކީ މަސްވެރި ބައެކެވެ. އެމީހުންނަށް މަސްވެރިކަން ކުރަން ފުރުސަތު ނުލިބެނީ، ޗައިނާގެ ގަވާއިދާ ޚިލާފަށް ގަވަދާރަށް ވަދެގެން އުޅޭ ބޯޓްތަކުގެ ސަބަބުންނެވެ. އަދި ގަވަދާރުގައި ގިނަ އަދަދަކަށް ޗައިނާ މީހުން އުޅޭތީ ރާވިއްކުން އާންމު ވެފައިވާތީ އެކަން ހުއްޓުވުމަށްވެސް އޭނާ ސަރުކާރަށް ގޮވާލި އެވެ. އޭނާ ބުނީ ސަރުކާރުން މި ކަންކަން ހައްލު ކޮށް ނުދެނީނަމަ، 127 ދުވަސް ވަންދެން އެމީހުން އިށީދެގެން އިހުތިޖާޖު ކުރަމުންދާނެ ކަމަށެވެ. އިމްރާން ޚާންވެސް ވަނީ ކުރީގެ ބޮޑު ވަޒިރު ނަވާޒް ޝަރީފާ ދެކޮޅަށް 126 ދުވަސް ވަންދެން އިށީދެ އިނދެގެން އިހުތިޖާޖު ކޮށްފައެވެ.