ހިޔާ ފްލެޓް އަޅާފައިވަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި، އެތަން ތަޅާލަންވެސް ވިސްނި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ފަންސަވީސް ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން އެޅުމަކީ ގޯސް ޕްލޭނެއް ކަމަށެވެ.

"އައްޑޫސިޓީގެ އާބާދީއަށް ވުރެ ބޮޑު އާބާދީއެއް ކުޑަކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި ބާއްވަން، އެޕްލޭން ކުރުން އެއީފުރަތަމަ ގޯސް ނިންމުމެއް." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެތަނަކީ ކޮތަރު ކޮށްޓެކޭ ބުނުމުން އޭނާއަށް ގިނަ ފާޑުކިޔުންތައް އަމާޒުވި ކަމަށާއި، އަދި ފްލެޓް ދިނުމަށް ބުނަމުން ދިޔަ ކަމަށެވެ. އެހެންކަމުން ފްލެޓް "އެހެރީ ދީފަ" ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"ވިސްނިން ތަޅާލަން ވެސް. އަޅުގަނޑު އަމިއްލައަށް އެކަނި ނިންމާ ނިންމުމެއް ނަމަ ތަޅާލީމުސް." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.