ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އަމިއްލަ ބޯޓު ފުރަތަމަ ފަހަރަށް މުދަލާއެކު ރާއްޖެ އަތުވެއްޖެއެވެ.

“އެމްއެސްއެސް ގަލޭނާ” މިއަދު ހެނދުނު މާލޭ ކޮމާޝަލް ހާބަރަށް ބަނދަރު ކުރުމާ ގުޅިގެން އެމްޕީއެލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ބޯޓްގެ ފުރަތަމަ ދަތުރުގައިވެސް ރާއްޖެ އައިސްފައިވަނީ ފުލް ކާގޯއާއެކުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެސްއެސް ގެ ޖެނެރަލް މެނޭޖަރު ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވީ މިއީ ދިވެހި ތާރިހުގައި އެމްއެސްއެސްގެ ނަން ރަން އަކުރުން ފެވިގެން ދާނެ ތާރީހީ ދުވަހެއް ކަމަށެވެ.

އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު ބޯޓް ރާއްޖެ ގެނައުމަށްފަހު ރީބްރޭންޑްކުރުމަށް ސްރީލަންކާގެ ޑޮކްޔާޑަށް ބޯޓް ގެންދިއައެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ އުފައްދާފައިފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ކުންފުނީގެ ފުރަތަމަ ބޯޓް އެ އަހަރުގެ އޭޕްރީލްމަހުގެ 5 ވަނަ ދުވަހު ރާއްޖެގެނެސް ޚިދުމަތް ފަށާފައިވާއިރު ސްރީލަންކާއާ ރާއްޖެއާ ދެމެދު ކޮންމެ ދިހަ ދުވަހަކުން ދަތުރެއް ކުރެއެވެ.

އެމްއެސްއެސްގެ ފުރަތަމަ އަމިއްލަ ބޯޓްގެ ކްރޫއިންގެ 99 އިންސައްތައަކީ ދިވެހިންނެވެ.