ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ބަންގްލަދޭޝްއަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޢަބްދުލް ޙާމިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ރައީސް ވަނީ ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޑާކާގެ ހޮޓެލް އިންޓަރކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.
ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިއަދު ވަނީ އެ ޤައުމުގެ އެޑްވައިޒަރ ޓު ދަ ޕްރައިމިނިސްޓަރ، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން، އާއި ވަކިވަކީން ބައްދަލުކުރައްވައިފައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އެޑްވައިޒަރ ހިސް އެކްސެލެންސީ ސަލްމާން ރަޙްމާނާއެވެ. މި ބައްދަލުކުރެއްވުމުގައި، ކޮވިޑް-19ގެ ސަބަބުން ދެ ޤައުމަށް ވެސް ކުރިމަތިވެފައިވާ ގެއްލުންތަކާ ގުޅިގެން، ރާއްޖެއާއި ބަންގްލަދޭޝްގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، ޞިއްޙީ ޚިދުމަތުގެ އެކި ދާއިރާތަކުން ޚާއްޞަ ވެގެން، ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ވެސް ރާއްޖެއަށް ބޭނުންވާ ކަމުގައި ވިދާޅުވެފައެވެ. އަދި ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަށް ފަހު ދެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް، ޢިމްރާން އަޙްމަދާއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މަސައްކަތްތެރިން ވީ އެންމެ އަވަހަކަށް ރެގިއުލަރައިޒް ކުރުމަކީ، ސަރުކާރުގެ އަމާޒެއްކަމުގައި ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވާފައެވެ. އަދި، ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ މީހުންގެ ބޭނުން، މިހާރަށްވުރެ ފަސޭހައިން ހިފުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ހުރިހާ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމުގައި، މިނިސްޓްރީގެ އެހީއަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މުވައްޒަފުންގެ 'ކްރިޓިކަލް ސްކިލް' އިތުރުކުރުމަށް ޓެކްނިކަލް ޓްރެއިނިންގ އާއި ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ވަރކް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމުގައި ދެޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވެވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެން ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ހިސް އެކްސެލެންސީ އެމް.ޑީ. ޒާހިދު އަހްސަން ރަސަލްއާއެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ކުޅިވަރު ދާއިރާ ތަރައްޤީކުރުމަށް، އެތުލީޓުންނަށް ޚާއްޞަ ޓްރެއިނިންގ ކޭމްޕްތަކާއި، ކުޅިވަރުގެ ދާއިރާގެ އެކި ފަންނުތަކުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ވަނީ 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) ގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން 14 އަހަރުގެ ދިވެހި އަންހެން ކުޅުންތެރިޔާ ދީނާ ދެއްކި ކުޅުމަށް ތަޢުރީފު ކުރައްވައި، ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ޤާބިލުކަން ހުރި މިންވަރު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ކްރިކެޓް އަލުން ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގައި ކުޅުމަށް އޯލް ސިސްޓާ ބަންގްލަދޭޝްގެ ކްރިކެޓް ޓީމެއް މިހާރު ރާއްޖެ އަތުވެއްޖެނަމަ ކުޅިވަރުގެ ރޮނގުން ކުރިއަރާފައިވާ ޒުވާނުންނާއި، އަމިއްލަ ފަރުދުންގެ ސަމާލުކަން ކްރިކެޓަށް ލިބިގެންދާނެ ކަމަށް ބެލެވޭކަމުގައި ވިދާޅުވެފައެވެ.
މިއަދު ދެން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބައްދަލުކުރައްވާފައިވަނީ ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ އެޑިއުކޭޝަން މިނިސްޓަރ ހަރ އެކްސެލެންސީ ޑޮކްޓަރ ދީޕޫ މޮނީއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޞިއްޙީ ދާއިރާއާއި އިންޖިނިއަރިންގ ފަދަ ދާއިރާތަކުން ޚާއްޞަ ތަޢުލީމީ ފުރުޞަތުތައް އިތުރުކުރުމަށާއި، ތަޢުލީމީ ރެގިއުލޭޓަރީ ބޮޑީތަކުގައި ސްޓޭންޑަރޑް ޕްރެކްޓިސްތައް އުފެއްދުމަށް ބޭނުންވާ ފަންނީ ތަޖުރިބާ ކާރުން ބިނާކުރުމަށް ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ އިންސްޓިޓިއުޝަންތަކުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ދިނުމާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އެޑްވައިޒަރާއި، އެޤައުމުގެ ބައެއް މިނިސްޓަރުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުންތަކަށްފަހު، އެމަނިކުފާނު ވަނީ ސައުތު އީސްޓް އޭޝިއަން ފައުންޑޭޝަން (އެސް.އީ.އޭ.ސީ.އޯ)ގެ ޗެއަރމަން ޞަލާޙުއްދީން ކަސެމް ޚާން އާއި ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޗިޓަގޮންގް ޔުނިވަރސިޓީގައި ކިޔެވުމަށް ދިވެހި ދެ ދަރިވަރަކަށް ދެއްވާ ސްކޮލަރޝިޕްގެ ފުރުޞަތު ފަހިކޮށްދިން ސިޓީ ޤަބޫލުފުޅު ކުރައްވާފައެވެ.
އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޔުނިވަރސިޓީ އޮފް އޭޝިޔާ ޕެސިފިކްގެ އެކްޓިންގ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑޮކްޓަރ ސުލްޠާން މަޙްމޫދުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެއް ދަރިވަރަކަށް ދެއްވި ފުލް ސްކޮލަރޝިޕްގެ ފުރްޞަތާއި، އަދި އިތުރު އެއް ދަރިވަރަކަށް ޕާރޝަލް ފީ މަޢާފުކޮށްދިނުމުގެ ފުރުޞަތު، ޤަބޫލުފުޅު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުމުޑީނީ ވެލްފެއަރ ޓްރަސްޓްގެ މެނޭޖިންގ ޑިރެކްޓަރ ރަޖީވް ޕްރަސާދް ޝާހާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބެޗްލަރސް އޮފް ޑެންޓިސްޓްރީ (ބީޑީއެސް) ކިޔެވުމަށް ދިވެހި 5 ދަރިވަރަކަށް ދެއްވި ޚާއްޞަ ސްކޮލަރޝިޕާއި، ދިވެހި 2 ދަރިވަރަކަށް މާސްޓަރ އޮފް ސައިންސް (އެމްއެސްސީ) އިން ނަރސިންގ ކިޔެވުމަށް ދެއްވި ފުރުޞަތު ޤަބޫލުފުޅުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
- ޚަބަރާއި ފޮޓޯ ރައީސް އޮފީސް